logo
އިންޑިއާ އާއި ޕާކިސްތާން ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ސާފް

އިންޑިއާ އާއި ޕާކިސްތާން ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ސާފް

ފަސޭހަކަމާއެކު ޕާކިސްތާން ބަލިކޮށް އިންޑިއާ އިން ސެމީފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފި

profile

ހަސަން ޝަމްއޫން - 26 މާރިޗު 2026 - 13:56

މާލޭގައި މިހާރު ކުރިއަށްދާ ސާފް 20 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ބީގައި މިއަދު ހަވީރު ކުޅުނު މެޗުގައި ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުން ޕާކިސްތާން ބަލިކޮށް ބާކީ އެއްމެޗު އޮއްވައި އިންޑިއާ އިން މުބާރާތުގެ ސެމީފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

https://wamco.com.mv/

މިބާރާތުގެ ގުރޫޕް ސްޓޭޖުގައި ޕާކިސްތާން ކުޅުނު ފުރަތަމަ މެޗުގައި 2-0 ގެ ނަތީޖާއަކުން ބަންގަލަދޭޝް އަތުން މޮޅުވެފައިވާއިރު، މިއީ މުބާރާތުގައި އިންޑިއާ އިން ކުޅުނު ފުރަތަމަ މެޗެވެ.

މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ އިންޑިއާ އިން މެޗު ޑޮމިނޭޓްކުރިއިރު، މެޗުގެ ތިންވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދަފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ވިޝާލް ޔާދަވް އެވެ. މީގެ އިތުރުންވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން އިންޑިއާ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި އިންޑިއާ އިން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މިހާފުގައި އެޓީމުން ވަނީ އިތުރު ދެ ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިދެލަނޑު ވެސް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އޮމަންގް ޑޯޑަމް އެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން އިންޑިއާ ކުރީގައި އޮވެގެންނެވެ.

މިނަތީޖާއެކު ޕާކިސްތާނުން މުބާރާތަ ނިންމާލީ ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން ވެސް ބަލިވެ ޕޮއިންޓެއް ނުލިބި ގުރޫޕްގެ ފުލުގައި އޮވެއެވެ. އަދި މިމެޗުން ހޯދި ތިން ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ގުރޫޕްގެ އެއްވަނައިގައި އިންޑިއާ މިވަގުތު އޮތްއިރު. ގުރޫޕް ފަހު މެޗުގައި ބަންގްލަދޭޝް އާއި އެއްވަރުކޮށްލައިގެން ވެސް ގުރޫޕްގެ އެއްވަނަ ހޯދުމުގެ ފުރުސަތު އެޓީމަށް އެބައޮތެވެ.

މުބާރާތުގައި މާދަމާ ދެމެޗު ކުޅެން ހަމަޖެހިފައިވާއިރު، ހަވީރު ކުޅޭ މެޗުގައި ރާއްޖެ އާއި ނޭޕާލް ވާދަކުރާއިރު، މާދަމާ ރޭ ސްރިލަންކާ އިން ނުކުންނާނީ ބޫޓާން އާއި ދެކޮޅަށެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk