.jpg&w=3840&q=75)
ޗެލްސީ އާއި ލީޑްސް ވާދަކުރި މެޗުގެ ތެރެއިން..
ރެލިގޭޝަން ޒޯނުގައި އޮތް ލީޑްސް އިން ޗެލްސީ ސިއްސުވާލައިފި

ހަސަން ޝަމްއޫން - 04 ޑިސެމްބަރު 2025 - 02:46
އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ޗެލްސީ އާއި ދެކޮޅަށް ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ލީޑްސް ޔުނައިޓެޑުން ރެލިގޭޝަން ޒޯނާއި ފެއަށް ޖެހިލައިފިއެވެ.
ލީގުގައި ޗެލްސީ އެންމެ ފަހުން ކުޅުނު މެޗުގައި އާސެނަލް އާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައިވާއިރު، ލީގުގައި ލީޑްސް އިން އެންމެ ފަހުން ކުޅުނު މެޗުގައި މެންޗެސްޓާ ސިޓީ އަތުން އެޓީމު ބަލިވީ 3-2 ގެ ނަތީޖާއަކުންނެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޗެލްސީ އިންނެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ލީޑްސް އިންނެވެ. މިލަނޑު ފުރަތަމަ ހާފު ފެށިގެން ހަވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު ޖަކާ ބިޖޯލް އެވެ. އަދި ފުރަތަމަ ހާފު 43 ވަނަ މިނެޓުގައި އެޓީމުގެ ޖަޕާން މިޑްފީލްޑަރު އައޯ ޓަނަކާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.
ޗެލްސީ އިން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު ދެވަނަ ހާފު ފެށިގެން 10 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޕޯޗުގަލް ވިންގާ ޕެޑްރޯ ނެޓޯ އެވެ. ނަމަވެސް އޭގެ 22 މިނެޓުފަހުން ލީޑްސްގެ ފޯވާޑް ޑޮމެނިކް ކަލްވަޓް ލެވިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އަލުން އެޓީމަށް ދެލަނޑުގެ ލީޑެއް ހޯދައިދީފައެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 14 މެޗުން ލީޑްސް ޔުނައިޓެޑަށް 14 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ 17 ވަނައިގައެވެ. އަދި މިމެޗުން ބަލިވި ޗެލްސީ އިން ލީގުގައި ކުޅުނު 14 މެޗުން ހޯދި 24 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަތަރުވަނައިގައެވެ.
ލީގުގައި ޗެލްސީއަށް ކުރިއަށް އޮތީ އަންނަ ހަފްތާގެ ހޮނިހިރު ދުވަހުގެ ރޭ ބޯންމައުތާއި ދެކޮޅަށް ކުޅޭ މެޗެވެ. އަދި އެރޭ ލީޑްސް އިން ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލައި ދެކޮޅަށެވެ.
ގުޅުން ހުރި ޙަބަރުތައް

ތަފާތުބޮޑު ނަތީޖާއަކުން ސެވިއްޔާ ބަލިކޮށް ބާސެލޯނާ އިން ލީޑު ފުޅާކޮށްފި
20 ގަޑިއިރު ކުރިން

ފަހުވަގުތު ކާމިޔާބުކުރި ލަނޑާއެކު ޓޮޓެންހަމް އިން ލިވަޕޫލް ހުއްޓުވައިފި
20 ގަޑިއިރު ކުރިން

އެސްޓަން ވިލާ ބަލިކޮށް ޔުނައިޓެޑުން ތިންވަނައިގައި ހަމަޖެހިލައިފި
20 ގަޑިއިރު ކުރިން

އެލްޗޭ ބަލިކޮށް ރެއާލް މެޑްރިޑުން ފަރަގު ކުޑަކޮށްފި
2 ދުވަސް ކުރިން


.gif&w=3840&q=75)