logo

ރައްޔިތުންގެ އަޑުއައްސަވައިފި!

profile

މަރްޔަމް އުމްނާ އިސްމާޢީލް - 02 އޮކްޓޯބަރު 2024 - 19:23

ގްރެފިކްސް: އިސާމް ސާމިރު

ގްރެފިކްސް: އިސާމް ސާމިރު

ރާއްޖޭގެ އިގްތިސޯދީ ހާލަތަށް ނަޒަރު ހިންގާލާއިރު، ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ފެށުނުއިރު މިދިޔަ ފަސް އަހަރު ތެރޭގައި ފަށާފައި ހުރި ގިނަ މަޝްރޫއުތައް ހިންގާނެހާ ފައިސާއެއް ނެތެވެ. ނިމިދިޔަ ސަރުކާރުތަކުން ގެންގުޅުނު އިގްތިސޯދީ ސިޔާސަތުތައް ދޯދިޔާވުމުގެ ސަބަބުން، މި ސަރުކާރާ ހަމަޔަށް އައިރު ޤައުމު އޮތީ ހިލޭ އެހީއެއް ނުވަތަ ލޯނެއް ވެސް ދޭން ބޭރު ގައުމަކުން ފަސްޖެހޭ ހާލަތުގައެވެ.

ވާނީ ވެސް އެހެނެއް ނޫންތޯ އެވެ. ފައިސާ ޗާޕުކުރީ އެއްވެސް ހަމައެއް ލަމައެއް ނެތި އެވެ. ޓެކްސް އާއި ދެން ޖެހުނު އެއްޗެއް ބޮޑު ކުރިޔަސް އެކަން ހަދަން ޖެހޭ ދިރާސާތައް ހެދުމެއްނެތި ހިތުހުރި ގޮަތަށެވެ. ހާލުގައި ޖެހި ގަނަތެޅެން ޖެހުނީ ނިކަމެތި ރައްޔިތު މީހާ އެވެ. ސަރުކާރުތަކުގެ ދޯހަޅި ސިޔާސަތުތަކުގެ ހުރިހާ ބުރައެއް އަބަދުވެސް އުފުލަން ޖެހިފައި އޮތީ ނިކަމެތި ރައްޔިތުންނެވެ. ނަމަވެސް ވައުދު ފޮށާގެ އެންމެ ކުރީގައި ހުރިހާ ސިޔާސީވެރިންވެސް ވަކާލާތު ކުރަމުން އަންނާނީ އެވެނި ކަމެއް މިވެނި ކަމެއް ކުރަނީ "ރައްޔިތުމީހާ" ގެ ހައްގުގައި ކަމަށެވެ.

ރާއްޖޭގެ ރީތިކަމާއި ޗާލުކަން ދެކިލުމަށް ކޮންމެ އަހަރަކުވެސް މި ގައުމަށް ދުނިޔޭގެ އެތަން މިތަނުން މިލިއަނުން ފަތުރުވެރިން އާދެ އެވެ.ނިމިގެންދާ ކޮންމެ އަހަރަކާއި އެކު ރާއްޖެ އަންނަ ފަތުރުވެރިން ވެސް އަދަދުވެސް އަންނަނީ އެތައް ގުނަ އަކުން އިތުރުވަމުންނެވެ. ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ވައްދަދޭ އެ ސިނާއަތަށް މުޅި އިގްތިސޯދު އޮންނަނީ އަބަދުވެސް ބަރޯސާވެފަ އެވެ. މިލިއަނުން ރާއްޖެއަށް އާމްދަނީ ވަނަސް، ދުވަހަކުވެސް ރާއްޖޭގައި އެ އާމްދަނީ ހިފެހެއްޓޭނެ ގޮތެއް ނޯވެ އެވެ. އަބަދުވެސް ތިބެނީ އިގިލިން ގުނާލެވޭހާ މަދު ވިޔަފާރިވެރިންނެވެ. ނިކަމެތިން އަންނަނީ ދުވަހަކަށް ފަހު ދުވަހެއް ބިކަވަމުންނެވެ. އެކަން އޮންނަނީ ބޮޑު އަރަތަކަށް ވެފަ އެވެ.

2019 ވަނަ އަހަރު އެ ސިނާއަތަށް އާމްދަނީގެ ގޮތުގައި ލިބުނު 3 ބިލިއަން ޑޮލަރުގެ ތެރެއިން ރާއްޖޭގެ ބޭންކިން ނިޒާމަށް ވަދެފައިވަނީ އޭގެއިން އެންމެ 74 އިންސައްތަ އެވެ. އެކަމަކު، މިހާރު އެ ސިނާއަތުން އާމްދަނީގެ ގޮތުގައި 4.5 ބިލިއަން ޑޮލަރު ލިބުނު ނަމަވެސް ރާއްޖޭގެ ބޭންކިން ނިޒާމަށް ވަދެފައިވަނީ އޭގެ އެންމެ 52 އިންސައްތަ އެވެ. އިންސައްތައިން ވަރަށް ކުޑަ މިންވަރެކެއެވެ.

ސަބަބެއް ވެސް ނެތިއެއް ނޫނެވެ. ރާއްޖޭގައި މިހާތަނަށް ވެރިކަން ކުރެއްވި ބޭފުޅުން އިސްކުރެއްވީ މި ގައުމުގެ ރީތިކަން ބޭނުންކޮށްގެން މިލިއަރަނުންނަށް ވެވަޑައިގެންނެވި އިއްޒަތްތެރި މަހުޖަނުންގެ މަސްލަހަތެވެ. އެބޭފުޅުންގެ ޖީބަށް ބަރުނުވާނެ ގޮތަކަށް މީގެ ކުރިން އައި އެއްވެސް ސަރުކާރަކަށް އަމަލުކުރެވިފައެއް ނުވެ އެވެ. އޭރުވެސް ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތައް އޮތެވެ. އެކަމަކު އޭގެ ތެރެއިން ގިނަ އުސޫލުތަކަކަކީ، ފެހި ގާނޫނު އަސާސީއަށް ވުރެ ވެސް ދުވަސްވީ އުސޫލުތަކެކެވެ. ޓޫރިޒަމްގެ ނަފާ ލިބޭނެ ގޮތަކަށް ކަންކަން ބައްޓަން ކުރުމަށް އެ ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތައް އޭރުވެސް ބަދަލު ކުރެވެން އެބައޮތެވެ.

އެކަމަކު މިއަދު މިހެން ބުނެވޭކަށް ނެތެވެ. މި ސަރުކާރުން މިވަނީ ރާއްޖޭގައި ޑޮލަރު ހިފެހެއްޓުމަށްޓަކައި، ކުރިން މި ދެންނެވި ގަވާއިދުތަކަށް ބަދަލު ގެނެސްފައެވެ. 1987 ވަނަ އަހަރު އެކުލަވާލެވުނު މަނިޓަރީ ގަވާއިދު އުވާލައި ގައުމަށް ފައިސާ ވަންނާނެ ގޮތަށް މިވަނީ އާ ގަވާއިދެއް އެކުލަވާލާފަ އެވެ. މަރުކަޒީ ބޭންކުން ގެނައި އިސްލާހާ އެކު ރިސޯޓުތަކުން ކޮންމެ އަހަރަކުވެސް ވަކި އަދަދަކުން ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރުކުރުން ވަނީ މަޖުބޫރުކޮށްފަ އެވެ. ފަތުރުވެރިކަމަށް ބޭރު ފައިސާ އިން ލިބޭ އާމްދަނީން އަހަރަކު ޖުމްލަ 750 މިލިއަން ޑޮލަރާ ހަމައަށް ރާއްޖޭގެ ބޭންކުތަކުން މާރުކުރަން ޖެހޭ ގޮތަށް މި ގެނައި ތާރީޚީ ބަދަލަކީ ރާއްޖޭގެ ބޭންކުތަކުން ޑޮލަރު މާރުކުރަން ޖެހޭ ގޮތަށް މިހާތަނަށް ކަނޑައެޅި ފުރަތަމަ ފަހަރެވެ. މިއީ މިހާތަނަށް އެއްވެސް ރައީސަކަށް ކުރައްވަން ކެރިވަޑައިގެންނެވި ކަމެއް ނޫނެވެ.

އަދި މިހާވަރުންވެސް ރައީސް ފަރުޖައްސާލެއްވީކީ ނޫނެވެ. ބިދޭސީންގެ ކޮންޓްރޯލްގެ ދަށުގައި އޮތް ބޭރު ފައިސާ މާރުކުރުން ވެސް ހުއްޓުވުމަށް މިވަނީ ގަވާއިދު އިސްލާހުކޮށްފަ އެވެ. މަނީ ޗޭންޖާ ކަމުގެ ލައިސެންސް ލިބިގެން "ބޭރު ފައިސާ ގަނެ ވިއްކާ ފަރާތްތަކުން ކަންކަން ކުރަންވީ ގަވައިދު" މި ގެނެވުނު ބަދަލުން ދެން، އެ އެފަދަ ވިޔަފާރިތަކުގައި އުޅެވޭނީ ހަމައެކަނި ދިވެހިން ނަށެވެ.

އިގްތިސޯދީ މާހިރުން ގަބޫލުކުރާ ގޮތުގައި މި ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއަށް ބޭރު ފައިސާގެ ބޮޑު އިންސައްތަ އެއް ވަންނާނެ އެވެ. ދިވެހި ރުފިޔާއަށް އޮތް ޑިމާންޑު ބޮޑުވެގެންދާނެ އެވެ. ރާއްޖޭގެ ބޭންކިން ނިޒާމު ތަރައްގީ ކުރެވި، ބޭންކުތަކުގެ ހާލަތު ވެސް ރަނގަޅު ކުރެވޭނެ އެވެ. ސަރުކާރުގެ މި ނިންމުމަށް އެތައް ބައެއްގެ ތައުރީފް ދަނީ އޮހެމުން ނެވެ.

ސަރުކާރުން މިވަނީ ރައްޔިތުން ގެ ޒަމާންވީ ޝަކުވާއަށް ތަސައްލީއެއް ގެނެސްދީފައެވެ. މިއީ ރައްޔިތުންގެ އަޑު ގާތުން އަހާނެ އަދި އެ ގޮތަށް އަމަލު ކުރާނެ ސަރުކާރެއްކަން ހާމަކޮށްދީފިއެވެ.

https://int.etukuri.mv/
tel:+9607331319