މޯލްޑިވިއަން އަށް މުޅިން އާ ދެ ބޯޓު، މިފަހަރު އޭޓީއާރު!
އަހުމަދު ޒަލީފު - 04 ޖެނުއަރީ 2023 - 14:06
މިއަދު ވީއައިއޭގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ ރައީސް އޮފީސް ފޭސްބުކް ޕޭޖް
މޯލްޑިވިއަންއިން އަލަށް ގެންނަ އޭޓީއާރުގެ 2 ބޯޓު މިއަދު ރާއްޖެ ގެނެސްފިއެވެ.
މޯލްޑިވިއަންގެ ފްލީޓުގައި ހިމެނޭ ބައެއް މަތިންދާ ބޯޓު މަރާމާތު ކުރަން ގްރައުންޑުކޮށްފައި އޮތުމުގެ ސަބަބުން އެ ކުންފުނީގެ ފަސިންޖަރުންނަށް ހިދުމަތް ދޭން ދަތިތަކެއް ދިމާވެފައިވާ ދަނޑިވަޅެއްގައި، މިއަދު ގެނައި އޭޓީއާރުގެ ދެ އެއާކްރާފްޓަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ވަނީ ވޯޓާ ސެލިއުޓާއެކު ވަނީ މަރުހަބާ ކިޔައިފައެވެ. މި ބޯޓުތަކަށް މަރުހަބާ ކިޔުމަށް ވީއައިއޭގައި މިއަދު ކުރިއަށްގެންދިޔަ ހާއްސަ ހަރަކާތްތަކުގައި ނައިބު ރައީސް ފައިސަލް ނަސީމާއި މޯލްޑިވިއަން ހިންގާ އައިއޭއެސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދުގެ އިތުރުން ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ ބައިވެރިވެވަޑައިގެންނެވިއެވެ.
މޯލްޑިވިއަނުން ބުނީ މި 2 ބޯޓު މިމަހުން ފެށިގެން އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރަން ފަށާނެކަމަށެވެ. މިއީ އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ ބޯޓުތަކުގެ ފްލީޓް އައުކުރުމަށް ގެންނަ ބޯޓުތަކެކެވެ. އޭޓީއާރު މަރުކާގެ 3 ބޯޓު ހޯދުމުގެ މަސައްކަތް އައިލެންޑް އޭވިއޭޝަނުން ފެށީ މިދިޔަ އަހަރުއެވެ. އެއީ އޭޓީއާރު 72 މަރުކާގެ 2 ބޯޓާއި، އޭޓީއާރު 42 މަރުކާގެ 1 ބޯޓެވެ.
އޭޓީއާރު 72 މަރުކާގެ ބޯޓަކީ 74 މީހުންގެ ޖާގައިގެ ބޯޓެކެވެ. އަދި އޭޓީއާރު 42 މަރުކާގެ ބޯޓުގެ ޖާގައަކީ 50 މީހުންކަމަށް މޯލްޑިވިއަނުން ބުންޏެވެ. އެކުންފުނިން ބުނީ އަލަށް ގެންނަ ބޯޓުތަކަކީ ތެޔޮ ޚަރަދު ކުޑަ އަދި މަރާމާތުގެ ޚަރަދުވެސް ކުޑަ ބޯޓުތަކެއްކަމަށެވެ.