
ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި އޮޑި ސްޕޯޓްސް ކުލަބު ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: މިހާރު
ފަސޭހަކަމާއެކު އޮޑިބަލިކޮށް ނިއުރޭޑިއަންޓް އެފްއޭކަޕް ސެމީފައިނަލުން ޖާގަ ހޯދައިފި

ހަސަން ޝަމްއޫން - 10 އޭޕްރީލު 2026 - 20:28
އެފްއޭކަޕްގެ ކުއާޓާ ފައިނަލްގައި މިރޭ އޮޑި ސްޕޯޓްސް ކުލަބާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން މުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދައިފިއެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މިމެޗު އޮޑިން ވަރުގަދަކޮށް ފެށިއިރު، ނިއުރޭޑިއަންޓުން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 20 ވަނަ މިނެޓުގައެެވެ. މިލަނޑު އެޓީމަށް ލިބުނު ހިލޭޖެހުމަކުން ކާމިޔާބުކޮށްދިނީ ކެޕްޓަން އަލީ ފާސިރު އެވެ. އަދި އޭގެ ނުވަ މިނިޓް ފަހުން، ފާސިރު ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ނިއު އަށް ތިން ވަނަ ލަނޑެއް ޖަހައިދީ، ހެޓްރިކް ފުރިހަަމަ ކުރަން ވެސް ފާސިރަށް ވަނީ ވަރަށް ހުސް ފުރުސަތެއް ލިބިފައެވެ. ނަމަވެސް ކީޕަރު ކައިރިން ނައްޓާލުމަށްފަހު ފާސިރު ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. މިއާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ނިއުރޭޑިއަންޓް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ވަރުގަދަކޮށް ފެށީ އޮޑިންނެވެ. ނަމަވެސް އެޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވިދިޔައިރު، މެޗުގެ 61 ވަނަ މިނެޓުގައި ފާސިރު ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މިމެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. އަދި ނިއުގެ ހަަތަރުވަނަ ލަނޑު މެޗުގެ85 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަލްހާޖީ ގޭރޯ އެވެ. މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-0 ގެ ނަތީޖާއަކުން ނިއުރޭޑިއަންޓް ކުރީގައި އޮވެގެންނެވެ.
މި ސީޒަނުގައި މިދެޓީމު މީގެ ކުރިން ތިން ފަހަރެއްގެމަތިން ވާދަކޮށްފައިވާއިރު، އޭގެ ތެރެއިން އެއްމެޗުން އޮޑި މޮޅުވެފައިވާއިރު، އަނެއް ދެމެޗު ނިމިފައިވަނީ އެއްވަރުވެގެންނެވެ.
ނިއު އިން އަންނަ ބުދަ ދުވަހު ކުޅޭ ސެމީ ފައިނަލު ފުރަތަމަ މެޗުގައި ނުކުންނާނީ ބްލޫ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. ބްލޫ އިން ވަނީ ކުއާޓާ ފައިނަލް ފުރަތަމަ މެޗުގައި، މިއަދު ހަވީރު ޕެނަލްޓީ ޖަހައިގެން، ކްލަބް އީގަލްސް ބަލިކޮށްފަ އެވެ.
މުބާރާތުގައި މާދަމާ ހަވީރު ކުޅޭ ކުއާޓާ ފައިނަލް ތިންވަނަ މެޗުގައި ޓީސީ އިން ނުކުންނާނީ ވިކްޓަރީ ސްޕޯޓްސް ކްލަބާއި ދެކޮޅަށެވެ. އަދި، މާދަމާ ރޭ ކުޅޭ ކުއާޓާ ފައިނަލް ފަހު މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ނުކުންނާނީ ބުރު ސްޕޯޓްސް ކްލަބާއި ދެކޮޅަށެވެ
ގުޅުން ހުރި ޙަބަރުތައް

ބުލޫ ސްޕޯޓްސް ކުލަބު އަތުން ބަލިވެ އީގަލްސް އެފްއޭކަޕް ކުއާޓާ ފައިނަލުން ކަޓައިފި
18 ގަޑިއިރު ކުރިން

ފަހަތުން އަރައި ރާއްޖެ އިން އީސްޓް ޓީމޯ ބަލިކޮށްފި
11 ދުވަސް ކުރިން
.jpg&w=3840&q=75)
ފަހުވަގުތު ނޭޕާލުން ކާމިޔާބުކުރި ލަނޑާއެކު، ރާއްޖެ މުބާރާތުން ކަޓައިފި
15 ދުވަސް ކުރިން

ފަސޭހަކަމާއެކު ޕާކިސްތާން ބަލިކޮށް އިންޑިއާ އިން ސެމީފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފި
16 ދުވަސް ކުރިން


.gif&w=3840&q=75)