logo

ފާއިތުވި 7 މަސް ދުވަހުގެ ތެރޭގައި 144 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި

profile

އާމިނަތު ޝަޒްލާ - 13 އޯގަސްޓު 2026 - 14:23

މި އަހަރުގެ ފުރަތަމަ ހަތް މަސްދުވަހުގެ ތެރޭގައި 144 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފިއެވެ.

https://wamco.com.mv/

މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަންތަކުގައި 144 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެ، 1,875 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރައްވައިފިއެވެ.

މީގެ އިތުރުން، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކްތަކާއި އެ ކަމަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތައް ދެނެގަތުމަށްޓަކައި، މާލީ މުއާމަލާތްތަކާ ގުޅޭ ތަހުގީގުތައް މިހާރު ވަނީ ކުރިއަށްވުރެ ބޮޑަށް ފުޅާކޮށްފައެވެ.

ފާއިތުވި ހަތް މަސްދުވަހުގެ ތެރޭގައި ޑްރަގް އެންފޯސްމަންޓުން ކުރި މަސައްކަތްތަކާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މާލެ ސަރަހައްދާއި އަތޮޅުތެރެ ހިމެނޭހެން ޖުމްލަ 1,141 އޮޕަރޭޝަނެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އިންޓެލިޖެންސް މައުލޫމާތުގެ މައްޗަށް ބިނާކޮށް ހިންގި މި ހަރަކާތްތަކުގައި 23,249 (ތޭވިސްހާސް ދުވިސައްތަ ސާޅިސް ނުވައެއް) މީހަކު ބަލައިފާސްކޮށްފައިވާއިރު، ތުހުމަތުކުރެވޭ ތަންތަން 7,309 ފަހަރު ވަނީ ބަލައިފާސްކޮށްފައެވެ.

މި އޮޕަރޭޝަންތަކުގެ ތެރެއިން ޖުމްލަ 144.341 (އެއްލައްކަ ސާޅިސް ހަތަރުހާސް ތިންސަތޭކަ ސާޅިސް އެކެއް) ކިލޯގްރާމްގެ މަސްތުވާތަކެއްޗާއި 1,856 ފުޅި ބަނގުރާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ. އަދި މަސްތުވާތަކެއްޗާ ގުޅުންހުރި 1,533 މައްސަލައެއް ތަހުގީގުކޮށް، އޭގެ ތެރެއިން 634 މައްސަލައެއްގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ.

އަތޮޅުތެރޭގައި ހިންގި އޮޕަރޭޝަންތަކަށް ބަލާއިރު، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް އަދި އަތޮޅުތަކުގެ ފުލުހުން ގުޅިގެން 17 އަތޮޅެއްގައި 260 އޮޕަރޭޝަނެއް ހިންގައި، 298 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން އެކަނި ތަހުގީގުކުރި 377 މައްސަލައިގެ ތެރެއިން 256 މައްސަލައެއް (67 އިންސައްތަ) ދައުވާކުރުމަށް ވަނީ ފޮނުވާފައެވެ. މި މުއްދަތުގައި އެ ޑިޕާޓްމަންޓުން އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީގެ އަގު 120 މިލިއަނަށް ވުރެ ގިނަ ރުފިޔާއަށް އަރާއިރު، އަތުލައިގަތް ބަނގުރާ ފުޅިތަކާއެކު ޖުމްލަ އަގު 121,204,000 (ސަތޭކަ އެކާވީސް މިލިއަން ދެސަތޭކަ ހަތަރު ހާސް) ރުފިޔާއަށް އަރާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ބޮޑެތި 94 މައްސަލައެއް ތަހުގީގުކޮށްފައިވެއެވެ. މި މައްސަލަތަކުގައި 147 މީހަކު ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރެއިން 88 އިންސައްތަ މައްސަލަ ވަނީ ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައެވެ.

https://wamco.com.mv/
tel:+9607331319