logo

އުމުރު ވަރަށް ކުރު، ފުރުޞަތުގެ ބޭނުން ހިފާ - ޚުތުބާ

profile

އަހުމަދު ޒަލީފު - 06 ޖެނުއަރީ 2023 - 13:30

އިސްލާމީ މަރުކަޒުގައި ޖަމާއަތުގައި ބަޔަކު ނަމާދު ކުރަނީ: ފޮޓޯ / މިހާރު

އިސްލާމީ މަރުކަޒުގައި ޖަމާއަތުގައި ބަޔަކު ނަމާދު ކުރަނީ: ފޮޓޯ / މިހާރު

ފަނާވެދަނިވި މި ވަގުތީ ދުނިޔޭގެ މި ކުރު ދަތުރުގެ މަގްސަދާ މެދު ފުންކޮށް ވިސްނާލާކަށް ނުވޭހެއްޔެވެ.؟

ކޮންމެ އިންސާނަކުވެސް މަރުވުމަށް ފަހު އެންމެ ފުރަތަމަ މަރުހަލާއަކީ ކައްވަޅެވެ.

ދަންނާށެވެ.! ދުނިޔޭގައި ނުބައި އަމަލުކޮށްފައިވާ މީހުންނާ ކަށްވަޅުން ބައްދަލުކުރާނީ ދުނިޔޭގައި ހުރިއިރު އޭނާ ކޮށްފައިވާ ނުބައި އަމަލުތައް ކަމަށާއި ގިޔާމަތްވުމާ ހަމައަށް އެ މީހަކު އޮންނަން ޖެހޭނީ އެ ބިރުވެރިކަމާއި ނާމާންކަމުގެ ތެރޭގައެވެ.

ލައުނަތް ލެއްވިގެންވާ ޝައިތާނާ ވަނީ އޭނާގެ ދަންތުރައިގައި އިންސާނުން ޖައްސައި، ދުންޔަވީ ލައްޒަތާއި ޝަހުވަތުގެ އަޅުވެތިކަމުގެ ކަސްތަޅުން ކަސްތަޅު އަޅުވާފައެވެ.

ނަމަވެސް ޝައިތާނާގެ މި ދަންތުރައިން އަޅުތަކުންނަށް ސަލާމަތްވެވެން އޮތް ހަމައެކަނި މަގަކީ، ޝައިތާނީ ވަސްވާސްތަކުން ކިލަނބުވެފައިވާ ހިތްތައް އީމާންކަމުގެ ނޫރުން އަލިކުރުމެވެ.

މި ފަނާވެދަނިވި ދުނިޔޭގެ މި ކުރު ދަތުރުގެ މަގްސަދާ މެދު ފުންކޮށް ވިސްނައި، މި ދަތުރު ނިންމާލަންޖެހޭ މަންޒިލް ކަމުގައިވާ އާހިރަތުގެ މަތީން ތާއަބަދު ހަނދުމަކުރުމުގައި ސާބިތުވެ ތިބުމުން ނަސޭހަތްތެރިވަމެވެ.

އިންސާނާ މަރުވެ، ކަށްވަޅަށް ދިއުމާ ހަމައިން ގިޔާމަތުގެ މަރުހަލާ ފެށުނީއެވެ. ކަށްވަޅު ވެގެންދާނީ އާހިރަތުގެ މަންޒިލްތަކުގެ ތެރެއިން އެންމެ ފުރަތަމަ މަންޒިލަށެވެ.

އަދި އެ މަންޒިލަށް އިންސާނާ ދާން ޖެހެނީ އެތަނުގައި އެކަނިވެރިކަން ފިލުވައިދޭނެ އެއްވެސް މީހަކާ ނުލައެވެ. އެކަނިވެރިކަން ފިލުވައިދޭނެހައި ވެސް އެއްޗަކީ ދުނިޔޭގައި ހުރިއިރު އޭނާ ކޮށްފައިވާ ހެޔޮ އަމަލުތަކެވެ.

ނަމަވެސް ދުނިޔޭގައި ނުބައި އަމަލުކޮށްފައިވާ މީހުންނާ ކަށްވަޅުން ބައްދަލުކުރާނީ އެ ނުބައި އަމަލުތަކެވެ. އެ އަމަލުތައް، ކަށްވަޅުގައި ބައްދަލުކުރާނީ ބިރުވެރި ސިފައެއްގައެވެ. ގިޔާމަތްވުމާ ހަމައަށް އެ މީހަކު އޮންނަން ޖެހޭނީ އެ ބިރުވެރިކަމާއި ނާމާންކަމުގެ ތެރޭގައެވެ. އަދި ހަމަ އެހެންމެ ނުބައި އަމަލު ކުޅަ މީހުންނަށް ކަށްވަޅު ވެގެންދާނީ ނަރަކައިގެ ވަޅުގަނޑަކަށެވެ. އެއާ ހިލާފަށް ހެޔޮ އަމަލު ކުޅަ މީހުންނަށް ކަށްވަޅު ވެގެންދާނީ ސުވަރުގޭގެ ބަގީޗާއަކަށެވެ،

މާތް ﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގައި ވެއެވެ.

“އޭ މީސްތަކުންނެވޭ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން ތަގުވާވެރިވާށެވެ! ހަމަކަށަވަރުން، ގިޔާމަތްވުމުގެ ޒަލްޒަލާ އަކީ ބޮޑުވެގެންވާ ކަމެކެވެ. ތިޔަބައިމީހުންނަށް އެ ޒަލްޒަލާ ފެންނަ ދުވަހު، ކިރުމައިން އެއުރެން ކިރުދޭ ދަރިންގެ މަތިން ހަނދާންނެތި، އަދި މާބަނޑު އަންހެނުން އެއުރެންގެ ބަނޑުގައި އޮތް ދަރި ވިހައި، އަދި މީސްތަކުން މަސްތުވެފައިވާ ފަދައިން ތިބާ ދެކޭނޫއެވެ. ނަމަވެސް އެއުރެން ވަނީ، މަސްތުވެފައެއް ނޫނެވެ. އެހެނެއްކަމަކު ﷲގެ އަޒާބު ގަދަފަދައީއެވެ.”

އަދިވެސް މާތް ﷲ ވަޙީކުރެއްވި ބަސްފުޅެއްގައި ވެއެވެ.

“ފަހެ، ގަދަފަދަ އަޑު އަތުވެއްޖެ ހިނދެވެ! އެއީ، މީހާ އޭނާގެ އަހާގެ ކިބައިންނާއި، އޭނާގެ މަންމަ އާއި، ބައްޕަގެ ކިބައިންނާއި، އޭނާގެ އަނބިމީހާ އާއި، ދަރިންގެ ކިބައިން ފިލަންދާ ދުވަހެވެ. އެއުރެން ކުރެ ކޮންމެ މީހަކަށް، އެ މީހަކު އަވަދިނެތި ކުރާނެ ކަމެއް އެ ދުވަހުން ވެއެވެ.”

ގިޔާމަތްދުވަހު، ކޮންމެ މީހަކު ވެސް ﷲގެ ދަރުބާރަށް ހާޒިރުވާނީ އެ މީހަކު މި ބިންމަތީގައި އުޅުނުއިރު ކުޅަ އަމަލަކާއިގެންނެވެ. އެހެންކަމުން އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީ ވެސް މިދުނިޔޭގެ ދަންފަޅި ހަމަކޮށް ﷲގެ ހަޒްރަތަށް ދަތުރުކުރަންޖެހޭނެ މީހަކަށްވާއިރު ގިޔާމަތް ދުވަހު ﷲ ގެ ދަރުބާރުގައި ޖަވާބުދާރީ ވާންޖެހޭނެ ކަން ދަންނާން ޖެހެއެވެ.

ދުނިޔޭގެ ހަޔާތުގައި އިންސާނާއަށް ﷲ ދެއްވި އިލްމުގެ މަދު މިންވަރުން މިއަދު އޭނާ ތަރައްގީ އާއި ތަހުޒީބުގެ މަގުގައި މީގެ ކުރިން އެއްވެސް ޒަމާނެއްގައި ހޯދިފައިނުވާ ފަދަ މާއްދީ ބޮޑެތި ކުރިއެރުންތައް ހޯދާފައިވެއެވެ.

ނަމަވެސް އެ މާއްދީ ކުރިއެރުންތަކުގެ ސަބަބުން އޭނާގެ ރޫހާނިއްޔަތު ފުނޑުފުނޑުވެގެން ގޮސްފައިވާއިރު، އެކަމުގެ އިހްސާސް ވެސް އޭނާގެ ކިބައިގައި ނެތުމަކީ ހިތާމަހުރި ކަމެކެވެ.

https://wamco.com.mv/
tel:+9607331319