logo
ކުރީގެ ރައީސް މުހައްމަދު ނަޝީދު---

ކުރީގެ ރައީސް މުހައްމަދު ނަޝީދު---

އެމްޑީޕީގެ މިސްރާބު މިހާރު ހުރީ ޕާޓީގެ އަސާސަތަކާ މުޅިން ދުރަށް: ރައީސް ނަޝީދު

profile

ޖިނާން ޙުސައިން ޖަބީން - 01 ނޮވެމްބަރު 2026 - 12:58

އެމްޑީޕީން މިހާރު މިސްރާބު ޖަހާފައިވަނީ އެ ޕާޓީ އުފެދިގެން އައި އަސާސްތަކާ މުޅިން ދުރަށް ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއަރޕާސަން މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

https://wamco.com.mv/

މީސްމީޑިއާ މަންސަ "އެކްސް" ގައި ހިއްސާކުރެއްވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީން އަބަދުވެސް ވަކާލާތު ކުރަމުން އައީ ހުޅުވާލެވިފައިވާ، ތަފާތު ފިކުރުތަކަށް ޖާގަދޭ ޑިމޮކްރެޓިކް އިސްލާހީ ބަދަލުތަކަކަށް ކަމަށެވެ. ނަމަވެސް، މިއަދު އެ ޕާޓީގެ ތެރެއިން ފެންނަމުންދަނީ ބޭރު މީހުންނާ މެދު ނަފުރަތު އުފެއްދުމާއި، ހައްދުފަހަނަޅާފައިވާ ގައުމީ ފިކުރު އިސްކުރަމުންދާ މަންޒަރު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިއީ އެމްޑީޕީގެ އަސްލު މަގްސަދުތަކާއި، ޕާޓީގެ ސިޔާސީ އައިޑެންޓިޓީގެ އިތުރުން، އެންމެ ކުރީއްސުރެ ޕާޓީއާ ގުޅިފައިވާ އާންމު މެންބަރުން ދެކެމުން އައި ގޮތާ ވެސް މުޅިން ހިލާފު ކަމެއް ކަމަށް ވިދާޅުވިއެވެ.

View post on Twitter

އިންތިހާބީ ކާމިޔާބީއެއް ހޯދުމަށްޓަކައި ޕާޓީގެ ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުންދަނީ ރައްޔިތުންގެ މެދުގައި ބިރުވެރިކަމާއި ބައިބައިވުން އުފައްދައިގެން ކަމަށް ރައީސް ނަޝީދު ތުހުމަތު ކުރެއްވިއެވެ. މިފަދަ އަމަލުތަކުގެ ސަބަބުން، ޕާޓީއަށް އަބަދުވެސް ވަފާތެރިކަންމަތީ ދެމިތިބި މެންބަރުން ޕާޓީއާ ދުރުވުމުގެ ފުރުސަތު ބޮޑުވެ، މިއީ ޕާޓީއަށް ކުރިމަތިވާނެ ބޮޑު ނާކާމިޔާބީއެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މާޒީގެ ކާމިޔާބީތަކަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވިދާޅުވީ، މީގެ ކުރިން އިދިކޮޅުން އެ ޕާޓީއާ ގުޅުވައިގެން ދައްކަމުންދިޔަ ވާހަކަތަކުގެ ސަބަބުން ޕާޓީގެ ތާއީދު ކުޑަވުމުގެ ބަދަލުގައި، އިތުރު ވިހި ހާހެއްހާ ވޯޓު ޕާޓީއަށް އިތުރުވެގެން ދިޔަ ކަމަށެވެ. ނަމަވެސް އޭގެ ބަދަލުގައި މިއަދު ދީން ސިޔާސީ ހަތިޔާރަކަށް ހަދައި، ޒަޔަނިސްޓުން ގައުމު ހިސާރުކުރަނީ ކަމަށް ބުނެ އެއްވެސް އަސާސެއް ނެތް ވާހަކަތައް ފެތުރުމަކީ ޕާޓީގެ އިތުބާރު ހިފެހެއްޓޭނެ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ. އަދި މިފަދަ ހަގީގަތާ ހިލާފު ވާހަކަތަކުގެ ސަބަބުން ސިޔާސީ މަސްރަހުގައި އޮންނަންޖެހޭ ހަމަޖެހުން ގެއްލި އެކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަމަށްވެސް ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، އެމްޑީޕީ މިއަދު އޮތީ ނުހަނު ނާޒުކު ހާލަތެއްގައި ކަމަށާއި، މިހާރު މިދާ މިސްރާބުން ކުރިއަށްދާނަމަ ޕާޓީގެ އަމިއްލަވަންތަކަމާއި ތަފާތު ސިފަތައް މުޅިން ފަނޑުވެގެންދާނެ ކަމަށެވެ. އެހެންކަމުން، ޕާޓީގެ އަސާސްތައް ދަމަހައްޓަން އެދޭ އާންމު މެންބަރުން މިކަމުގެ ތެރެއަށް ވަދެ، ޕާޓީ މި މިސްރާބުން ސަލާމަތްކުރުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.

ރައީސް ނަޝީދު މި މޭރުމުން ވާހަކަފުޅު ދައްކަވާފައި މިވަނީ، ރަސްމާލޭގެ ބިމުން ބައެއް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދިގު މުއްދަތަކަށް ދޫކޮށްލުމަށް ސަރުކާރުން ނިންމި ނިންމުމާ ގުޅިގެން، އެމްޑީޕީގެ ލީޑަޝިޕާއި ގައުމީ މަޖިލީހުގެ ތެރޭގައި ހިޔާލުތަފާތުވުންތައް އުފެދިފައިވާ ދަނޑިވަޅެއްގައެވެ. މިގޮތުން، ދިވެހި ބިމުން ބޮޑު ސަރަހައްދެއް ބޭރުގެ ކުންފުންޏަކަށް މިގޮތަށް ދިނުމަކީ ގައުމީ މަސްލަހަތަށް ގެއްލުންހުރި ކަމެއް ކަމަށް އެމްޑީޕީގެ ގިނަ މެންބަރުން ދަނީ ފާހަގަކުރަމުންނެވެ.

https://wamco.com.mv/
tel:+9607331319