
ރަސްމީ ފާލަމުގެ ފަޅުތެރެ - ފޮޓޯ އެމްއެންޑީއެފް
ކަޅު ތެލުން ރަސްމީ ފާލަމުގެ ފަޅުތެރެ ތަޣައްޔަރުވެއްޖެ

އަހުމަދު ޒަލީފު - 01 ޖެނުއަރީ 2023 - 10:42
ރަސްމީ ފާލަމުގެ ފަޅު ތެރެއަށް ކަޅުތެޔޮ އެޅުމުގެ ސަބަބުން އެ ސަރަހައްދު ވަރަށް ބޮޑަށް ތަޣައްޔަރުވެއްޖެއެވެ.
އެ ސަރަހައްދު ސާފު ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، އެކަމާއި ގުޅޭގޮތުން އެމްއެމްޑީއެފުން ކުރި ޓްވީޓެއްގައި ވިދާޅުވީ، ރަސްމީ ފާލަމާއި 3 ނަންބަރު ޖެޓީ ދެމެދު ގިނަ އަދަދެއްގެ ކަޅުތެޔޮ އެޅިފަ ހުރިކަމުގެ މަޢުލޫމާތު އެމްއާރުސީސީއަށް މިއަދު ހެނދުނު 09:10 ހާއިރު ލިބުމާއިއެކު ކޯސްޓްގާޑްގެ ޑައިވަރުންނާއި އޮއިލް ޕޮލިއުޝަން ރެސްޕޮންސް ޓީމު ދަނީ މޫދަށް އެޅިފައިވާ ކަޅުތެޔޮ ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަދި މިކަމުގައި ކޯސްޓްގާޑުގެ ސިފައިންނަށް އެހީތެރިވުމަށް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަނާއި މާލެ އޭރިއާ މެރީންސާއި މެރިން ޕޮލީސްގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ ފަރާތުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަންވެސް ވަނީ ހާމަކޮށްފައެވެ.
ރަސްމީ ފާލަން ސަރަހައްދަށް އެޅިފައިވާ ކަޅުތެޔޮތައް ނެގުމަށް ބޫމިންގ ބޭނުންކޮށްގެން، ކޮންޓެއިންކޮށް އަދިވެސް ދަނީ ތެޔޮތައް ނަގަމުންނެވެ. އެމްޕީއެލް ސަރަހައްދުން ފެނިފައިވާ ކަޅުތެޔޮތައް ނިޔުޓްރޮލްކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.