logo

ބޭސް ފޯރުކޮށްދިނުމުގައި ހުރި ދަތިތަކަށް ދާއިމީ ހައްލެއް މިއަހަރު ކަށަވަރު ކޮށްދޭނަން: ރައީސް

profile

ޝަހްޒާ މުޙައްމަދު - 06 ފެބްރުއަރީ 2026 - 07:07

https://wamco.com.mv/

ރައްޔިތުންނަށް ބޭނުންވާ އަސާސީ ބޭސްތައް މެދުކެނޑުމެއްނެތި ލިބޭނެ އިންތިޒާމު ކަށަވަރުކުރުމަށްޓަކައި، ބޭސް ފޯރުކޮށްދިނުމުގެ ނިޒާމުގައި ހުރި ދަތިތަކަށް ދާއިމީ އަދި ދެމެހެއްޓެނިވި ހައްލެއް މިއަހަރުގެ ތެރޭގައި ކަށަވަރު ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ބޭސް ލިބުމުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން އުފެއްދި ބޭސް ކުންފުނިން މިހާރު ރާއްޖެއަށް ކޮންމެހެން ބޭނުންވާ ކްރިޓިކަލް ބޭސްތައް ގެނައުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.. ރައީސް ވިދާޅުވީ، އިރާދަކުރެއްވިއްޔާ މިއަހަރުގެ އެޕްރީލް މަސް ނިމުމުގެ ކުރިން މި ބޭސްތައް ރާއްޖެއިން ލިބެން ފަށާނެކަމަށެވެ. މި މަސައްކަތް ހަރުދަނާ ކުރުމަށްޓަކައި އެ ކުންފުނިން ސަރަހައްދީ އަދި ބައިނަލްއަޤުވާމީ ބައިވެރިންނާއެކު މަސައްކަތްތަކެއް ފަށާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ސިއްޙީ ދާއިރާގެ ސިޔާސަތުތަކާ ގުޅޭގޮތުން ރައީސް ވިދާޅުވީ، "ސިއްޙީގޮތުން ދުޅަހެޔޮ ރައްޔިތަކަށް ދިވެހި ކޮންމެ ރައްޔިތެއް ހެދުމަކީ މި ސަރުކާރުގެ ތަރައްޤީގެ ސިޔާސަތުގެ އެންމެ މުހިއްމު އެއް އަސާސް" ކަމަށެވެ. އަދި ސިއްޙީ ދާއިރާ ތަރައްޤީ ކުރެވޭނީ ބަލިބަލިން ރައްކާތެރިކުރުމުގެ ސިޔާސަތު (ޕްރިވެންޓިވް ހެލްތް ކެއަރ) އާއި ބަލިޖެހުމުން ރަނގަޅު ފަރުވާ ދިނުމުގެ ސިޔާސަތު (ކިޔުރެޓިވް ހެލްތް ކެއަރ) އަށް އެއްވަރަކަށް ސަމާލުކަން ދީގެން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމަށް 'ޖެނެރޭޝަނަލް ބޭން' ތަންފީޒުކުރުމާއި، އާސަންދައިގެ ދަށުން ނިކޮޓިންގ ރިޕްލޭސްމަންޓް ތެރަޕީ ހިލޭ ލިބޭނެ ގޮތް ހެދުމަށް ނިންމާފައިވާކަން ރައީސް ފާހަގަކުރެއްވޮއެވެ.

ރާއްޖޭގެ ކުއްލި ފަރުވާގެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން އެއަރ އެމްބިއުލެންސްގެ ޚިދުމަތް ގާއިމްވެފައިވުމުގެ އިތުރުން މެޑިކަލް އިވެކުއޭޝަން ހެލިކޮޕްޓަރުގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާކަންވެސް ރައީސް ހާމަކުރެއްވިއެވެ.

ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށާއި ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކަށް އަމާޒުކޮށްގެން، ހުޅުމާލޭގައި ނޭޝަނަލް ޑިސްއެބިލިޓީ ސަރވިސަސް އެންޑް ތެރަޕީ ސެންޓަރެއް ޤާއިމުކުރުމަށް ހަމަޖެހިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ނަފްސާނީ ބަލީގެ ފަރުވާއަށް 24 ގަޑިއިރުގެ ހެލްޕްލައިނެއް ފަށައި، އާސަންދައިގެ ދަށުން އެފަދަ ފަރުވާތައް ލިބޭނެ މަގު މިހާރު ފަހިކޮށްދީފައިވާކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.

ދަރިމައިވުމުގެ ސިއްޙަތާއި، ތެލެސީމިއާ ފަދަ ދާއިރާތަކުން މިހާރު ލިބިފައިވާ ކުރިއެރުންތަކުގެ މައްޗަށް ވެސް ރައީސް އަލި އަޅުއްވާލެއްވިއެވެ. އަދި އާސަންދައިގެ ދަށުން އައިނު ހެދުމާއި އައިނު ފިހާރަ ގާއިމްވެ ގިނަ އަދަދެއްގެ މީހުން ފަރުވާ ހޯދާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވަނީ ސިއްހީ ދާއިރާގައި މިހާރު ހިންގާފައިވާ ގިނަ އުމްރާނީ ތަރައްގީގެ މަޝްރޫތަކަކުގެ ތަފްސީލުދެއްވާފައެވެ. މީގެ އިތުރުން، ޞިއްޙީ ދާއިރާގެ އިންސާނީ ވަސީލަތްތަކާއި ތަރައްޤީކުރުމުގެ ގޮތުން، ގިނަ އަދަދެއްގެ މުވައްޒަފުންނަށް ވަޒީފާގެ ފުރުޞަތު ހުޅުވާލިކަން ވެސް ފާހަގަކުރައްވާފައެވެ.

މިއަހަރު، މާލެ ސަރަޙައްދުގައި ސިއްޙީ ދާއިރާއިން ފެށޭނެ ބޮޑެތި މަޝްރޫޢުތަކުގެ ތެރޭގައި، ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ވިލިމާލޭގައި ޤާއިމުކުރާ 100 އެނދުގެ ޓަރޝަރީ ހޮސްޕިޓަލްގެ ޢަމަލީ މަސައްކަތާއި ހުޅުމާލެ ފޭސް 2 ގައި 500 އެނދުގެ މަލްޓި ސްޕެޝަލިޓީ ހޮސްޕިޓަލެއް ޤާއިމްކުރުމުގެ މަސައްކަތް މިއަހަރުގެ މެދު ތެރޭގައި ފަށާނެކަމަށް ރައީސް ވިޑާޅުވިއެވެ. މީގެ އިތުރުން، ކެންސަރު ބައްޔަށް ފަރުވާ ދިނުމަށް ބޭނުންވާ ރޭޑިއޭޝަން ޗެމްބަރ ޤާއިމު ކުރުން ހިމެނޭހެން ކެންސަރު ބަލީގެ ޚިދުމަތްތަކަށް ޚާއްޞަ ޑައިގްނޯސްޓިކް ސެންޓަރެއް ޤާއިމު ކުރުމުގެ މަސައްކަތް ވެސް މިއަހަރު މެދު ތެރޭގައި ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބަލިބަލިން ރައްކާތެރިވުމުގެ ސިޔާސަތު ތަންފީޒު ކުރުމުގައި އެންމެ އިސްކަމެއް ދޭންޖެހޭނީ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައިވާ ބަލިތަކުން ރައްކާތެރިވެ ޖިސްމާނީގޮތުން ހަށިހެޔޮ ރައްޔިތަކަށް ވުމަށްކަމުގައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay