logo

ހަމަ އެކަނި ހައިހޫނުކަމުގައި ނުތިބެ، ފުރިހަމަ ގޮތުގައި ރޯދަ ހިފަން ޖެހޭ: ހުތުބާ

profile

ޝުރުފާ މުހައްމަދު - 21 ފެބްރުއަރީ 2025 - 08:22

ކުރިއަށް މި އޮތް ރަމަޟާން މަހު، ހަމަ އެކަނި ހައިހޫނުކަމުގައި ނުތިބެ ރޯދަ ހިފަން ޖެހޭ އެންމެ ފުރިހަމަ ގޮތުގައި ރޯދަ ހިފާ ބަޔަކަށް ވުމަށް މިއަދުގެ ހުކުރު ހުތިބާގައި ގޮވާލައިފި އެވެ.

https://wamco.com.mv/

ރަމަޟާން މަހަށް މިހާރު ކުޑަތަން ވެފައިވާއިރު މިއަދުގެ ހުކުރު ހުތުބާގެ މައުލޫއަކީ ރަމަޟާން މަހަށް ތައްޔާރުވުމެވެ. ހުތުބާގައި ވަނީ ފުރިހަމަ ރޯދައެއް ހިފޭނެ ގޮތްތައް ބުނެދީ އެކަމުގެ ސަވާބާއި ދަރުމަ ވެސް ބަޔާންކޮށްފަ އެވެ.

އެގޮތުން ކިރިތިރަސޫލާގެ ހަދީޘް ބަސްފުޅެއްގެ މާނާގައިވާ ގޮތަށް ރަމަޟާން މަހަކީ އުޑުގެ ދޮރުކޮޅުތައް ހުޅުވި، ނަރަކައިގެ ދޮރުތައް ބަންދުކުރެވި، މާރިދު ޝައިޠާނުން ކަސްތަޅުއެޅުވޭ މަހެއްކަން ހަނދާންކޮށްދީފައިވެ އެވެ. އަދި ރަމަޟާން މަހަކީ އެއްހާސް މަސްއަރަށް ވުރެ ހެޔޮކަން ބޮޑު ލައިލަތުން ގަދްރި ވިލެރޭ ވެސް އެ މަހެއްގައި އަންނަ މަސްކަން ހުތުބާގައި ހަނދާންކޮށްދީފައިވެ އެވެ.

ހުތުބާގައި ބުނީ މި ބަރަކާތްތެރި މައްސަރާ އަހަރެމެން ކުރިމަތިލާއިރު، އެންމެ ފުރަތަމަ ކުރާންޖެހޭ ކަމަކީ، އަހަރެމެންގެ ޙަޔާތުގައި ކުރެވެމުންދާ ކުށްފާފަތަކާ ދުރުހެލިވެ، ފުރިހަމަ ތައުބާއަކުން ތައުބާވުން ކަމަށެވެ. އަދި ފުރިހަމަ އީމާންކަންމަތީ އެ މަހުގެ ދަރުމައާއި ސަވާބަށް ފުރިހަމައަށް އެދޭ ހާލުގައި އެ މައްސަރާއި ބައްދަލުކުރުމަށް ވެސް ގޮވާލާފައިވެ އެވެ.

ހުތުބާގައި ބުނީ މުހިއްމު އެއް ކަމަކީ، ރޯދައިގެ ޝަރުޢީ ޙުކުމްތައް ދެނެގަތުން ކަމަށެވެ. އަދި ރޯދައިގެ މަތިވެރިކަމާއި ފުރިހަމަ ޘަވާބާއި ދަރުމަލިބޭ ގޮތަށް ރޯދަހިފާނެ ގޮތް ދަސްކުރުން ކަމަށާއި، ރޯދަ ގެއްލޭ ކަންތައްތަކާއި، ރޯދައަށް ހުރެ ކުރުން މަކުރޫހަ ކަންތައްތައް ދެނެގަނެ އެ ކަންކަމުން ދުރުހެލިވުން ކަމަށް ވެސް ބުނެފައިވެ އެވެ. އަދި އެކަންކަން ދަސްކުރުމުގެ ބޭނުމަކީ ރޯދައިގެ ހިސާބެއް ނެތް އަޖުރު އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބިގަތުން ކަމަށް ވެސް ބުނެފައިވެ އެވެ.

ރަސޫލާ ގެ އަރިހުން ވާރިދުވެފައިވާ ޤުދުސިއްޔަ ޙަދީޘްބަސްފުޅެއްގެ މާނައިގައި ވެއެވެ. "الله سُبْحَانَهُ وَتَعَالَى ވަޙީކުރެއްވިއެވެ. އާދަމުގެ ދަރިޔާގެ ހުރިހައި ޢަމަލުތަކެއް ވަނީ އޭނާއަށެވެ! ރޯދަ ފިޔަވައެވެ. އެ ރޯދަ ވަނީ ތިމަންރަސްކަލާނގެއަށެވެ! އެ އަށް ޖަޒާދެއްވާ ހުށީ ތިމަންރަސްކަލާނގެއެވެ. ރޯދައަކީ ރައްކާތެރިކަމެކެވެ. (އެބަހީ: ނަރަކައިން ދުރުކޮށްދޭކަމެކެވެ.) ތިޔަބައިމީހުންގެ ތެރެއިން މީހަކު ރޯދައަށް ހުންނަ ދުވަހު އެއްދާންނުކުރާށެވެ! އަދި ބޭކާރު ވާހަކަނުދައްކާށެވެ! ފަހެ، ރޯދައަށް ހުންނަ ހިނދު، މީހަކު ތިބާއާ ޒުވާބެއް ކޮށް، ގޯނާއެއް ކުރިޔަސް ތިމަން މިހުރީ ރޯދައަށޭ ބުނާށެވެ! ތިމަންކަލޭގެފާނުގެ ނަފުސު އެ ފަރާތެއްގެ އަތްޕުޅުގައިވާ ފަރާތް (الله سُبْحَانَهُ وَتَعَالَى) ގަންދެއްވައި ވިދާޅުވަމެވެ. ރޯދަވެރިޔާގެ އަނގައިން ނުކުންނަ ވަސް ﷲގެ ހަޟުރަތުގައި ގޮމަކަސްތޫރިއަށް ވުރެ ވަސްމީރުވެގެން ވެއެވެ. ރޯދަވެރިޔާއަށް ދެ އުފަލެއް ވެއެވެ. އޭނާ ރޯދަވީއްލާ ހިނދު ލިބޭ އުފަލާއި، އޭނާގެ ވެރި ރަސްކަލާނގެއާ ބައްދަލުވާ ހިނދު ރޯދައިގެ ސަބަބުން ލިބޭ މަތިވެރިކަމުގެ އުފަލެވެ."

ރޯދަހިފާން ޖެހޭ ގޮތަށް ރޯދަ ނުހިފާ ނަމަ، މި މަތިވެރި ސަވާބާއި ދަރުމައެއް ނުލިބޭނެ އެވެ. ރަމަޟާންމަހުގެ ބަރަކާތްތެރި ދުވަސްތަކުގައި ހަމައެކަނި ބަނޑުހައިހޫނުކަމާއި ކަރުހިއްކުންލިބޭ ބަޔަކަށް އަހަރެމެން ވެއްޖެ ނަމަ އެއީ ބޮޑު ހިތާމައެއް ކަމަށް ވެސް ބުނެފައިވެ އެވެ. އަދި ރަމަޟާންމަހާ ބައްދަލުވެ، އެ މަހު އޭނާގެ ނަފުސު ތަހުޒީބުނުވެ، ހަމައެކަނި ނަމަކަށް ރޯދަހިފައިފި ނަމަ، އެ މަސް އެއްކޮށް ބޭކާރު ކޮށްލެވުނީ ކަމަށް ވެސް ބުނެފައިވެ އެވެ.

ނަބިއްޔާ z ޙަދީޘްކުރައްވައިފައި ވެއެވެ. (مَنْ صَامَ يَوْمًا فِيْ سَبِيْلِ اللَّه بَعَّدَ اللّٰهُ وَجْهَهُ عَنِ النَّارِ سَبْعِيْنَ خَرِيْفًا)[1] މާނައީ: "މީހަކު ﷲއަށް ޓަކައި ރޯދައެއް ހިފައިފި ނަމަ، އެ މީހެއްގެ މޫނު ނަރަކައާ ހަތްދިހަ ޚަރީފު (އެބަހީ: ހަތްދިހަ އަހަރުގެ) ރާސްތާއަށް ﷲ تَعَالَى ދުރުކުރައްވާނެތެވެ."

ރޯދައިގެ ދަރުމައާއި ޘަވާބު މިހައި މަތިވެރިވެގެންވީ އިރު، ފުރިހަމަ ގޮތުގައި މި އަޅުކަން އަދާކުރެވޭތޯ ގަދައަޅައި މަސައްކަތް ކުރާން ޖެހެއެވެ. ރޯދައަށްހުރެ، ނެތިމޮށުމާއި، ދެބައޮޑުވުމާއި، ދޮގުހެދުމާއި، އަރައިރުންވުމާއި، ފުރައްސާރަކުރުމާއި، ބާޠިލު ވާހަކަދެއްކުމާއި، އެ ފަދަ ވާހަކަތައް އަޑުއެހުމަކީ ވެސް ރޯދައިގެ ޘަވާބަށް އުނިކަން އަންނާނޭ ކަންކަން ކަމަށް ވެސް ހުތުބާގައިވެ އެވެ.

ހުތުބާގައި ބުނީ އަހަރެމެން ރޯދަމަހަށް ތައްޔާރުވާންވީ ހަމައެކަނި ގޭތެރެ ރީތިކުރުމާއި ފަރުނީޗަރުތައް އައުކުރުމާއި ކާބޯތަކެތި ގަނެ ޖަމަޢަކުރުމަކުން ނޫން ކަމަށެވެ. އެ ކަންކުރުމަކީ އޭގެ ޒާތުގައި މައްސަލައަކަށް ނުވިނަމަވެސް ބަރަކާތުން ފުރިގެންވާ ހެޔޮކަމުގެ ދުވަސްތަކަށް ތައްޔާރުވުމުގެ ނަމުގައި، އިސްރާފު ނުކުރުމަށް އިލްތިމާސްކޮށްފައިވެ އެވެ.

މި ފަދަ ކަންތައްތަކާ ދުރުހެލިވެ، ރަމަޟާންމަހާ ބައްދަލުކުރާ އިރު އެންމެ އިސްކަމެއް ދޭންޖެހޭނީ، އެ މަހުގެ ފުރިހަމަ ދަރުމައާއި ޘަވާބު ޙާޞިލުކުރެވޭނެ ގޮތަކަށް ކަންކަން ރޭވުމަށް ކަމަށް ވެސް ބުނެފައިވެ އެވެ. އެކަން ހާސިލްކުރެވިދާނެ ބައެއް ގޮތްތައް ވެސް ހުތުބާގައި ބަޔާންކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ހާރު ކެއުން ފަސްކުޅައުމާއި، ފަރުޟު ނަމާދުތަކަށާއި، ރަވާތިބު ސުންނަތްތަކަށް ރައްކައުތެރިވުމާއި، ކީރީތި ޤުރްއާން ކިޔަވާ އިރު، ޤުރްއާނާ މެދު، ވިސްނައި ފިކުރުކުރުމާއި، ގިނަގިނައިން ދުޢާކުރުން ހިމެނެއެވެ. އަނބިދަރީންނާއި މައިންބަފައިންނާއި ގާތްތިމާގެމީހުންނަށް ހެއު ފޯރުވައި އިޙްސާންތެރިވެ އުޅުމާއި، ވަގުތުވުމުން ރޯދަވީއްލުން އަވަސްކުރުމާއި، ގިނަގިނައިން ޞަދަޤާތްކުރުން ހިމެނެއެވެ.

މީގެ އިތުރަށް ތަރާވީޙު ނަމާދާއި ރޭއަޅުކަންކުރުން ފަދަ ކަންކަމަށް ޖާގަ ލިބޭނޭ ގޮތަށް ކަންކަން ރާވައިލައިގެން ރަމަޟާންމަހާ ބައްދަލުކޮށްފި ނަމަ، އެންމެ ފުރިހަމަ ގޮތުގައި، މި މަތިވެރި ފޯވަހީގެ ބޭނުން ހިފޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay