logo

ހުޅުމާލެ ފޭސް 3 ބިންހިއްކުމުގެ 94 އިންސައްތަ މަސައްކަތް ނިމިއްޖެ

profile

ޝަހްޒާ މުޙައްމަދު - 15 ޖެނުއަރީ 2026 - 14:31

ހުޅުމާލެ ފޭސް 3 ގެ ބިން ހިއްކުމުގެ މަޝްރޫއު ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް އެ މަޝްރޫއު ކުރިއަށް ގެންދާ ކުންފުނި އެމްއޭ ސީއެލްއިން ބުނެފިއެވެ.

https://wamco.com.mv/

މިހާތަނަށް މި މަޝްރޫއުގެ ދަށުން 59 ހެކްޓަރުގެ ބިން ވަނީ ހިއްކާ ނިންމާފައެވެ. އެއީ މަސައްކަތުގެ 94 އިންސައްތަ އެވެ.

މި މަޝްރޫއުގެ މަސައްކަތް އަވަސްކުރުމުގެ ގޮތުން އިތުރު ޑްރެޖަރުތައް ގެނެސްގެން ދަނީ ބޭނުންކުރަމުންނެވެ. މި މަސައްކަތަށް ބޭނުންވާ އިތުރު ޑްރެޖަރުތައް ރާއްޖެ ގެނެސްފައިވަނީ މިދިޔަ މަހުގެ ކުރީކޮޅުގައެވެ.

ހުޅުމާލެ ފޭސް ތިނެއްގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހުއެވެ. ނަމަވެސް، ހުޅުމާލޭގެ މާސްޓާ ޕްލޭން ރިވައިޒް ކުރުމުގެ މަސައްކަތްތަކެއް ކުރިއަށްދާތީ، ދުވަސްކޮޅަކަށް މި މަޝްރޫއުގެ މަސައްކަތްތައް މެދުކަނޑާލަން ޖެހުނެވެ. މި މެދުކަނޑާލުމަށްފަހު އަލުން ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.

ސަރުކާރުން ވިދާޅުވާ ގޮތުގައި، ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ އިތުރުން ގިރާވަރުފަޅު، ގުޅީފަޅު އަދި އުތުރުތިލަފަޅު ހިއްކުމުގެ މަޝްރޫއުތަކަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކެކެވެ. މި މަޝްރޫއުތައް ވީހާވެސް އަވަހަށް ނިންމައި، ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ސަރުކާރުގެ ބޮޑު އަމާޒެކުކަމުގައި ބުނެފައިވެއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay