
އާސެނަލް އާއި އެވަޓަން ވާދަކުރި މެޗުގެ ތެރެއިން..
އެވަޓަން އަތުން ހޯދި މޮޅާއެކު ތާވަލުގެ ކުރީގައި އާސެނަލްއަށް ނުވަ ޕޮއިންޓްގެ ބޮޑު ލީޑެއް

ހަސަން ޝަމްއޫން - 15 މާރިޗު 2026 - 03:06
އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި 2-0 ގެ ނަތީޖާއަކުން އެވަޓަން ބަލިކޮށް އާސެނަލް އިން ލީގު ތާވަލުގެ ކުރީގައި ނުވަ ޕޮއިންޓްގެ ބޮޑު ލީޑެއް ނަގައިފިއެވެ.
ލީގުގައި އާސެނަލް އެންމެ ފަހުން ކުޅުނު މެޗުގައި ބްރައިޓައިން އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ލީގުގައި އެވަޓަން އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 2-0 ގެ ނަތީޖާއަކުން ބާންލީ ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ވާދަކުރި މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އާސެނަލް އިންނެވެ.
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި މޮޅަށް ކުޅެ އާސެނަލް އިން މެޗު ޑޮމިނޭޓްކުރި ނަމަވެސް މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި އާސެނަލް އިން ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، އެޓީމުން މެޗުގެ ލީޑުހޯދީ ދެވަނަ ހާފުގެ 89 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ވިކްޓަރ ގްޔޮކަރޭސް އެވެ. އަދި އެޓީމުން ލީޑި ފުޅާކުރި ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ޒުވާން މިޑްފިލްޑަރު މެކްސް ޑައުމަން އެވެ.
މިއާއެކު އުމުރުން 16 އަހަރުގެ ޑައުމަން ވެގެންގޮސްފައިވަނީ ޕްރެމިއާ ލީގު ތާރީޚުގައި ލަނޑުޖެހި އެންމެ ޒުވާން ކުޅުންތެރިއާއަށެވެ. ކުރިން މިރެކޯޑް އޮތީ އެވަޓަންގެ ޖޭމްސް ވޯން އަތުގައެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން އާސެނަލް ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 31 މެޗުން އާސެނަލްއަށް 70 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި އެވަޓަން އިން ލީގުގައި ކުޅުނު 30 މެޗުން ހޯދި 43 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ އަށްވަނައިގައެވެ.
ގުޅުން ހުރި ޙަބަރުތައް

އެލްޗޭ ބަލިކޮށް ރެއާލް މެޑްރިޑުން ފަރަގު ކުޑަކޮށްފި
16 ގަޑިއިރު ކުރިން

އަމިއްލަ ދަނޑުގައި ވެސްޓްހަމް އިން މެންޗެސްޓާ ސިޓީ މޮޅުވިޔަނުދީ ހިފަހައްޓައިފި
17 ގަޑިއިރު ކުރިން

ނިއުކާސަލް އަތުން ބަލިވެ، ޗެލްސީ އިން ފުރުސަތު ނަގާލައިފި
17 ގަޑިއިރު ކުރިން

ޚަވިޗާގެ ދެލަނޑާއެކު ޗެލްސީ އަތުން ޗެމްޕިއަން ޕީއެސްޖީއަށް ފަސޭހަ މޮޅެއް
4 ދުވަސް ކުރިން


.gif&w=3840&q=75)