
ވައިޓްކެޕްސް އާއި އިންޓަ މިއާމީ ވާދަކުރި މެޗުގެ ތެރެއިން..
ވައިޓްކެޕްސް އަތުން ބަލިވެ އިންޓަ މިއާމީ ކޮންކަކާފް ޗެމްޕިއަންސް ކަޕުން ކަޓައިފި

ހަސަން ޝަމްއޫން - 01 މޭ 2025 - 07:10
ކޮންކަކާފް ޗެމްޕިއަންސް ކަޕް ސެމީފައިނަލްގެ ދެވަނަ ލެގުގައި ރޭ ފަތިހު އަމިއްލަ ދަނޑުގައި ކެނަޑާގެ ވެންކޫވާ ވައިޓްކެޕްސް އަތުން 3-1 ގެ ނަތީޖާއަކުން ބަލިވެ އިންޓަ މިއާމީ މުބާރާތުން ކަޓައިފިއެވެ.
މުބާރާތުގެ ސެމީފައިނަލުން އިންޓަ މިއާމީ ޖާގަހޯދީ ކުއާޓާ ފައިނަލުގައި 4-1 ގެ އެގްރިގޭޓް ނަތީޖާއަކުން ލޮސް އެންޖެލިސް އެފްސީ ބަލިކުރުމަށްފަހު އެވެ. އަދި ވައިޓްކެޕްސް ސެމީފައިނަލުން ޖާގަހޯދީ ކުއާޓާ ފައިނަލުގައި މެކްސިކޯގެ ޕޫމާސް ކަޓުވާލުމަށްފަހު އެވެ.
މިދެޓީމު ވައިޓްކެޕްސް ދަނޑުގައި ކުޅުނު ސެމީފައިނަލް ފުރަތަމަ ލެގުގެ މެޗު 2-0 ގެ ނަތީޖާއަކުން އެޓީމުން ކާމިޔާބުކޮށްފައިވާއިރު، ވައިޓްކެޕްސް ފައިނަލުން ޖާގަހޯދީ 5-1 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ އިންޓަ މިއާމީ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ ނުވަވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ތަޖުރިބާކާރު ޑިފެންޑަރު ޖޯޑީ އަލްބާ އެވެ. މިއީ އެޓީމު އުރުގުއޭ ފޯވާޑް ލުއިސް ސުއަރޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ވައިޓްކެޕްސް އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ފަހުހާފުގެ 51 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް ބްރަޔަން ވައިޓް އެވެ. އަދި އޭގެ ދެމިނެޓް ފަހުން އެޓީމުގެ އެކުއަޑޯ މިޑްފީލްޑަރު ޕެޑްރޯ ވިޓޭ ވަނީ އިތުރު ލަނޑެއް ކާމިޔާބު އެޓީމަށް ލީޑު ހޯދައިދީފައެވެ. އަދި އެޓީމުން ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ 71 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޒުވާން މިޑްފީލްޑަރު ސެބެސްޓިއަން ބާހަލްޓާ އެވެ. އަދި މިއީ މިމުބާރާތުގައި ބާހަލްޓާ ކާމިޔާބުކުރި ހަވަނަ ލަނޑެވެ.
މީގެ އިތިރުން މިމެޗުގައި ވައިޓްކެޕްސްގެ ފުރަތަމަ ދެލަނޑު ކާމިޔާބުކުރުމަށް ފުރުސަތު ތަނަވަސްކޮށްދިނީ ވެސް މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ސެބެސްޓިއަން ބާހަލްޓާ އެވެ.
ގުޅުން ހުރި ޙަބަރުތައް

ބާކީ ހަތަރު މެޗު އޮއްވައި ލިވަޕޫލުން ލީގު ޗެންޕިއަންކަން ކަށަވަރުކޮށްފި
22 ދުވަސް ކުރިން

ފޮރެސްޓް ބަލިކޮށް މެންޗެސްޓާ ސިޓީ އެފްއޭކަޕް ފައިނަލުން ޖާގަ ހޯދައިފި
22 ދުވަސް ކުރިން

ރަށުން ބޭރުގައި ޕީއެސްޖީ އިން އާސެނަލް ބަލިކޮށްފި
20 ދުވަސް ކުރިން

ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވި އަލް ނަސްރު ޗެންޕިއަންސް ލީގުން ކަޓައިފި
19 ދުވަސް ކުރިން