logo

އިންފްލުއެންޒާ އާއި ޑެންގީ ފެތުރޭތީ ސަމާލުވާން އެދިއްޖެ

profile

މުޙައްމަދު ފަޟްލޫން - 25 ނޮވެމްބަރު 2025 - 07:11

މިދުވަސްވަރު އިންފްލުއެންޒާ އާއި ޑެންގީ މާލެ އާއި ރާއްޖެތެރޭގައި ހަލުވި ކަމާއެކު ފެތުރޭތީ ސަމާލުވާން އެދިއްޖެެއެވެ.

https://wamco.com.mv/

ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހްމަދު ފައިސަލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލޭގައި އިންފްލުއެންޒާ ހަލުވިކަމާއެކު ފެތުރެމުންދާ ކަމަށާއި ބަލިޖެހިގެން ދައްކާ ބައެއް ކުދިންގެ ހާލު ސީރިއަސް ކަމަށެވެ.

އިންފްލުއެންޒާ ޖެހޭ ބައެއް ކުދިންގެ ގައިގައި ރިއްސާ ނުހިނގޭ ވަރުވެފައިވާ ކަމަށް ޑޮކްޓަރ ފައިސަލް ވިދާޅުވެފައިވެއެވެ. އެހެން ކަމުން ބަލް ރައްކާތެރިވުމަށް ވެކްސިން ޖެހުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.

ކ އަތޮޅުގައި ޑެންގީވެސް ވަރަށް ހަލުވި ކަމާއެކު ފެތުރެމުންދާ ކަމަށް ޑރ ފައިސަލް ވިދާޅުވެފައިވެއެވެ.

ކ މާފުއްޓާއި ހިންމަފުށީގައި ބަލިޖެހިގެން ދައްކާ ކުދިން އިތުރުވެފައިވާއިރު މަދިރިން ރައްކާތެރިވުމަށް ޑރ ފައިސަލް ވަނީ އެދިވަޑައިގެންފައެވެ.

ޑެންގީ އިން ރައްކާތެރިވުމަށް މަދިރި ހެފުމުން ރައްކާތެރިވުމުގެ ގޮތުން މަދިރި ލޯޝަން ނުވަތަ މަދިރި ސްޕްރޭ ބޭނުން ކުރުމަކީ މުހިއްމު ކަމެކެވެ. އަދި ވީހާވެސް ބޮޑަށް ހަށިގަނޑު ނިވާ ވާގޮތަށް ފޭރާން ލުމާއި ގޭގެ ކުޑަދޮރު ފަދަ ތަންތަނުގައި މަދިރި ދާ ޖެހުމާއި ގޭތެރޭގައި މަދިރިގެ ބޭނުންކުރުމުގެ އިތުރުން މަދިރި ގިނަވާ ވަގުތުތަކުގައި ދޮރާއި ކުޑަ ދޮރުތައް ލައްޕާފައި ބެހެއްޓުމަށް އެޗްޕީއޭ އިން އިލްތިމާސް ކުރެއެެވެ.

މީގެ އިތުރުން މަދިރި އާލާވާފަދަ ތަންތަނާއި ތަކެތި ނައްތާލުމަށް ސަމާލުކަން ދިނުމަކީ މުހިއްމު ކަމެކެވެ. އެގޮތުން ގޭތެރެ އާއި ގޯތި ތެރޭގައި ފެން ހަރުލާ ގޮތަށް ހުންނަ ތަކެއްޗާއި ތަންތަން މަދުވެގެން ހަފްތާއަކު އެއްފަހަރު ސާފްކުރުމާއި ހުސްތާނގީ އާއި ގަސް މުށި ފަދަ ތަކެއްޗަށް ފެން ނޭޅޭ ގޮތަށް ބެހެއްޓުމަކީ މުހިއްމު ކަމެކެވެ. އާއްމު ތަންތަނުގައި މަދިރި އާލާވާ ނުވަތަ ފެން ހަރުލާ ގޮތަށް ހުންނަ ތަކެތިވެސް ހަފްތާއަކު އެއް ފަަހަރު ސާފްކުރުމަކީ މަދިރި މަދުކުރުމަށް ކުރެވިދާނެ ކަންތައްތައް ކަަމަށް އެޗްޕީއޭ އިން ފާހަގަކޮށްފައިވެއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay