logo
މެންޗެސްޓާ ޔުނައިޓެޑާއި އެސްޓަން ވިލާ ވާދަކުރި މެޗުގެ ތެރެއިން...

މެންޗެސްޓާ ޔުނައިޓެޑާއި އެސްޓަން ވިލާ ވާދަކުރި މެޗުގެ ތެރެއިން...

އެސްޓަން ވިލާ ބަލިކޮށް ޔުނައިޓެޑުން ތިންވަނައިގައި ހަމަޖެހިލައިފި

profile

ހަސަން ޝަމްއޫން - 15 މާރިޗު 2026 - 23:28

އިނގިރޭސި ޕްރެމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި 3-1 ގެ ނަތީޖާއަކުން އެސްޓަން ވިލާ ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން ތާވަލުގެ ތިންވަނާގައި ހަމަޖެހިލައިފިއެވެ.

https://wamco.com.mv/

ލީގުގައި މެންޗެސްޓާ ޔުނައިޓެޑް އެންމެ ފަހުން ކުޅުނު މެޗުގައި ނިއުކާސަލް އަތުން 2-1 ގެ ނަތީޖާއަކުން ބަލިވެފައިވާއިރު، ލީގުގައި އެސްޓަން ވިލާ އެންމެ ފަހުން ކުޅުނު މެޗުގައި ޗެލްސީ އާއި ވާދަކޮށް 4-1 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އެެސްޓަން ވިލާ އިންނެވެ.

މެންޗެސްޓާގެ އޯލްޑް ޓްރަފޯޑުގައި ކުޅުނު މިމެޗުގައި މޮޅަށް ކުޅެ ޔުނައިޓެޑުން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގައި އެޓީމު ޑިއޭގޯ ޑަލޮޓްގެ އިތުރުން އަމަޑް ޑިއާލޯއަށް ވަނީ މެޗުގެ ލީޑުހޯދުމަށް ރަނގަޅު ދެ ފުރުސަތު ލިބި ބޭނުންކުރެވޭގޮތްނުވެފައެވެ. މިއާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ޔުނައިޓެޑުން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ވެސް ޔުނައިޓެޑުންނެވެ. މިލަނޑު ދެވަނަ ހާފުގެ 53 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފިލްޑަރު ކަސަމީރޯ އެވެ. ނަމަވެސް އޭގެ 11 މިނެޓް ފަހުން އެސްޓަން ވިލާގެ އިނގިރޭސި މިޑްފީލްޑަރު ރޮސް ބާކްލޭ ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ.

ޔުނައިޓެޑުން ދެވަނަ ފަހަރަށް ލީޑުހޯދި ލަނޑު ފަހުހާފުގެ 71 ވަނަ މިނެޓުގައި އެޓީމުގެ ބްރެޒިލް ފޯވާޑް މެތިއަސް ކުންޔާ ކާމިޔާބުކުރިއިރު، އޭގެ 10 މިނެޓް ފަހުން އެޓީމުގެ ލީޑު ފުޅާކޮށްދިނީ ފޯވާޑް ބެންޖަމިން ޝެޝްކޯ އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުނު ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު 30 މެޗުން މެންޗެސްޓާ ޔުނައިޓެޑަށް 54 ޕޮއިންޓް ލިބިފައިވާއިރު. އެޓީމު މިވަގުތު އޮތީ ތާވަލުގެ ތިންވަނައިގައެވެ. އަދި މިމެޗުން ބަލިވި އެސްޓަން ވިލާ އިން ލީގުގައި ކުޅުނު 30 މެޗުން ހޯދި 51 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަތަރުވަނައިގައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk