logo

ރާއްޖެއިން ނޭޕާލަށް ކަނޑައެޅުއްވި ސަފީރު ފަތްކޮޅު އަރުއްވައިފި

profile

ޝަހްޒާ މުޙައްމަދު - 24 ފެބްރުއަރީ 2026 - 17:54

ދިވެހިރާއްޖެއިން ނޭޕާލަށް ކަނޑައެޅުއްވި ނޮން-ރެޒިޑަންޓް ސަފީރު ޢާއިޝަތު އަޒީމާ، އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ނޭޕާލުގެ ރައީސް ރައިޓް އޮނަރަބަލް ރާމްޗަންދުރަ ޕައުޑެލްއަށް މިއަދު އަރުވައިފިއެވެ.

https://wamco.com.mv/

ފަތްކޮޅު އެރުވުމުގެ ޚާއްޞަ ރަސްމިއްޔާތު އޮތީ، ކަތުމަންޑޫގައި ހުންނަ ނޭޕާލުގެ ރައީސްގެ އޮފީސް ކަމުގައިވާ، ރާޝްތުރަޕަތީ ބަވަންގައެވެ.

ދިވެހިރާއްޖެއިން ނޭޕާލަށް ކަނޑައަޅުއްވާ ނޮން-ރެޒިޑަންޓް ސަފީރުކަމުގެ މަޤާމާ ޢާއިޝަތު އަޒީމާ ޙަވާލުވެ ވަޑައިގަތުމުން، އެ ކަމަނާއަށް ނޭޕާލުގެ ރައީސް ވަނީ ތަހުނިޔާ ވިދާޅުވެފައެވެ. އަދި ދިވެހިރާއްޖެއާއި ނޭޕާލްއާ ދެމެދު އޮތް ގާތްގުޅުން އިތުރަށް ބަދަހި ކުރުމުގެ މަސައްކަތުގައި ސަފީރުގެ ފުރިހަމަ އެއްބާރުލެއްވުން ލިބިވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. މި ބައްދަލުވުމުގައި ނޭޕާލުގެ ރައީސް އެކަމަނާއަށް ވިދާޅުވި ހޫނު މަރުހަބާއަށް ސަފީރު ޝުކުރު އަދާކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުންނާއި، ދިވެހި ސަރުކާރާއި، ރައްޔިތުންގެ ފަރާތުން ނޭޕާލުގެ ރައީސްއަށާއި، އެ ޤައުމުގެ ރައްޔިތުންނަށް ހެޔޮ އެދުމާއި ތަހުނިޔާ ރައްދު ކޮށްދެއްވިއެވެ.

ސަފީރުގެ ފަތްކޮޅު އެރުވުމަށްޓަކައި ނޭޕާލަށް ކުރައްވާ މި ރަސްމީ ދަތުރުފުޅުގައި ނޭޕާލުގެ ޚާރިޖީ ވަޒީރާއި، މިނިސްޓަރ އޮފް ހެލްތު އެންޑް ޕޮޕިއުލޭޝަން، އަދި ފޮރިން ސެކްރެޓަރީގެ އިތުރުން އެ ޤައުމުގެ ސަރުކާރުގެ އޮފިޝަލުންނާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޢާއިޝަތު އަޒީމާ، ރާއްޖެއިން ނޭޕާލްއަށް ކަނޑައަޅުއްވާ ނޮން-ރެޒިޑަންޓް ސަފީރު ކަމުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޢައްޔަން ކުރެއްވީ، 17 ޖޫން 2025 ގައެވެ.

ދިވެހިރާއްޖެއާއި ނޭޕާލާއި ދެމެދުގައި ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ، 1980 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 1 ވަނަ ދުވަހުއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk