logo
ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވަނީ

ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވަނީ

ރާއްޖޭގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަނީ

profile

ރިޟްވާން މޫސާ - 01 ޖޫން 2026 - 08:21

ދިވެހިރާއްޖޭގައި ޢުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ބައެއް މަންސަތައް ބޭނުންކުރުން މަނާކުރުމަށް ސަރުކާރުން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިޢުލާނު ކުރައްވައިފިއެވެ.

https://wamco.com.mv/

ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ހުޅުވާލުމުގެ ކުރިން އެމަނިކުފާނު ވަނީ ރާއްޖޭގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިޔާގެ ވަކި އެޕްލިކޭޝަންތަކެއް ބޭނުން ކުރުން މުޅިން މަނާކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް އިއުލާނުކުރައްވާފަ އެވެ.

ރައީސް ވިދާޅުވީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަމުންދާ މި ބާވަތުގެ މަސައްކަތްތަކުގައި ސަރުކާރުން މިކަން އިންޕްލިމެންޓް ކުރަމުންދާނީ މުޖުތަމައުގެ އެއްބާރުލުމާޢިވެސް އެކުގައި ކަމަށެވެ.

ދުނިޔޭގެ އެހެން ޤައުމުތަކުގައި މިފަދަ މައްސަލަތައް ޙައްލުކުރުމަށް ގެންގުޅޭ އުޞޫލުތަކަށް ރިޢާޔަތް ކުރަންޖެހޭކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މިއީ ޒުވާނުންގެ ރައްކާތެރިކަމަށްޓަކައި އަޅާ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މިއީ އަބަދުވެސް ބެލެނިވެރިންގެ އޮތް ބޮޑު ކަންބޮޑުވުމެއް ކަމަށާއި، ބައިނަލްއަޤުވާމީ ފެންވަރުގައިވެސް މިއީ މިއަދު އޮތް ބޮޑު ގޮންޖެހުމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އޮންލައިންކޮށް ކުޑަކުދިންނަށް ކުރިމަތިވާ ގްރޫމިންގގެ ނުރައްކަލަކީ މުޖުތަމައަށް އޮތް ބޮޑު ގޮންޖެހުމެއްކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުދިން މިފަދަ ނުރައްކާތަކުން ސަލާމަތްކުރުމަކީ ދައުލަތުގެ އިދާރާތަކާއި، ޖަމިއްޔާ ޖަމާއަތްތަކާއި، އާންމު ރައްޔިތުން ގުޅިގެން ކުރަންޖެހޭ މުހިންމު މަސައްކަތެއް ކަމަށެވެ.

މި ނުރައްކަލުން ޒުވާނުންނާއި ކުޑަކުދިން ރައްކާތެރިކުރުމަށް 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ވަކި އެޕްލިކޭޝަންތަކެއް ބޭނުންނުކުރެވޭ ގޮތަށް ހެދުމަށް ސަރުކާރުން ވަނީ ގަސްތުކުރައްވާފައެވެ. މި ސިޔާސަތު އެކުލަވާލުމުގައި އޮސްޓްރޭލިއާއިން މިހާރު އަމަލުކުރަމުންދާ އުސޫލުތަކަށް ރިއާޔަތްކޮށް، ރާއްޖޭގެ ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށާއި، ކަމާގުޅޭ ބައިނަލްއަޤުވާމީ ކުންފުނިތަކާއެކު މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ އުންމީދަކީ، އާންމު ރައްޔިތުންގެ ޚިޔާލާއި މަޝްވަރާގެ މަތިން، މި އަހަރުގެ ތެރޭގައިވެސް މިކަމުގެ އަމަލީ ނަތީޖާ ފެންނަން ފެށުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk