logo

ޑިވެލޮޕްމެންޓް ބޭންކަށް ލައިސަންސް ދޫކޮށްފި

profile

މަރްޔަމް އުމްނާ އިސްމާޢީލް - 13 އޮކްޓޯބަރު 2024 - 19:37

ޑީބީއެމްއަށް ލައިސަންސް ދޫކުރުން

ޑީބީއެމްއަށް ލައިސަންސް ދޫކުރުން

ތަރައްގީގެ ބޭންކް، ޑިވެލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) އޮޕަރޭޝަނަށް ގެނައުމަށް ބޭނުންވާ ލައިންސަންސް، މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން އާދީއްތަދުވަހު ދޫކޮށްފި އެވެ.

އެމްއެމްއޭއިން މިކަމާ ގުޅިގެން ބުނީ މި ބޭންކްގެ ހިދުމަތް ފެށުމުން، އިގްތިސޯދީ އަދި މާލީ ކުރިއެރުމަށް ބޭނުންވާ ދިގު މުއްދަތުގެ ފައިނޭންސިންގެ ހިދުމަތް ރާއްޖޭގައި ތައާރަފު ވެގެންދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

ލައިސަންސް ލިބުމާއި އެކު، އެ ބޭންކްގެ ހިދުމަތް އަންނަ އަހަރުގެ އޮކްޓޯބަރު 12 ގެ ނިޔަލަށް ފަށަން ޖެހޭނެ ކަމަށް އެމްއެމްއޭ އިން ބުނެފައިވެ އެވެ.

އިގްތިސޯދީ ތަރައްގީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން މިކަމާ ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައިވަނީ ލައިސަންސް ލިބުމާއި އެކު އެ ބޭންކު ހިންގުމަށްޓަކައި ޓެކްނިކަލް ޓީމެއް އައްޔަނުކުރުމުގެ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ފެށިގެންދާނެ ކަމަށެވެ.

ޑިބީއެމް އޮޕަރޭޝަނަށް އައުމާއެކު މިނިސްޓްރީން ބުނީ، ރާއްޖޭގައި ދެމެހެއްޓެނިވި ގޮތެއްގައި އިގްތިސޯދު ކުރިއަރުވައި ގައުމީ ތަރައްގީގެ މަޝްރޫއުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އަދި ޑީބީއެމް މެދުވެރިކޮށް ރާއްޖެއަށް ލިބޭ ފޮރިން އިންވެސްޓްމެންޓުތައް އިތުރުވެ، ދައުލަތުގެ ފޮރިން ރިޒާވް ހިފެހެއްޓުމަށް ވެސް ބާރުލިބިގެންދާނެ ކަމަށެވެ.

ޑިވެލޮޕްމެންޓް ބޭންކަކީ ރާއްޖޭގެ އިގްތިސޯދު ފުޅާކޮށް ސިންދަފާތުކުރަން ކުރިއަށް ގެންދިއުމަށްޓަކައި، ސަރުކާރުގެ މެނިފެސްޓޯގައި އޮތް އެންމެ މުހިއްމު އެއް ވައުދެވެ. މިދިޔަ މެއި މަހުގެ 16 ގައި އުފެއްދި ޑިވެލޮޕްމެންޓް ބޭންކަކީ ދެމެހެއްޓެނިވި އިގްތިސޯދީ އަދި އިޖުތިމާއީ ތަރައްގީއަށް އިންވެސްޓުކުރުމާއި، އުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމާއި، ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީއެސްއައިޕީ މަޝްރޫއުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމާއި، ރާއްޖޭގެ ބޭންކިން ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުގުވެރިކަން އިތުރުކުރުމުގެ ބޭނުމުގައި އުފައްދާފައިވާ ކުންފުންޏެކެވެ.

https://int.etukuri.mv/
tel:+9607331319