އިތުރުވި ދެ ބޯޓުން އަންގައިދެނީ ސަރުކާރުގެ ސިޔާސަތު ރަނގަޅުކަން - ނައިބު ރައީސް
އަހުމަދު ޒަލީފު - 04 ޖެނުއަރީ 2023 - 15:10
މުޅިން އަލަށް ގެނެވުނު އޭޓީއާރުގެ 2 މަތިންދާބޯޓު ގެނައުމުން ދައްކައިދެނީ ރާއްޖޭގެ އިޤްތިޞާދު ރަނގަޅުކަން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
"ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް ސަރުކާރުގެ ސިޔާސަތު ރަނގަޅުކަން މިފެންނަނީ. އެހެން ނޫންނަމަ ފެންނާނީ މުޅިން ބާ ބޯޓުތަކެއް. އަޅުގަނޑުމެންނަށް ފެންނާނީ ދަތުރު ނުކުރެވި ތިބޭތަން. އެހެންވީމާ މިއީ ވަރަށްބޮޑު ކާމިޔާބީއެއްކަން އަޅުގަނޑު ޤަބޫލްކުރަން" ނައިބު ރައީސް ވިދާޅުވިއެވެ
މީގެއިތުރުން، ނައިބު ރައީސް ވަނީ މޯލްޑިވިއަންގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް އެކުންފުނިން ކުރަމުންދާ މަސައްކަތްތައްވެސް ފާހަގަކުރައްވާފައެވެ
މޯލްޑިވިއަނުން ބުނީ މި 2 ބޯޓު މިމަހުން ފެށިގެން އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރަން ފަށާނެކަމަށެވެ. މިއީ އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ ބޯޓުތަކުގެ ފްލީޓް އައުކުރުމަށް ގެންނަ ބޯޓުތަކެކެވެ. އޭޓީއާރު މަރުކާގެ 3 ބޯޓު ހޯދުމުގެ މަސައްކަތް އައިލެންޑް އޭވިއޭޝަނުން ފެށީ މިދިޔަ އަހަރުއެވެ. އެއީ އޭޓީއާރު 72 މަރުކާގެ 2 ބޯޓާއި، އޭޓީއާރު 42 މަރުކާގެ 1 ބޯޓެވެ.
އޭޓީއާރު 72 މަރުކާގެ ބޯޓަކީ 74 މީހުންގެ ޖާގައިގެ ބޯޓެކެވެ. އަދި އޭޓީއާރު 42 މަރުކާގެ ބޯޓުގެ ޖާގައަކީ 50 މީހުންކަމަށް މޯލްޑިވިއަނުން ބުންޏެވެ. އެކުންފުނިން ބުނީ އަލަށް ގެންނަ ބޯޓުތަކަކީ ތެޔޮ ޚަރަދު ކުޑަ އަދި މަރާމާތުގެ ޚަރަދުވެސް ކުޑަ ބޯޓުތަކެއްކަމަށެވެ.