logo

36.8 ބިލިއަންގެ މަޝްރޫއުގައި ސޮއިކޮށްފަވޭ، އެކަމަކު ބަޖެޓު ކުރީ 5 ބިލިއަން

profile

މަރްޔަމް އުމްނާ އިސްމާޢީލް - 13 އޯގަސްޓު 2024 - 13:16

ގއ. ވިލިނގިލީ ބަނދަރު ހެދުމުގެ މަޝްރޫއު ކުރިއަށްދަނީ - ފޮޓޯ: އެމްޓީސީސީ

ގއ. ވިލިނގިލީ ބަނދަރު ހެދުމުގެ މަޝްރޫއު ކުރިއަށްދަނީ - ފޮޓޯ: އެމްޓީސީސީ

މިހާތަނަށް ސޮއިކޮށްފައިވާ މަޝްރޫއުތަކުގެ އަގު 36.8 ބިލިއަން ރުފިޔާއަށް އެރި ނަމަވެސް އެކަމަށް ބަޖެޓު ކޮށްފައިވަނީ އެންމެ 5 ބިލިއަން ރުފިޔާކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ވަޑައިގެން މިނިސްޓަރު ވިދާޅުވީ މިހާރު ސޮއިކޮށްފައިވާ މަޝްރޫއުތައް ހިންގާނެ ވަރަށް ބަޖެޓުގައި ފައިސާ ނެތުމުން ދަތިވާ ކަމަށެވެ.

"އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވޭ ހަގީގަތުގައި މިހާރު އަޅުގަނޑުމެން ސޮއިކޮށްފަ ހުރި ޕީއެސްއައިޕީ ޕްރޮޖެކްޓުތަކުގެ އަގަކީ 36.8 ބިލިއަން ރުފިޔާ. އަޅުގަނޑުމެން މިހާރު އޮންގޮއިން މަސައްކަތް ފެށިފަ ހުރި މަޝްރޫއުތަކަކީ މާނައަކީ، ދެން ސާވޭ މަސައްކަތްތަކާ އެކުވެސް 31.5 ބިލިއަން ރުފިޔާ. އަޅުގަނޑުމެންނަށް ލިބިފަ އިނީ 5 ބިލިއަނަށް ވުރެ ކުޑަ އަދަދެއް މިއަހަރު." މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހުރިހާ މަޝްރޫއުއެއް ހިންގަން ނެތުމުން، އިސްކަން ދޭ ވަކި ތަރުތީބަކުން ނޫނީ މަޝްރޫއުތަކުގެ މަސައްކަތް މިހާރު ކުރެވެން ނެތް ކަމަށެވެ. މިކަންކަން ފާހަގަކުރައްވަމުން މިނިސްޓަރު މަޖިލީހުގައި އެދިވަޑައިގެންނެވީ، ސޮއިކޮށްފައިވާ މަޝްރޫއުތައް ކުރިއަށް ގެންދެވޭ މިންވަރަށް ބަޖެޓުގައި ފައިސާ ހިމަނައިދިނުމަށެވެ.

"އެހެންނޫނިއްޔާ އަޅުގަނޑުމެން މިޖެހެނީ އެއް ދިމާލުން ފައިސާ ނަގައިގެން އަނެއް ދިމާލަށް ލައިގެން ޕްރޮޖެކްޓުތައް ކުރިއަށް ގެންދަން. ކޮންމެވެސް އެއް ބަޔަކަށް ޕްރޮޖެކްޓު ނުހިންގާ ވާނީ. އަޅުގަނޑުމެންނަށް އިންނަނީ ލިމިޓެއް، ލިމިޓުގެ ތެރެއިން މަސައްކަތް ކުރަން ޖެހޭނީ. އެހެންމަ ތިބޭފުޅުން ބަޖެޓު ހައްދަވާއިރު އަޅުގަނޑުމެންނަށް އެ ޕްރޮޖެކްޓު ކުރިއަށްދާ ޕްރޮޖެކްޓެއް ވެއްޖިއްޔާމުން އެއަހަރަށް ބޭނުންވާ މިންވަރަކަށް ފައިސާ ހިމަނުއްވަދެއްވާށޭ." އޭނާ ވިދާޅުވި އެވެ.

މިހާރު ސޮއިކޮށްފައިވާ މަޝްރޫއުަތައް ކުރިއަށްގެންދެވޭ މިންވަރަށް ބަޖެޓުގައި ފައިސާ ނެތްކަމުގެ ކަންބޮޑުވުން މިނިސްޓަރު ފާޅުކުރައްވާފައިވާއިރު ސަރުކާރުން ވަނީ، އަމަލީ މަސައްކަތް ނުފަށާ ހުރި މަޝްރޫއުތައް މަޑުޖައްސާލުމަށް އެމްޓީސީސީއަށް އަންގާފަ އެވެ. އަމަލީ މަސައްކަތް ފަށާފައިވާ މަޝްރޫއުތަކަށް އިސްކަން ދޭން މިދިޔަ އޭޕްރިލްގައި މިނިސްޓްރީން އެ ކުންފުންޏަށް އެންގީވެސް ބަޖެޓުގައި އެވަރަށް ފައިސާ ނެތުމުން ނެވެ.

https://wamco.com.mv/
tel:+9607331319