logo
ވެސްޓްހަމްގެ ކުޅުންތެރިން ސިޓީ ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ..

ވެސްޓްހަމްގެ ކުޅުންތެރިން ސިޓީ ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ..

އަމިއްލަ ދަނޑުގައި ވެސްޓްހަމް އިން މެންޗެސްޓާ ސިޓީ މޮޅުވިޔަނުދީ ހިފަހައްޓައިފި

profile

ހަސަން ޝަމްއޫން - 15 މާރިޗު 2026 - 03:31

އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ވެސްޓްހަމް އިން މެންޗެސްޓާ ސިޓީ އާއި ދެކޮޅަށް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެއްޖެއެވެ.

https://wamco.com.mv/

ލީގުގައި މެންޗެސްޓާ ސިޓީ އިން އެންމެ ފަހުން ކުޅުނު މެޗުގައި ނިއުކާސަލް ޔުނައިޓެޑް އަތުން 3-1 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު. ލީގުގައި ވެސްޓްހަމް އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 1-0 ގެ ނަތީޖާއަކުން ފުލަމް ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ވާދަކުރި މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ މެންޗެސްޓާ ސިޓީ އިންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ މެންޗެސްޓާ ސިޓީ އިން މެޗު ޑޮމިނޭޓްކުރިއިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ވެސް ސިޓީ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 31 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޕޯޗުގަލް މިޑްފިލްޑަރު ބެނާޑޯ ސިލްވާ އެވެ.

ނަމަވެސް އޭގެ ހަތަރު މިނެޓު ފަހުން ވެސްޓްހަމް އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ކޮންސްޓަންޓީނޯސް މަވްރޮޕާނޯސް އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުނު ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި މެންޗެސްޓާ ސިޓީ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. އެގޮތުން މިހާފުގައި ސިޓީ އިން ވެސްޓްހަމްގެ ގޯލަށް 18 ހަމަލާއް ފޮނުވާލިއިރު، އޭގެ ތެރެއިން ގޯލާއި އަމާޒުވެފައިވަނީ ފަސް ހަމަލާއެކެވެ. އަދި މިހާފުގައި ވެސްޓްހަމްއަށް ސިޓީގެ ގޯލާއި އަމާޒުކޮށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައިނުވި ނަމަވެސް އެޓީމުން ވަނީ ސިޓީގެ އެޓޭކުތައް ހުއްޓުވުމުގައި ރޭވުންތެރިކަމާއެކު މޮޅު ޑިފެންސިވް ކުޅުމެއް ދައްކަދީފައެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު 30 މެޗުން މެންޗެސްޓާ ސިޓީއަށް 61 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ ދެވަނައިގައެވެ. އަދި މިމެޗުން ހޯދި އެއްޕޮއިންޓާއެކު ލީގުގައި ކުޅުނު 30 މެޗުން ވެސްޓްހަމްއަށް 29 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ 17 ވަނައިގައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk