ވަޒީފާގެ މާހައުލުގައި ގުޅުންތަކަށް ބުރޫއަރާފަދަ ވާހަކަ ނުފެތުރުމަށް ހުތުބާގައި ގޮވާލައިފި
ޝުރުފާ މުހައްމަދު - 10 ޖެނުއަރީ 2025 - 15:10
ވަޒީފާގެ މާހައުލުގައި އެއް މުވައްޒަފަކު އަނެއް މުވައްޒަފަކާ ދެމެދު އޮންނަ ގުޅުންތަކަށް ބުރޫ އަރާނެ ފަދަ ވާހަކަތައް ނުފެތުރުމަށް ހުތުބާގައި ގޮވާލައިފި އެވެ.
މިއަދުގެ ހުކުރު ހުތުބާ ބިނާކޮށްފައިވަނީ މަސައްކަތުގެ އަޚްލާޤުގެ މައްޗަށެވެ.
މިއަދުގެ ހުތުބާގައި ބުނީ ވަޒީފާގެ ވެށި ތަހުޒީބު އަމާން ވެށްޓަކަށް ހެދުމަކީ ކޮންމެ މުވައްޒަފެއްގެ ވާޖިބެއް ކަމަށެވެ. އެގޮތުން މުވައްޒަފުންގެ މެދުގައި އޮންނަންޖެހޭ އަޚުވަންތަ ގުޅުންތަކަށް ބުރޫ އަރާފަދަ ޢަމަލުތައް ކުރުމާއި އެފަދަ ވާހަކަތައް ފެތުރުމަކީ ވަޒީފާގެ ވެށި ކިލަނބުކޮށް، ތަޣައްޔަރުކުރާ ކަމެއް ކަމަށެވެ. މަސައްކަތުގެ ރޫޙު ގެއްލޭ ކަމެއްކަން ހަނދާންކޮށްދީ ހުތުބާގައި ވަނީ އެފަދަ އަމަލުތަކުން ދުރުހެލިވުމަށް އިލްތިމާސް ކޮށްފައެވެ.
ވަޒީފާގެ ވެށި ތަހުޒީބު އަމާން ވެށްޓަކަށް ހެދުމަކީ ކޮންމެ މުވައްޒަފެއްގެ ވާޖިބެކެވެ. މުވައްޒަފުންގެ މެދުގައި އޮންނަންޖެހޭ އަޚުވަންތަ ގުޅުންތަކަށް ބުރޫ އަރާފަދަ ޢަމަލުތައް ކުރުމާއި އެފަދަ ވާހަކަތައް ފެތުރުމަކީ ވަޒީފާގެ ވެށި ކިލަނބުކޮށް، ތަޣައްޔަރުކުރާ ކަމެކެވެ. މަސައްކަތުގެ ރޫޙު ގެއްލޭ ކަމެކެވެ. މުވައްޒަފުންގެ ކުރިއެރުމަށް ހުރަސްއެޅޭ ކަމެކެވެ. އެހެންކަމުން އެފަދަ ޢަމަލުތަކުން ދުރުވުމަށް ތިޔަ އެންމެތަކުންނަށް އިލްތިމާސްކޮށް، ވަޞިއްޔަތްކުރަމެވެ.
މީގެ އިތުރަށް މުވައްޒަފުން އަދާކޮށްދޭން ޖެހޭ ހައްގުތައްވެސް ހުތުބާގައި ބަޔާންކޮށްފައި ވެއެވެ. ވަޒީފާގެ އެއްބަސްވުމަކީ ހަމައެކަނި މުސާރަ ލިބިގަތުމަށްޓަކައި ވެވޭ އެއްބަސްވުމަކަށް ނުހެދުމަށާއި، ސޮއިކުރާ ޢަޤުދަކީ އޮފީސް ވަތްގަނޑުގައި ބާއްވާލުމަށް ކުރަހައިލެވޭ ތަޞްވީރަކަށް ނުހެދުމަށް ވެސް އިލްތިމާސް ކޮށްފައިވެއެވެ. އެ އެއްބަސްވުމުގައި ލިޔެވިފައިވާ ކޮންމެ ލަފުޒަކަށް، ޖުމްލައަކަށް ފަރުވާތެރިވެ ރައްކާތެރިވުމަށް އިލްތިމާސް ކޮށްފައިވެއެވެ.
ވަޒީފާގެ ތެރެއިން ޚިދުމަތަށް އެދޭ ފަރާތްތަކަށް ފަރުވާތެރި ކަމާއެކު އެޚިދުމަތެއް ވީއެންމެ ފުރިހަމައަށް އިޙްތިރާމާއި އޯގާތެރި ކަމާއެކު ފޯރުކޮށްދޭށެވެ! މުވައްޒަފުންގެ ފަހަތުން ޚިދުމަތް ލިބިގަންނަ މީހާ ދުވަން ނުޖެހޭގޮތަށް، ތިބާގެ ދުވަހުގެ މަސައްކަތް ތަރުތީބު ކުރާށެވެ.
ހުތުބާގައި ބުނީ މުޖުތަމަޢުގައި ހިމެނޭ ގިންތިތަކުގެ ތެރެއިން މުވައްޒަފުންނަކީ އެންމެ މަތިވެރި ސުލޫކުން އެންމެ ފުރިހަމައަށް ޒީނަތްތެރިވާންޖެހޭ މީހުން ކަމަށެވެ. ވަޒީފާގެ މައިދާނުން ރިވެތި މާތް އަޚްލާޤީ ސިފަތައް ފެންނަންޖެހޭ ކަމަށެވެ. އޭނާ ހެއްދެވި މަޤުޞަދު މަތިން ހަނދާންކޮށް އެމަޤުޞަދު ޙާޞިލުކުރުމަށް މަސައްކަތް ކުރަންޖެހޭނެ ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.