logo

ސިނާޢީ ރަށްރަށާއި ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ނުބަހައްޓާނެ: އީސީ

profile

މުޙައްމަދު ފަޟްލޫން - 24 ފެބްރުއަރީ 2026 - 17:54

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި، ސިނާޢީ ރަށްރަށާއި ރާއްޖެއިން ބޭރުގެ އެއްވެސް ޤައުމެއްގައި ވޯޓު ފޮށި ނުބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

https://wamco.com.mv/

އެ ކޮމިޝަނުން ހާމަކުރި ގޮތުގައި މިގޮތަށް ނިންމެވީ، އެ ސަރަހައްދުތަކުގައި ވޯޓު ފޮށި ބެހެއްޓުމަށް ބޭނުންވާ ޤާނޫނީ އަދަދަށް މީހުން ރަޖިސްޓްރީވެފައި ނުވާތީއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި، ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނަކަށް ވޯޓުލުމަށް ރީ-ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުޞަތުގައި ޖުމްލަ 26,454 މީހުން ރަޖިސްޓްރީވެފައިވާ ކަމަށް އެ ކޮމިޝަނުން މަޢުލޫމާތުދެއެވެ.

ރީ-ރަޖިސްޓްރީވެފައިވާ ގޮތުގެ ތަފްސީލު:

  1. އަތޮޅުތެރޭގެ ރަށްރަށާއި މާލެއަށް: 24,429 މީހުން
  2. ޖަލުތަކަށް: 1,326 މީހުން
  3. ސިނާޢީ ސަރަހައްދުތަކަށް: 11 މީހުން
  4. މެލޭޝިޔާގައި: 499 މީހުން
  5. ސްރީލަންކާގައި: 189 މީހުން

އިލެކްޝަންސް ކޮމިޝަނުން ބުނީ މި އިންތިޚާބުގައި ޖުމްލަ 29 ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓާނެ ކަމަށެވެ. ނަމަވެސް، ސިނާޢީ މަސައްކަތްކުރާ އެއްވެސް ތަނެއްގައި އަދި ރާއްޖެއިން ބޭރުގެ އެއްވެސް ޤައުމެއްގައި ވޯޓު ފޮށި ބެހެއްޓޭ މިންވަރަށް މީހުން ރަޖިސްޓްރީވެފައި ނުވާތީ، އެ ތަންތަނުގައި ފޮށި ނުބަހައްޓާނެއެވެ.

އެހެންކަމުން، އެ ސަރަހައްދުތަކުގައި ދިރިއުޅޭ އަދި މަސައްކަތްކުރާ ފަރާތްތަކުން ވޯޓުލުމަށްޓަކައި، އެހެން ތަނަކަށް ރަޖިސްޓްރީ ބަދަލުކުރުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން އަލުން ހުޅުވާލާނެއެވެ.

މި މުއްދަތުގެ ތެރޭގައި ރަޖިސްޓްރީ ބަދަލު ނުކޮށްފިނަމަ، އެ ފަރާތްތަކަށް ވޯޓުލެވޭނީ އެމީހަކު ރަށްވެހިވެފައިވާ އަސްލު ރަށުގައި ކަމަށްވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk