
ކިންގް ސަލްމާން މިސްކިތް: މާލެ
ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ ރިޒުޤު ތަނަވަސްވެ، ޢުމުރުގައި ބަރަކާތްލެއްވޭ ކަމެއް: ޚުޠުބާ

އާމިނަތު ޝަޒްލާ - 30 އޮކްޓޯބަރު 2026 - 08:34
ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ ދުނިޔެމަތީގައި އިންސާނާގެ ރިޒުޤު ތަނަވަސްވެ، ޢުމުރުގައި ބަރަކާތްލެއްވުމަށް މެދުވެރިވާ މުހިންމު ސަބަބެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ. އަދި ގާތްތިމާގެކަމުގެ ގުޅުން ކަނޑައިލުމަކީ ނުރައްކާތެރި، ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަން ވެސް ޚުޠުބާގައި ވަނީ ހަނދާންކޮށްދީފައެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުޠުބާ ޚާއްޞަކޮށްފައިވަނީ "ޢާއިލީގުޅުން ހަރުދަނާކުރުމުގެ މުހިންމުކަން" މި މަޢޫޟޫޢަށެވެ.
ހުކުރު ޚުޠުބާގައި ބަޔާންކުރައްވާފައިވަނީ، އިންސާނީ މުޖުތަމަޢެއް ބިނާވެގެން އަންނަނީ ޢާއިލާތަކެއްގެ މައްޗަށެވެ. އެހެންކަމުން، މުޖުތަމަޢު ބާއްޖަވެރިވެ ހަރުދަނާ ވާނީ، އެ މުޖުތަމަޢުގެ ބިންގާ ކަމުގައިވާ ޢާއިލާތައް ހަރުދަނާކުރެވިގެންނެވެ. މިއަދު އަޅުގަނޑުމެންގެ ތެރޭގައި ޢާއިލީ ގުޅުންތައް ކެނޑި، ޢާއިލާތައް ރޫޅި ވިއްސިވިހާލިވަމުންދާ ދިއުމާއި، އަފުރާދުންގެ އަޚުލާޤީ ފެންވަރު ދަށަށްދާ ދިއުމަކީ އިންތިހާއަށް ކަންބޮޑުވާންޖެހޭ ކަމެކެވެ. މިފަދަ ނޭދެވޭ ކަންކަން މެދުވެރިވާ މައިގަނޑު ސަބަބަކީ، އަޅުގަނޑުމެންގެ ދަރިން ތަރުބިޔަތުކުރުމުގައްޔާއި އެކުދިންނަށް ތަޢުލީމު ފޯރުކޮށްދިނުމުގައި ދިމާވާ އުނިކަންކަމެވެ.
ޚުޠުބާގައި އިތުރަށް އަލިއަޅުވައިލައްވާފައިވާ ގޮތުގައި، ޢާއިލީ ގުޅުންތައް ބަދަހިކުރެވޭނީ ދަރިން ހެޔޮގޮތުގައި ތަރުބިޔަތުކޮށްގެންނެވެ. އަދި އެކަން ޙާޞިލުވާނީ ތަރުބިޔަތުކުރުމުގެ ޤާބިލުކަން ލިބިފައިވާ ބަޔަކަށް މައިންބަފައިން ވެގެންނެވެ. ކީރިތި ރަސޫލާ ﷺ ވަނީ ޢާއިލާއެއްގައި ދެމަފިރިންގެ މަސްއޫލިއްޔަތުތައް ވަރަށް ސާފުކޮށް ބަޔާންކޮށްދެއްވާފައެވެ. އެގޮތުން، ދެމަފިރިންގެ އެންމެ އިސް ވާޖިބަކީ ދަރިންގެ ޙައްޤުތަކަށް ފުރިހަމައަށް ރައްކާތެރިވުމެވެ.
ދަރިން ބަލައިބޮޑުކުރުމުގައި، ހަމައެކަނި ދުނިޔަވީ މާއްދީ ބޭނުންތައް ފުއްދައިދިނުމަކުން ނުފުދެއެވެ. އޭގެ އިތުރުން، އިސްލާމީ އަދަބުތަކާއި ޝަރުޢީ ޙުކުމްތަކަށް ޙުރުމަތްތެރިކޮށްހިތާ ދީންދާރީ ބަޔަކަށް އެކުދިން ހެދުމަށްޓަކައި ނަސޭހަތްދީ އިރުޝާދު ދޭންޖެހެއެވެ. މިކަން އެންމެ ފުރިހަމަ ގޮތުގައި ކާމިޔާބުވާނީ، މައިންބަފައިންނަކީ އެކުދިންނަށް ދައްކާ ރިވެތި ނަމޫނާއަކަށް ވެގެންނެވެ. އިސްލާމްދީން ބާރުއަޅަނީ ޅަފަތުގެ ދައުރުން ފެށިގެން ދަރިންނަށް ރިވެތި އަޚުލާޤު ދަސްކޮށްދިނުމަށާއި، ދީނީ ވާޖިބުތައް އަދާކުރުމަށް އަހުލުވެރިކުރުވުމަށެވެ. މިއީ މައިންބަފައިންގެ ކޮނޑުގައި އެޅިފައިވާ ލާޒިމު ވާޖިބެކެވެ.
ގުޅުން ހުރި ޙަބަރުތައް

މިއަދުގެ ބާރު، މާދަމާގެ ސުވާލު: ރައްޔިތުންގެ ޙައްޤުތަކާއި ޤިޔާމަތް ދުވަހުގެ ޙިސާބު
3 ގަޑިއިރު ކުރިން

ބައިޑަންގެ ޣައްޒާ ސިޔާސަތާ ދެކޮޅަށް ތެދުވުމަށް، އެމެރިކާގެ ކުރީގެ އޮފިޝަލުން ގޮވާލައިފި
ދުވަހެއް ކުރިން

2027 ގައި ރާއްޖެއަށް މަދުވެގެން 2.28 މިލިޔަން ފަތުރުވެރިން އަންނާނެ ކަމަށް ލަފާކުރެވޭ: ވަޒީރު ޒަރީރު
ދުވަހެއް ކުރިން

ބަޖެޓު ކުޑަވި ނަމަވެސް ޑެފިސިޓް ބޮޑުވާނެ ކަމަށް ލަފާކޮށް 59.7 ބިލިއަންގެ ބަޖެޓެއް މަޖިލީހަށް!
ދުވަހެއް ކުރިން


