logo

ޣައްޒާއިން މިއަދު ޝަހީދުކޮށްލި މީހުންގެ އަދަދު 80 އިން މައްޗަށް، ޓެރަރިސްޓުން އެންމެ ވަރުގަދައަށް ބޮންއަޅަނީ އާންމުން ދިރިއުޅޭ ޓެންޓުތަކަށް

profile

ސައިފް އަޒުހަރު - 08 ޖުލައި 2025 - 18:58

އަންގާރަ ދުވަހަށް ޣައްޒާއަށް އިރު އެރިފަހުން އިސްތިއުމާރީ ޓެރަރިސްޓުން ދެމުންގެންދާ ހަމަލާތަކުގައި ޝަހީދުކޮށްލި މީހުންގެ އަދަދު 80 އިން މައްޗަށް އަރައިފިއެވެ.

https://wamco.com.mv/

މި ހަމަލާތަކުގައި އިތުރު އެތައް ސަތޭކަ ބަޔަކު ވަނީ ޒަޚަމްވެފައެވެ.

އިސްތިއުމާރީ ޓެރަރިސްޓުން މުޅި ޣައްޒާއަށް ވަރުގަދައަށް ބޮންއަޅަމުން ގެންދާއިރު، މިއަދުގެ މިހާތަނަށް ޝަހީދުވި އަދި ޒަޚަމްވި ގިނަ މީހުންނަކީވެސް ކުޑަކުދިންނާއި އަންހެނުންނެވެ.

މިއަދު ޝަހީދުކޮށްލި މީހުންގެ ތެރެއިން ސާޅީހަށްވުރެ ގިނަ މީހުންނަކީ ޣައްޒާގެ މެދުތެރެއާއި، ޣައްޒާގެ ދެކުނަށް ދީފައިވާ ޓެރަރިސްޓު ހަމަލާތަކުގައި ޝަހީދުކޮށްލާފައިވާ މީހުންނެވެ.

ގާޒާ ސިޓީގެ އެކި އަވަށްތަކުގައި، ގެދޮރުގެއްލި މަގުމަތިވެފައިވާ މީހުން ދިރިއުޅޭ އެތައް ޓެންޓަކަށް ޓެރަރިސްޓުން ވައިގެ ހަމަލާތައްދީ ބޮޑެތި ގަތުލުއާންމުތައް ހިންގާފައި ވެއެވެ.

ހަނގުރާމައިގެ ޖެޓުތަކާއި، ޑްރޯން ބޭނުންކޮށްގެން ގާޒާ ސިޓީއަށް ވަރަށް ވަރުގަދަ ހަމަލާތަކެއް ދީފައި ވެއެވެ.

ޣައްޒާގެ ދެކުނުން އަލް މަވާސީ ސަރަހައްދުގައި އާންމުން ދިރިއުޅޭ އެތައް ޓެންޓަކަށް ބޮންއަޅައި ބޮޑެތި ލޭއޮހޮރުވުންތައް ހިންގާފައި ވެއެވެ.

އަލް މަވާސީއަކީ އިސްތިއުމާރީ ބާރުން "ސޭފް ޒޯން" ގެގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދު ނަމަވެސް، އަލް މަވާސީއަށް މިހާރުވެސް ވަރުގަދައަށް ބޮންއަޅަމުން އެބަ ގެންދެއެވެ.

އަދި ޣައްޒާގެ އެހެން ރަށްތަކަށްވެސް އިސްތިއުމާރީ ޓެރަރިސްޓުން މިއަދު އެތައް ހަމަލާތަކެއް ދީފައިވާއިރު، މިރޭވެސް ހަމަލާތައް ދެމުން އެބަ ގެންދެއެވެ.

މި ހަމަލާތަކުގައި އެތައް ކުޑަކުދީންނާއި، އާންމުން ޝަހީދުވަމުން ދާއިރު، ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން ބުނެފައިވަނީ، އިސްތިއުމާރީ ބާރުން ޣައްޒާއަށް މިހާރު ދެމުންގެންދާ ޓެރަރިސްޓު ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 57،575 އަށް އަރާފައިވާ ކަމަށެވެ.

https://etukuri.mv/
https://www.aslu.com.mv