logo
އިޒްރޭލުން ގައްޒާއާ ދެކޮޅަށް ހިންގަމުންދާ ނަސްލު ނައްތާލުމުގެ ލާއިންސާނީ އުދުވާނުގައި ސުންނާފަތިކޮށްލާފައިވާ އިމާރާތްތަކުގެ ކައިރިން ފަލަސްތީނުގެ ރައްޔިތުން ހިނގާފައިދަނީ،، ފޮޓޯ: އަލް ޖަޒީރާ

އިޒްރޭލުން ގައްޒާއާ ދެކޮޅަށް ހިންގަމުންދާ ނަސްލު ނައްތާލުމުގެ ލާއިންސާނީ އުދުވާނުގައި ސުންނާފަތިކޮށްލާފައިވާ އިމާރާތްތަކުގެ ކައިރިން ފަލަސްތީނުގެ ރައްޔިތުން ހިނގާފައިދަނީ،، ފޮޓޯ: އަލް ޖަޒީރާ

ބައިޑަންގެ ޣައްޒާ ސިޔާސަތާ ދެކޮޅަށް ތެދުވުމަށް، އެމެރިކާގެ ކުރީގެ އޮފިޝަލުން ގޮވާލައިފި

profile

އާމިނަތު ޝަޒްލާ - 29 އޮކްޓޯބަރު 2026 - 12:21

ޣައްޒާގެ މައްސަލައިގައި އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން ގެންގުޅުނު ސިޔާސަތުތަކާ މެދު ހިތްހަމަނުޖެހިގެން އިސްތިއުފާ ދެއްވި އޮފިޝަލުން، ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް ބެލެވޭ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓުން އެ ސިޔާސަތުތައް ކުށްވެރިކުރުމަށް ގޮވާލައިފިއެވެ.

https://wamco.com.mv/

"ޣައްޒާ ރެސިގްނީސް" ގެ ނަމުގައި ބުދަ ދުވަހު ނެރުނު ގުޅިފައިވާ ބަޔާނެއްގައި، 2023 ގެ ފަހުކޮޅުން ފެށިގެން 2024 ވަނަ އަހަރާ ދެމެދު މަގާމުން ވަކިވި 12 އޮފިޝަލަކު ހާމަކުރެއްވި ގޮތުގައި، އެ ބޭފުޅުން ސަރުކާރުގެ ޚިދުމަތުން ވަކިވެވަޑައިގަތީ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް އެމެރިކާއިން އެއްވެސް ޝަރުތަކާ ނުލައި ޣައިރު ޤާނޫނީ ގޮތެއްގައި ދެމުންދާ ތާއީދާ ދެކޮޅު ހެދުމުގެ ގޮތުންނެވެ.

އެ ބަޔާނުގައި ވިދާޅުވެފައިވަނީ، ޖަވާބުދާރީކުރުވުމުގެ އެންމެ އަސާސީ މިންގަނޑަކީ އަދި އެންމެ ކުޑަމިނުން އަޅަންޖެހޭ ފިޔަވަޅަކީ ވެސް، ސަރުކާރުގެ އެންމެ މަތީ ފަންތީގައި ތިބެ އިންތިހާ ދަރަޖައިގެ ބޮޑެތި ގެއްލުންތަކަކަށް މަގުފަހިކުރި ފަރާތްތަކަށް އަލުން އެފަދަ މަގާމުތަކަށް ނާދެވޭނެކަން ކަށަވަރުކުރުން ކަމަށެވެ. މީގެ އިތުރުން، ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ އަސްކަރީ އުދުވާނަށް ސީދާ ގޮތުން އެހީތެރިވެދިން ސަރުކާރުގެ އެއްވެސް އިސްވެރިއަކަށް ކުރިއަށް އޮތް ތަނުގައި މަގާމެއް ނުދިނުމަށް އިޤުރާރުވުމަށް، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް އެ ބަޔާނުގައި ވަނީ ގޮވާލާފައެވެ.

އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ޖަމާޢަތްތަކާއި، މާހިރުންގެ އިތުރުން އދ. ގެ ތަޙުޤީޤުތަކުން ވެސް ކަނޑައަޅާފައިވާ ގޮތުގައި، އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހިންގަމުންދަނީ ނަސްލު ނައްތާލުމުގެ ބޮޑު ޤަތުލުޢާންމެކެވެ.

ފަލަސްތީނުގެ ޞިއްޙީ އިދާރާތަކުން ހާމަކޮށްފައިވާ އެންމެ ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އިސްރާއީލުން ހިންގަމުންދާ މި އަނިޔާވެރި ޤަތުލުޢާންމުގައި މިހާތަނަށް މަދުވެގެން 74,564 ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުކޮށްލާފައެވެ. އަދި 175,770 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްކޮށްލާފައެވެ.

2021 އިން 2024 އަށް އެމެރިކާގެ ވެރިކަން ކުރެއްވި ޖޯ ބައިޑަންގެ ސަރުކާރަށް، މި ހަނގުރާމަ ފެށުނީއްސުރެ އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއި އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ޖަމާޢަތްތަކުގެ ފަރާތުން ބޮޑެތި ފާޑުކިޔުންތަކަކާއި ނުރުހުން ވަނީ އަމާޒުވެފައެވެ.

އެގޮތުން، އެމެރިކާގެ މަންދޫބު ރާޝިދާ ތްލައިބް އާއި ނިއުޔޯކް ސިޓީގެ މޭޔަރު ޒޮހްރާން މަމްދާނީ ހިމެނިވަޑައިގަންނަވާހެން ގިނަ ފަރާތްތަކަކުން ދަނީ، ވޭތުވެދިޔަ އަހަރު ރައީސް ޑޮނަލްޑް ޓްރަމްޕް އަލުން އިންތިޚާބުވެވަޑައިގަތުމަށްފަހު ވެސް، އިސްރާއީލަށް އެމެރިކާއިން މެދުކެނޑުމެއްނެތި ދެމުންގެންދާ އަސްކަރީ އަދި ސިޔާސީ އެހީތެރިކަމާ ދެކޮޅަށް ވަރުގަދައަށް އަޑުއުފުއްލަވަމުންނެވެ.

https://wamco.com.mv/
tel:+9607331319