
ނޭޕާލާއި ސްރީލަންކާ ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ސާފް
ދެވަނަ މެޗުން ވެސް މޮޅުވެ ނޭޕާލުން ސެމީގެ ފުރުސަތު ބޮޑުކޮށްފި

ހަސަން ޝަމްއޫން - 25 މާރިޗު 2026 - 13:48
މާލޭގައި މިހާރު ކުރިއަށްދާ ސާފް 20 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް އޭގައި މިއަދު ހަވީރު ކުޅުނު މެޗުގައި 1-0 ގެ ނަތީޖާއަކުން ސްރީލަންކާ ބަލިކޮށް ނޭޕާލުން މުބާރާތުގެ ސެމީފައިނަލްގެ ފުރުސަތު ބޮޑުކޮށްފިއެވެ.
މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ނޭޕާލް ކުޅުނު ފުރަތަމަ މެޗުގައި 2-1 ގެ ނަތީޖާއަކުން ބޫޓާން އަތުން މޮޅުވެފައިވާއިރު، ގުރޫޕް ސްޓޭޖުގައި ސްރީލަންކާ ކުޅުނު ފުރަތަމަ މެޗުގައި އެޓީމުން ވަނީ 3-2 ގެ ނަތީޖާއަކުން ދިވެހިރާއްޖެ ބަލިކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށްކުޅެ ނޭޕާލުން މެޗު ޑޮމިނޭޓްކުރިއިރު، މެޗުގެ ކުރީކޮޅު އެޓީމުގެ ސުބާޝް ބަމް ފޮނުވާލި ބޯޅައެއް ހުރަސްދަނޑީގައި ޖެހިފައި ނުކުތްއިރު ރީބައުންސްގައި އެ ޓީމުގެ ކެޕްޓަން، ދަރުބެންދުރަ ކުންވާރު ބޮލުން ފޮނުވާލި ބޯޅަ ވެސް އަމާޒުވީ ދަނޑިއަށެވެ. އަދި މިމެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ 24 ވަނަ މިނިޓްގައި ނޭޕާލަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ސުބާޝް ބަމް އެވެ.
މިހާފުގައި ލަންކާ ޓީމުން އެންމެ ހުސް ފުރުސަތެއް ލިބުނީ އެޓީމުގެ ކެޕްޓަން ކެޕްޓަން، ހުސެއިން އަބްދުﷲ އަށެވެ. ނަމަވެސް ނޭޕާލުގެ ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ހަމަލާ ގޯލާއި އަމާޒުކޮށްލެވޭގޮތެއް ނުވިއެވެ. މިއާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ނޭޕާލް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ނޭޕާލް ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނައިގައި ނޭޕާލް އޮތްއިރު. މިމެޗުން ބަލިވި ސްރީލަންކާ އިން ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން ހޯދި ތިން ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ ދެވަނައިގައެވެ.
މުބާރާތުގައި މިރޭ 20:30 ގައި ކުޅޭ މެޗުގައި ރާއްޖެ އިން ނުކުންނާނީ ބޫޓާނާއި ދެކޮޅަށެވެ. މިިދެޓީމު ވެސް ގުރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުން ބަލިވެފައިވާއިރު، މުބާރާތުގައި އިތުރަށް ކުރިއަށްދިއުމަށް މިދެޓީމަށް ވެސް މިރޭގެ މެޗަކީ މޮޅުން މަޖުބޫރު މެޗެކެވެ.






.gif&w=3840&q=75)