މިދިޔަ އާދިއްތަ ދުވަހު ކ. ތުލުސްދޫ ކައިރިން މޫދަށް އެރި އުޅުނު ފަތުރުވެރިއެއްގެ ގައިގައި ޑިންގީއަކުން ޖެހި މަރުވި މައްސަލައިގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މައުލީމާތު ދެއްވި ގޮތުގައި މީގެ ދެދުވަސް ކުރިން، މިދިޔަ އާދިއްތަ ދުވަހު ކ. ތުލުސްދޫ ކައިރިން މޫދަށް އެރި އުޅުނު ފަތުރުވެރިއެއްގެ ގައިގައި ޑިންގީއަކުން ޖެހި މަރުވި މައްސަލައިގައި ހައްޔަރުކުރީ 45 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އެމީހާ ހައްޔަރު ކުރީ އިއްޔެގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުންނެވެ.
ފުލުހުން ވިދާޅުވީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކޯޓަށް ހާޒިރުކުރުމުން ވަނީ 10 ދުވަހަށް ގޭ ބަންދު ކުރުމަށް ހުކުމްކޮށްފައި ކަމަށެވެ.
މިދިޔަ އާދީއްތަ ސްނޯކްލިންއަށް ގޮސް އުޅުނު ފަތުރުވެރިއެއްގެ ގައިގައި އެ ސަރަހައްދުން ދަތުރުކުރި ޑިންގީއެއް ޖެހި އެ ފަތުރުވެރިޔާ ވަނީ މަރުވެފައެވެ. އެމީހާ ތުލުސްދޫ ސިއްޚީ މަރުކަޒަށް ގެންދެވުނުއިރު ވެސް އޭނާ މަރުވެފައިވާ ކަމަށް އެ މަރުކަޒުން ބުނެއެވެ.
މި ހާދިސާގައި މަރުވެފައިވަނީ 52 އަހަރުގެ ޕޮލެންޑުގެ ފިރިހެނެކެވެ.
ޑިންގީ ޖެހިގެން މަރުވި މީހާ ސިއްހީ މަރުކަޒަށް ގެނައި އިރުއޭނަގެ ބަނޑު ފަޅައިގެންގޮސް ގޮހޮރުގެ އެއްބައިވެސް ނެތް ކަމަށާއި އޭނަގެ އެއް އަތްވެސް ނެތް ކަމަށް އެރަށު ކައުންސިލުން މައުލޫމާތު ދެއެެވެ.މައުލޫމާތު ލިބޭގޮތުގައި ފަތުރުވެރިޔާގެ ބުރިވި އަތް ކަނޑުމަތީގައި ފެންނަން އޮތެވެ.
ފަތުރުވެރިޔާ ގައިގައި ޑިންގީއިން ޖެހުނު އިރު އޭނާ އޮތް ހިސާބަކި ގިނަ އަދަދަކަށް ޑިންގީއާއި ލޯންޗުފަހަރު ދަތުރު ކުރާ ސަރަހައްދެއްކަމަށް ވެއެވެ. އަދި ހަމަ އެ ސަރަހައްދާއި ދާދި ގާތުގައި ފަތުރުވެރިން ފީނަން ހާއްސަ ސަރަހައްދެއް އޮންނަ ނަމަވެސް ޑިންގީއިން ޖެހުނު އިރު ފަތުރުވެރިޔާ އޮތީ އެ ސަަރަހައްދުގައި ނޫންކަމުގައި މައުލޫމާތު ލިބެއެވެ.