
ތެޔޮތައް ނެގުމުގެ މަސައްކަތުގެ ތެރެއިން
700 ލީޓަރު ނަގައިފި، މިއަދު ނިމޭނެ !

އަހުމަދު ޒަލީފު - 03 ޖެނުއަރީ 2023 - 08:15
މާލޭގެ ރަސްމީ ފާލަމުގެ ފަޅުތެރެއަށް އެޅިފައިވާ 1000 ލީޓަރު ތެލުގެ ތެރެއިން 700 ލީޓަރުގެ ތެޔޮ ނަގާފައިވާ ކަމަށާއި އެ މަސައްކަތް މިއަދު ނިމޭނެ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
އެމްއެންޑީއެފް އިން ބުނީ ރަސްމީ ފާލަން ކައިރި އަށް އެޅުނު ކަޅު ތެޔޮ ސާފު ކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުން އަންނަ ކަމަށެވެ. އެ ސަރަހައްދަށް 1،000 ލީޓަރުގެ ތެޔޮ އެޅިފައިވާ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.
ޢިއްޒުއްދީން ފާލަމާއި 3 ނަންބަރު ޖެޓީއާއި ދެމެދު ފަޅުތެރެއިން ގިނަ ޢަދަދެއްގެ ކަޅުތެޔޮ ފެނުމާ ގުޅިގެން، އެތެޔޮ ސާފުކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ.
ތެޔޮ ނެގުމުގައި ކޯސްޓްގާޑްގެ ސިފައިންނަށް އެހީތެރިވުމަށް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑްގެ ސްކޮޑްރަނާއި މާލެ އޭރިއާ މެރިންސްއާއި މެރިން ޕޮލިސްގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ ފަރާތުން އެހީތެރިވެފައިވެއެވެ.