logo
ރެއާލްގެ ކުޅުންތެރިން އެލްޗޭ ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ..

ރެއާލްގެ ކުޅުންތެރިން އެލްޗޭ ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ..

އެލްޗޭ ބަލިކޮށް ރެއާލް މެޑްރިޑުން ފަރަގު ކުޑަކޮށްފި

profile

ހަސަން ޝަމްއޫން - 15 މާރިޗު 2026 - 03:42

ސްޕެނިޝް ލަލީގާގައި ރޭ އަމިއްލަ ދަނޑުގައި އެލްޗޭ އާއި ވާދަކޮށް 4-1 ގެ ނަތީޖާއަކުން މޮޅުވެ ރެއާލް މެޑްރިޑުން ތާވަލުގެ ކުރީގައި އޮތް ބާސެލޯނާ އާއި ދެމެދުގައިވާ ފަރަގު އެއް ޕޮއިންޓަށް ކުޑަކޮށްފި އެވެ.

https://wamco.com.mv/

ލީގުގައި ރެއާލް މެޑްރިޑް އެންމެ ފަހުން ކުޅުނު މެޗުގަައި ސެލްޓަވީގޯ އަތުން 2-1 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ލީގުގައި އެލްޗޭ އެންމެ ފަހުން ކުޅުނު މެޗުގައި ވިލަރެއާލް އަތުން 2-1 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ވާދަކުރި މެޗު ނިމިފައިވަނީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޑްރިޑްގެ ސަންޓިއަގޯ ބެރްނަބާއޯގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގެ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ އެލްޗޭ އިން މެޗު ޑޮމިނޭޓްކުރި ނަމަވެސް މިހާފުގައި ރެއާލްގެ ގޯލަށް އެޓީމަށް ފޮނުވާލެވިފައިވަނީ އެންމެ ހަމަލާއެކެވެ. އަދި މިހާފުގައި ކައުންޓާ އެޓޭކުތަކުގައި ރެއާލް މެޑްރިޑުން ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

އެގޮތުން ފުރަތަމަ ހާފުގެ 39 ވަނަ މިނެޓުގައި ޑިފެންޑަރު އެންޓީނިއޯ ރުޑިގާ ރެއާލް މެޑްރީޑަށް ލީޑުހޯދައިދިންއިރު، އޭގެ ފަސް މިނެޓް ފަހުން އެޓީމުގެ ލީޑު ފުޅާކޮށްދިނީ މިޑްފިލްޑަރު ފެޑަރީކޯ ވަލްވޭޑޭ އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފު ކުޅުން ނިމިގެންދިޔައި 2-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ރެއާލްގެ ތިންވަނަ ލަނޑު މެޗުގެ 66 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު ޑީންސް ހުއިސަން އެވެ. އަދި އެލްޗޭ އިން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑަކީ މެޗުގެ 85 ވަނަ މިނެޓުގައި ރެއާލްގެ ޒުވާން ޑިފެންޑަރު މެނުއަލް އިބަނޭޒް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ނަމަވެސް އޭގެ ހަތަރު މިނެޓު ފަހުން ރެއާލްގެ ތުރުކީ މިޑްފީލްޑަރު އާޑާ ގުލާ ވަނީ އިިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމަށް އަލުން ތިން ލަނޑުގެ ލީޑެއް ހޯދައިދީފައެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-1 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު 28 މެޗުން ރެއާލް މެޑްރިޑަށް 66 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި އެލްޗޭ އިން ލީގުގައި ކުޅުނު 28 މެޗުން ހޯދި 26 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 17 ވަނައިގައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk