logo
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ގެސްޓުންތަކެއް،، ފޮޓޯ: ސޯޝަލް މީޑިއާ

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ގެސްޓުންތަކެއް،، ފޮޓޯ: ސޯޝަލް މީޑިއާ

2027 ގައި ރާއްޖެއަށް މަދުވެގެން 2.28 މިލިޔަން ފަތުރުވެރިން އަންނާނެ ކަމަށް ލަފާކުރެވޭ: ވަޒީރު ޒަރީރު

profile

އާމިނަތު ޝަޒްލާ - 29 އޮކްޓޯބަރު 2026 - 12:20

2027 ވަނަ އަހަރު ރާއްޖެއަށް މަދުވެގެން 2.28 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށް، ބެޑްނައިޓްސް 14.5 މިލިޔަނަށް އިތުރުވާނެ ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައި ދެއްވި ބަޔާނުގައެވެ.

https://wamco.com.mv/

ބަޖެޓު ބަޔާން އިއްވަވަމުން މާލީ ވަޒީރު ވިދާޅުވީ، ރާއްޖޭގެ އިޤުތިޞާދީ ދުވެލީގެ މައި ހަކަތައަކީ ފަތުރުވެރިކަމުގެ ސިނާޢަތް ކަމަށެވެ. އަދި މިއަހަރު ފެށުނުއިރު މި ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން ދިޔަ ނަމަވެސް، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން މުޅި ދުނިޔޭގެ ވިޔަފާރިއަށާއި ދަތުރުފަތުރަށް ބޮޑެތި ލޮޅުންތަކެއް ކުރިމަތިވެފައިވާ ކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މި ހާލަތުގެ ސަބަބުން މިއަހަރު ފަތުރުވެރިކަމުގެ ދާއިރާއިން ކަނޑައެޅި އަމާޒަށް ފުރިހަމައަށް ވާސިލްވާނެ ކަމަށް ނުބެލެވުނު ނަމަވެސް، މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދާ ގާތްކުރާ މިންވަރަކަށް ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން ސަރުކާރުގެ މައިގަނޑު އަމާޒަކީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކޮށް، މި ދާއިރާއިން ލިބޭ އާމްދަނީ ކުރިއަރުވައި، އޭގެ މަންފާ ވީހާވެސް ގިނަ ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި އަމާޒުތައް ޙާޞިލުކުރުމަށްޓަކައި އަންނަ އަހަރަކީ "ވިޒިޓް މޯލްޑިވްސް އިޔަރ" ގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. އެގޮތުން އަންނަ އަހަރު އާދައިގެ މަތިން 2.28 މިލިޔަން ފަތުރުވެރިން ރާއްޖެއަށް އަންނާނެ ކަމަށް ލަފާކުރެވޭއިރު، މި ކެމްޕޭނުގެ ހަރަކާތްތަކުގެ އެހީގައި އިތުރު 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ގެނެވި، ޖުމްލަ 2.5 މިލިޔަން ފަތުރުވެރިންގެ އަމާޒަށް ވާސިލުވެވޭނެ ކަމަށް ވަޒީރު އުންމީދު ކުރައްވައެވެ.

މީގެއިތުރުން، ފަތުރުވެރިކަމުގެ މުސްތަޤުބަލާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ޒަރީރު ވިދާޅުވީ، "މި ހިނގާ 2026 ވަނަ އަހަރު ނިމޭއިރު، ރާއްޖެއަށް 2.17 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށް، ބެޑްނައިޓްސް 13.9 މިލިޔަނުގައި ހުންނާނެކަމަށް މިހާރު ބެލެވޭ. 2027 ވަނަ އަހަރަކީ ފަތުރުވެރިކަމަށް މުހިއްމު އަހަރެއް. އެ އަހަރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު 2.28 އާ 2.5 މިލިއަނާއި ދެމެދުގެ މިންވަރަކަށް ކުރިއަރައި، ރާއްޖޭގައި ހޭދަކުރާ ބެޑްނައިޓްސް 14.5 މިލިޔަނަށް އިތުރުވާނެ ކަމަށް އަންދާޒާކުރެވޭ،" ކަމަށެވެ.

ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއެކު، ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖޭގެ އިޤުތިޞާދަށް އިތުރު ދިރުމެއް ލިބިގެންދާނެ ކަމަށް މާލީ ވުޒާރާއިން ލަފާކުރެއެވެ.

https://wamco.com.mv/
tel:+9607331319