logo

ބޭރުފައިސާ އާއި ބެހޭ ގާނޫނުގެ އިސްލާހުތައް ދިރާސާކުރުން އާދީއްތަ ދުވަހު!

profile

އާމިނަތު ޝަޒްލާ - 13 އޯގަސްޓު 2026 - 15:04

ރާއްޖޭގެ ބޭރު ފައިސާއާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ މުހިންމު އިސްލާހުތައް ދިރާސާކުރުމުގެ މަސައްކަތް، ކުރިއަށް އޮތް އާދީއްތަ ދުވަހުގެ ނިޔަލަށް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

https://wamco.com.mv/

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު އިއްޔެގެ ވަގުތެއްގައެވެ.

ބިލު ދިރާސާކުރުމަށް މާލިއްޔަތު ކޮމިޓީއަށް ފޮނުވުމާ ގުޅިގެން، އެ ކޮމިޓީން ވަނީ މި ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް މިއަދު ހެނދުނު 11:30 އާ ހަމައަށް ފުރުސަތު ހުޅުވާލާފައެވެ.

ކޮމިޓީން ކުރިން ނިންމާފައި އޮތީ މިއަދުގެ ނިޔަލަށް ބިލުގެ މަސައްކަތް އެއްކޮށް ނިންމުމަށެވެ. ނަމަވެސް، މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހު ނިންމެވީ، މި މަސައްކަތް އޯގަސްޓު މަހުގެ 18 ވާ އާދީއްތަ ދުވަހަށް ދަންމާލުމަށެވެ. އަދި އެ ދުވަހުގެ ހެނދުނު 10:30 ގައި މިކަމާ ގުޅޭ އިތުރު ބައްދަލުވުމެއް ބޭއްވުމަށް ވެސް ވަނީ ތާވަލުކޮށްފައެވެ.

މި އިސްލާހުތަކަކީ ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ބަދަލުތަކެއް ގެނުވާނެ ކަންތައްތަކެއް ހިމެނޭ ބިލެކެވެ. އޭގެ ތެރޭގައި އެންމެ ފާހަގަކޮށްލެވެނީ ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ ބޭރު ފައިސާ މާރުކުރުމުގެ އުސޫލަށް ގެންނަ ބަދަލެވެ.

މިހާރު އޮންނަ ގޮތުން ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު ނުވަތަ ޖުމްލަ އާމްދަނީގެ 20 އިންސައްތަ މާރުކުރުމުގެ އިހުތިޔާރު ލިބުނު ނަމަވެސް، އައު އިސްލާހާއެކު ލާޒިމުވަނީ ހަމައެކަނި އާމްދަނީގެ 20 އިންސައްތަ މާރުކުރުމަށެވެ.

މީގެ އިތުރުން، ފަތުރުވެރިކަން ފިޔަވައި އެހެނިހެން ދާއިރާތަކުން ބޭރު ފައިސާ ހޯދާ ކުންފުނިތަކުގެ ތެރެއިން ފައިސާ މާރުކުރަން މަޖުބޫރުވާ މިންގަނޑު ވަނީ އަހަރަކު 20 މިލިއަން ޑޮލަރުން 25 މިލިއަން ޑޮލަރަށް މަތިކޮށްފައެވެ.

ބޭރު ފައިސާއިން މުއާމަލާތްކުރާ ހުރިހާ ވިޔަފާރިތަކަކަށް އަމާޒުކޮށް ހުށަހަޅާފައިވާ އަނެއް މުހިންމު ބަދަލަކީ، ލިބޭ އާމްދަނީ ރާއްޖޭގައި ހިންގާ ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކުރުން މަޖުބޫރުކުރުމެވެ. އަދި އެ އެކައުންޓްތަކުގެ ތަފުސީލުތައް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް އެންގުމަށް ވެސް މި ބިލުން ޝަރުތުކުރެއެވެ.

މި ގާނޫނު ފާސްވާތާ 30 ދުވަހުގެ ތެރޭގައި ކަމާގުޅޭ ގަވާއިދުތައް ހަދައި، އެއަށް އަމަލުކުރަން ފެށުމަށްޓަކައި އެމްއެމްއޭއިން އިންތިގާލީ މުއްދަތެއް ދޭންޖެހޭނެކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.

މި އިސްލާހުތަކަކީ ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ވަރުގަދަކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ހިމެނޭ މުހިންމު މަސައްކަތެކެވެ.

https://wamco.com.mv/
tel:+9607331319