logo
އޮޑި ސްޕޯޓްސް ކުލަބާއި ބުރު ސްޕޯޓްސް ކުލަބު ވާދަކުރި މެޗުގެ ތެރެއިން..

އޮޑި ސްޕޯޓްސް ކުލަބާއި ބުރު ސްޕޯޓްސް ކުލަބު ވާދަކުރި މެޗުގެ ތެރެއިން..

ޕްރެޒިޑެންޓްސް ކަޕް: ބުރު ކަޓުވާލުމަށްފަހު ފައިނަލުގެ ދެވަނަ ޖާގަ އޮޑިން ހޯދައިފި

profile

ހަސަން ޝަމްއޫން - 22 ފެބްރުއަރީ 2026 - 02:14

މިހާރު ކުރިއަށްދާ ޕްރެޒިޑެންޓްސް ކަޕް، ސެމީފައިނަލްގެ ދެވަނަ މެޗުގައި ރޭ ވާދަވެރި ކުޅުމަކަށްފަހު 2-0 ގެ ނަތީޖާއަކުން ބުރު ސްޕޯޓްސް ކުލަބު ބަލިކޮށް އޮޑި ސްޕޯޓްސް ކުލަބުން މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.

https://wamco.com.mv/

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި އޮޑިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފެށިގެން ހަވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު އިސްލާމް ފެކްރީ އެވެ. މިއީ އެޓީމު އަހުމަދު އައިހަމް (އައިހު) ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

އޮޑިން ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ 63 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އަހުޒަމް ރަޝީދު (އަހޫ) އެވެ. މިއީ އެޓީމުގެ އަބްދުﷲ ލޫތު އިބްރާހިމް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މީގެ އިތުރުން ވެސް މިހާފުގައި އޮޑިން ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-0 ގެ ނަތީޖާއަކުން އޮޑި ކުރީގައި އޮވެގެންނެވެ.

މިއާއެކު އަންނަ އަންގާރަ ދުވަހުގެ ރޭ ކުޅޭ މުބާރާތުގެ ފައިނަލުގައި އޮޑި ސްޕޯޓްސް ކުލަބުން ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ އާއި ދެކޮޅަށެވެ. މާޒިޔާ ފައިނަލުން ޖާގަހޯދީ ސެމީފައިނަލުގެ ފުރަތަަމަ މެޗުގައި ޕެނަލްޓީ ޖަހައިގެން ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު ބަލިކުރުމަށްފަހު އެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk