logo

އަސާސީ ކާބޯތަކެތީގެ 23 ބާވަތެއް މާލޭގެ ބާޒާރުގައި ހެޔޮ އަގުގައި ލިބޭނެ: ރައީސް

profile

މުޙައްމަދު ފަޟްލޫން - 06 ފެބްރުއަރީ 2026 - 07:08

އަސާސީ ކާބޯތަކެތީގެ އަދަދު، 23 ބާވަތަށް އިތުރުކޮށް، މާލޭގެ ބާޒާރުގައި ހެޔޮ އަގުގައި ލިބެން ހުންނާނެކަން ޔަގީންކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ޤައުމުގެ އިޤްތިޞާދުގެ ހަރުދަނާކަން ދޭހަކޮށްދޭ މައިގަނޑު އެއް ކަމަކީ ރައްޔިތުންގެ ދިރިއުޅުމަށް ބޭނުންވާ އަސާސީ ބާވަތްތަކުގެ އަގުތައް އެއްހަމައެއްގައި ހިފެހެއްޓޭ މިންވަރު ކަމަށް ރައީސް ރިޔާސީ ބަޔާނުގައި ވިދާޅުވިއެވެ.

އާބާދީގައި 3000 ހަމަވާ ރަށްރަށަށް ތަކެތި ފޯރުކޮށްދިނުމަށް، އެސް.ޓީ.އޯގެ އޭޖެންޓުން ހޯދުމަށް އިއުލާނުކޮށް، މި 23 ބާވަތް އެސް.ޓީ.އޯގެ ރޭޓުގައި ފޯރުކޮށްދިނުމުގެ އިންތިޒާމް މިހާރު ހަމަޖައްސަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، އެސްޓީއޯ އިން އައްޑޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީއަށް މި 23 ބާވަތުގެ އަސާސީ ކާބޯތަކެތީގެ ރާއްޖެއިން ބޭރުން އެތެރެކުރަން ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ނަތީޖާއެއްގެ ގޮތުން، މާލެ އެކޭ އެއް އަގެއްގައި އަސާސީ ބާވަތްތަކުގެ 23 ބާވަތް އެ ސިޓީތަކުން ލިބެން ހުންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ހަމަ އެއާއެކު، މާލެ ބަނދަރުމަތީގައި އެސް.ޓީ.އޯގެ ޑިސްޓްރިބިއުޝަން ސެންޓަރެއް ސަރުކާރުން ހުޅުވާފައިވާކަން ވެސް ރައީސް ފާޙަގަކުރެއްވިއެވެ.

މި އަހަރުގެ ރަމަޟާން މަހުގެ ކުރިން، ހުޅުމާލޭގައި އެސް.ޓީ.އޯގެ އައުޓްލެޓެއް ގާއިމުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay