
އަޟްޙާ ޢީދަކީ، މި އުންމަތް އެއް ސަފަކަށް ތަރުތީބު ކޮށްދޭ، އޯގާތެރިކަމުގެ ދެމެހެއްޓެނިވި މިސާލެއް: ރައީސް

އާމިނަތު ޝަޒްލާ - 26 މޭ 2026 - 13:58
އަޟްޙާ ޢީދަކީ، މުޅި މުސްލިމް މި އުންމަތް އެއް ސަފަކަށް ތަރުތީބު ކޮށްދޭ، އޯގާތެރިކަމުގެ ދެމެހެއްޓެނިވި މިސާލެއް ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އަޟްޙާ ޢީދުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ޙިތާބުގައެވެ.
އަޟްޙާ ޢީދުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ޙިތާބުގައި ރައީސް ވިދާޅުވީ މާތްވެގެންވާ ޢަރަފާތު ބިމުގެ ހަމަހަމަކަމުން ފެށިގެން، ކޮންމެ ދިމާއަކަށްވެސް ފެތުރިގެންދާ މި އުފާވެރިކަމަކީ، އިންސާނީ ކުލުނުގެ އެންމެ އަލިގަދަ އެއް ރަމްޒު ކަމަށާއި، އުޟްޙިޔާ ކަތިލުމާއި، އެކިއެކި ހަދިޔާބަދިޔާ ބަދަލުކޮށް، ތަނަވަސްކަމުގެ އަހުލުވެރިން ނިކަމެތި ފަޤީރުންނަށް އެކި ގޮތްގޮތުން އެހީތެރިވެދީ ހެދުމަކީ، މުޖުތަމަޢުގެ އިޖުތިމާޢީ ފޭރާން ރަނގަޅުވެ، އެކުވެރި ބަދަހި ބައެއްގެ ގޮތުގައި ކުރިއަށް ދިޔުމުގެ ހިތްވަރު އާވެގެންދާ ކަންކަން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި މިއީ، މަޢާފުކުރުމުގެ ފިނި ރޯޅިން އަޅުގަނޑުމެންގެ ހިތްތަކަށް ދިރުން ގެނެސްދޭ މޫސުމުން ކަމަށާއި، މައިންބަފައިންނާއި ގާތް ތިމާގެ މީހުންނާއެކުގައި ޢާއިލީ ލޯބި އާލާކުރުމަށް އޮތް އެންމެ ފަހި އެއް ފޯވައްސެއް ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ބަރަކާތްތެރި ޢީދު ދުވަސް މިންވަރު ކުރެއްވިކަމަށްޓަކައި މާތްﷲއަށް ޙަމްދާއި ޝުކުރު ދަންނަވާފައެވެ. އަދި ޢީދުގެ ކުޅިވަރުތައް ކުޅެ އުފާފާޅުކުރުމުގައިވެސް އިސްލާމީ ރިވެތި އުސޫލުތަކާއި ދިވެހީންގެ ރީތި އާދަކާދަތަކާއި ބީރައްޓެހި ކަންކަމުން ދުރުވެތިބެ ޢީދު ފާހަގަކުރުމަށް ވެސް ރައީސް އިލްތިމާސްކުރެއްވިއެވެ.
މާދަމާގެ އުންމީދު ކަމުގައިވާ ޒުވާން ޖީލަށް ރިވެތި އަޚުލާޤީ ސިފަތައް ދަސްކޮށްދީ، މުޖުތަމަޢުގެ ނިކަމެތިންނާއި އެކަނިވެރިންގެ ހިނތުންވުމަކީ، ތިމާގެވެސް އުފާކަމުގައި ދުށުމަށް މި ޢީދުން ދަސްކޮށްދޭކަން ހަނދާން ކުރަން ޖެހޭ ކަމަށާއި، މި ޢީދުގެ ސަބަބުން އާލާވެގެންދާ އެއްބައިވަންތަކަމުގެ މާތް ގުޅުމަކީ، މުޅި ޤައުމުގައި އަމާންކަމާއި ސުލްހަވެރިކަން ދެމެހެއްޓުމަށް ލިބިދޭ ވަރުގަދަ ބާރެއް ކަމަށާއި، ޢީދުގެ ޙަޤީޤީ ޖައުހަރަކީ، ތަޤުވާވެރިކަމުގެ ސާފު ފޭރާމުން ނަފުސް ޒީނަތްތެރިކޮށް، ދީނާއި ޙައްޤުގެ މަގު އިސްކުރުމުގެ ޢަޒުމް އާކުރުން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ޢީދުގެ އެކިއެކި ކުޅިވަރުތައް ކުޅެ އުފާފާޅު ކުރައްވަމުން ގެންދާއިރު، އިސްލާމީ ރިވެތި އުސޫލުތަކުގައި ހިފަހައްޓަވައި، ދިވެހީންގެ ރީތި އާދަކާދަތަކާ ބީރައްޓެހި ކަންކަމުން ދުރުވުމަށް ރައްޔިތުންނަށް ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ.
ރައީސް ވިދާޅުވީ އިޚުލާޞްތެރި ދުޢާއަކީ، މި ޢީދަކީ، އަމާންކަމާއި، ބާއްޖަވެރިކަމުން ފުރިގެންވާ މުނާސަބަތެއް ކަމުގައި ލެއްވުން ކަމަށެވެ. އަދި މި ޢީދުގެ ބަރަކާތްތެރި ދުވަސްތައް، އުފާވެރިކަމާއި ބާއްޖަވެރިކަމާއެކު އަބަދުވެސް މި ދީބުގައި ތަކުރާރުވަމުން ދިޔުން ކަމަށާއި، ދިވެހި ޤައުމާއި، އަދި މުޅި އިސްލާމީ އުންމަތް، ސަލާމަތާއި ރައްކާތެރިކަމުގައި އަބަދުމެ ލެހެއްޓެވުން ކަމަށް ވިދާޅުވެ ރައީސް ވަނީ ދުއާ ކުރައްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ރައީސް، އުރުދުންގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި
ދުވަހެއް ކުރިން

ރަޝިޔާ އިން ޔޫކްރެއިން އަށް ވަރުގަދަ ހަމަލާތަކެއް ދީފި
2 ދުވަސް ކުރިން

އީދު ބަންދާ ދިމާކޮށް މޯލްޑިވިއަންގެ ފްލައިޓްތަކަށް ބާރުބޮޑުވެއްޖެ!
2 ދުވަސް ކުރިން

ނިލަންދޫ އަށް ބޭނުންވާ ތަރައްގީ ގެނައުމުގައި އެންމެ އިންޗިއެއްވެސް ފަހަތަކަށް ނުޖެހޭނަން: ކައުންސިލް ރައީސް
2 ދުވަސް ކުރިން


.gif&w=3840&q=75)