logo
މެންޗެސްޓާ ސިޓީ އާއި ލީޑްސް ޔުނައިޓެޑް ވާދަކުރި މެޗުގެ ތެރެއިން

މެންޗެސްޓާ ސިޓީ އާއި ލީޑްސް ޔުނައިޓެޑް ވާދަކުރި މެޗުގެ ތެރެއިން

ވާދަވެރި ކުޅުމަކަށްފަހު ސިޓީ އިން ލީޑްސް ބަލިކޮށް ފަރަގު ކުޑަކޮށްފި

profile

ހަސަން ޝަމްއޫން - 28 ފެބްރުއަރީ 2026 - 21:45

އިނގިރޭސި ޕްރެމިއާ ލީގުގައި މިރޭ ރަށުން ބޭރުގައި ލީޑްސް ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މެންޗެސްޓާ ސިޓީ އިން އާސެނަލް އާއި ދެމެދުގައިވާ ފަރަގު ކުޑަކޮށްފިއެވެ.

https://wamco.com.mv/

ލީގުގައި މެންޗެސްޓާ ސިޓީ އިން އެންމެ ފަހުން ކުޅުނު މެޗުގައި 2-1 ގެ ނަތީޖާއަކުން ނިއުކާސަލް އަތުން މޮޅުވެފައިވާއިރު، ލީގުގައި ލީޑްސް ޔުނައިޓެޑް އެންމެ ފަހުން ކުޅުނު މެޗުގައި އެސްޓަން ވިލާ އާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ސިޓީ އިންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މެންޗެސްޓާ ސިޓީ އިން ލީޑުހޯދީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖެނުއަރީ ޓްރާންސްފާ މާކެޓުގައި ބޯންމައުތުން އެޓީމާއި ގުޅުނު ގާނާގެ ހުނަރުވެރި ފޯވާޑް ސެމެންޔޯ އެވެ. މިއީ ސިޓީއާ ގުޅުނު ފަހުން ލީގުގައި ކުޅުނު ހަތް މެޗުގައި އޭނާ ކާމިޔާބުކުރި ހަތަރުވަނަ ލަނޑެވެ.

މީގެ އިތުރުން ވެސް މިމެޗުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ ކުރީގައި އޮވެގެންނެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު 28 މެޗުން މެންޗެސްޓާ ސިޓީއަށް 59 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ތާވަލުގެ ދެވަނައިގައެވެ. އަދި އެއްވަނައިގައި އޮތް އާސެނަލްއަށް 28 މެޗުން 61 ޕޮއިންޓް ލިބިފައިވާއިރު، މިމެޗުން ބަލިވި ލީޑްސް ޔުނައިޓެޑް އިން ލީގުގައި ކުޅުނު 28 މެޗުން ހޯދި 31 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 15 ވަނައިގައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk