
ވިޔަފާރި ބަނދަރުގައި މުދާ އުފުލާ ލޮރީ ޑްރައިވަރުންނާއި ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި

މުޙައްމަދު ފަޟްލޫން - 15 ޖެނުއަރީ 2026 - 10:05
ވިޔަފާރި ބަނދަރުގައި މުދާ އުފުލާ ލޮރީތަކުގެ ޑްރައިވަރުންނާއި ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި މާލޭ ވިޔަފާރި ބަނދަރުގައި މުދާ އުފުލާ ލޮރީތަކުގެ ޑްރައިވަރުން ވަނީ އެބޭފުޅުންގެ މަސައްކަތުގައި ކުރިމަތިވާ މައްސަލަތަކާއި ދަތިތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ އާއި ހިއްސާ ކުރައްވާފައެވެ. އަދި، އެ މައްސަލަތައް ޙައްލު ކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން އެބޭފުޅުންވަނީ ރައީސުލްޖުމްހޫރިއްޔާ އާއި މަޝްވަރާ ކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި އެބޭފުޅުން ފާހަގަކޮށްފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި މުދާ އުފުލުމުގެ މަސައްކަތުގައި ގެންގުޅޭ ލޮރީތަކަށް ބަނދަރާއި ކައިރި ސަރަހައްދަކުން ޕާކިންގ ހަމަޖެއްސުމާއި ވެހިކަލްތަކުގެ ވެރިފަރާތް ބަދަލުކުރުމުގައި ދިމާވާ ދަތިތަކާއި ވެހިކަލްތަކަށް ސްޕެއަރ ގެނައުމުން އެތަކެތި ބޮންޑުކުރުމުގެ ސަބަބުން ދިމާވާ ދަތިތަކާއި ލޮރީ ކިއުގައި ހުރި މައްސަލަތަކަށް ހައްލުގެނައުމަށް ކުރެވިދާނެ ކަންކަން ހިމެނެއެވެ.
ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތާއި އެއްގޮތަށް މުދާ ކްލިއަރ ކުރުމުގެ މަސައްކަތުގައި ބޭނުންކުރުމަށް ތައްޔާރުކުރެވޭ އެޕްގެ މަސައްކަތް އަވަސްކުރުމާއި އައު އުޅަނދެއް އެތެރެކުރުމުން ސަރުކާރުން ކަނޑައަޅާ ގޮތެއްގެ ތެރެއިން މިހާރު ބޭނުންކުރާ ބާއުޅަނދު ނައްތާލައި، އަލަށް ގެނައި އުޅަނދު ބާ އުޅަނދުގެ ބަދަލުގައި ރަޖިސްޓްރީކޮށްދިނުމަށް އެބޭފުޅުންވަނީ ރައީސުލްޖުމްހޫރިއްޔާ އާއި މަޝްވަރާ ކުރައްވާފައެވެ.
ޑްރައިވަރުން ވަނީ އެ ބޭފުޅުން ކުރާ މަސައްކަތަކީ އެހެން ވަޒީފާތަކެކޭ އެއްގޮތަށް ސަރުކާރުން ބަލައިގަންނަ ސައްހަ ލިޔެކިޔުމާއެކު މަސައްކަތްކުރާ ބައެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވުމަށް އެދިވަޑައިގެންފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މުދާ އުފުލާ ލޮރީ ޑްރައިވަރުންގެ ކަންބޮޑުވުންތަކާއި ހުށަހަޅާފައިވާ ކަންތައްތަކަށް ވީހާވެސް ރަނގަޅު ޙައްލެއް ހޯއްދަވައިދެއްވުމަށް ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކާއި ގުޅިވަޑައިގެން މަސައްކަތް ކުރައްވާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ހުޅުމާލެ ފޭސް 3 ބިންހިއްކުމުގެ 94 އިންސައްތަ މަސައްކަތް ނިމިއްޖެ
ސިކުންތުކޮޅެއް ކުރިން

ހަފްތާއެއްގެ ތެރޭގައި މާލެ، ބުރިޖު އަދި ހައިވޭގައި 67 އެކްސިޑެންޓު
30 މިނިޓު ކުރިން

ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަމީހުން ޓެމްޕްލެޓް ބޭނުންކޮށްގެން ވޯޓުލާން ރަޖިސްޓްރީވާން ހުޅުވާލައިފި
34 މިނިޓު ކުރިން

އައްޑޫ "ސްކޫޕް" އަކީ ގޭންގެއް ކަމަށް ކަނޑައަޅަން ހުށަހަޅައިފި
34 މިނިޓު ކުރިން


