logo

މަނީ އެކްސްޗޭންޖް ވިޔަފާރީގައި ދެން ބިދޭސީންނަށް ނޫޅެވޭނެ!

profile

ޒިދާން މުޙައްމަދު - 01 އޮކްޓޯބަރު 2024 - 22:07

މަނީ އެކްސްޗޭންޖް ވިޔަފާރިތަކުގައި ބިދޭސީންނަށް ހަރަކާތްތެރި ނުވެވޭ ގޮތަށް ގަވާއިދު އިސްލާހުކޮށް އަމަލުކުރަން ފަށައިިފިއެވެ.

މިއަދު ގެޒެޓްކޮށް އަމަލުކުރަން ފެށި ގަވައިދާއެކު، އެމްއެމްއޭ އިން 1987 ވަނަ އަހަރު އެކުލަވައިލާފައިވާ "މަނީ ޗޭންޖާ ކަމުގެ ލައިސެންސް ލިބިގެން ބޭރު ފައިސާ ގަނެ ވިއްކާ ފަރާތްތަކުން ކަންކަން ކުރަންވީ ގަވައިދު" ވަނީ އުވިފައެވެ.

މިހާރު އަމަލުކުރާ ގަވައިދުގައިވާ ގޮތުން އެފަދަ ވިޔަފާރިތަކަށް ދެ ޓިއާއެއްގެ ދަށުން ލައިސަންސް ދޫކުރާނެއެވެ. މިގޮތުން ދޫކުރާ ޓިއާ 1 އަކީ ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ވިޔަފާރިކުރުމުގެ ލައިސެންސްއެވެ. އަދި ޓިއާ 2 އަކީ ބޭރު ފައިސާ ވިއްކުމުގެ ވިޔަފާރިކުރުމުގެ ލައިސެންސްއެވެ.

ޓިއާ 1 ގެ ދަށުން ލައިސެންސް ދޭނީ ކުންފުނީގެ ގާނޫނުގެ ދަށުން ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ވިޔަފާރި ކުރުމަށް އުފައްދާފައިވާ ކުންފުންޏަށް ކަމަށް އެމްއެމްއޭއިން ބުނެއެވެ. އެ ކުންފުނީގެ ވެރިފަރާތަަކަށް ވާން ޖެހޭނީ ދިވެހިން ކަމަށް ގަވައިދުގައި ބުނެފައިވެއެވެ. ޓިއާ 1 ގެ ދަށުން ލައިސަންސް ދެނީ 5 އަހަރުގެ މުއްދަތަކަށެވެ. އެ ވިޔަފާރީގައި ހަރަކާތްތެރިވާ ހުރިހާ މުވައްޒަފުން ވެސް ވާން ޖެހެނީ ދިވެހިންނަށެވެ.

ޓިއަ 1 ގެ ދަށުން އެޕްލިކޭޝަން ފީގެ ގޮތުގައި 20،000ރ. ދައްކަން ޖެހެއެވެ. ލައިސަންސް އަހަރީ ފީގެ ގޮތުގައި 24،000ރ. ދައްކަން ޖެހެއެވެ. ދުވާލެއްގެ މައްޗަށް އެއް ކަސްޓަމަރަކަށް ނަގުދު ފައިސާއިން އެންމެ ގިނަވެގެން މުއާމަލާތް ކުރެވޭނީ 50،000ރ. ނުވަތަ އެއަށް ޖެހޭ ބޭރު ފައިސާގެ އަދަދަކަށް ވާން ޖެހޭނެ ކަމަށް ގަވައިދުގައި ވެއެވެ.

މި ގަވާއިދުގެ ދަށުން ޓިއަ 2 ގައި ހިމެނެން ޖެހޭނީ ޓޫރިޒަމާބެހޭ ގާނޫނުގެ ދަށުން ޓޫރިސްޓުން ރިސޯޓު ހިންގަން ހުއްދަ ނުވަތަ ލައިސެންސް ލިބިފައިވާ ކުންފުނި ތަކަށެވެ. ޓިއާ 2 ގެ ދަށުން ލައިސެންސް އެޕްލިކޭޝަން ފީގެ ގޮތުގައި ދައްކަން ޖެހޭނީ 1،300 އެމެރިކާ ޑޮލަރެވެ. އަދި ލައިސެންސް އަހަރީ ފީގެ ގޮތުގައި 1،800 އެމެރިކާ ޑޮލަރެވެ.

ޓިއާ 2 ގައި ހިމެނޭ ފަރާތްތަކުން ބޭރު ފައިސާ ވިއްކުމުގެ މުއާމަލާތް ކުރަންވާނީ ބޭންކެއް މެދުވެރިކޮށް ނުވަތަ ޓިއާ 1 ގައި ހިމެނޭ ފަރާތަކާ އެކުއެވެ.

ލައިސެންސް ލިބިފައިވާ ކޮންމެ ފަރާތަކުން ވެސް ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި 50،000 އެމެރިކާ ޑޮލަރު ބަހައްޓަން ޖެހެއެވެ.

އެމްއެމްއޭއިން ބުނީ އެކްސްޗޭންޖް ރޭޓް ސިޔާސަތު ތަންފީޒުކުރުމަށް އެމްއެމްއޭއިން ފޮރިން އެކްސްޗޭންޖް މާކެޓަށް ވިއްކަމުންދާ ބޭރު ފައިސާގެ އަދަދު އިތުރުކުރުމަށް ވެސް މަގުފަހިވެ، ވަކިން ހާއްސަކޮށް އެ ގަވާއިދުތަކުގެ ސަބަބުން ރައްޔިތުންނަށް ފައިދާތަކާއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

އޭގެ އިތުރުން މަނީ ޗޭންޖިން ވިޔަފާރިކުރުމަށް ލައިސަންސް ދޫކުރުމުގެ އުސޫލަށް އެ ގަވާއިދުގެ ތެރެއިން ގެނެވިފައިވާ ބަދަލުތަކުގެ ސަބަބުން އެ ވިޔަފާރިތައް ހިންގުން ހަރުދަނާވެ، އެ ވިޔަފާރިތައް ސްޕަވައިޒް ކުރުމަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ވެސް އެމްއެމްއޭއިން ބުންޏެވެ.

https://wamco.com.mv/
tel:+9607331319