logo

ޒަކިއްޔާގެ މަރުގެ މައްސަލައިގައި އެއްވެސް މީހެއްގެ ބައިވެރިވުމެއް ނެތް: ފުލުހުން

profile

މުޙައްމަދު ހަފީޒް - 03 ޑިސެމްބަރު 2024 - 16:45

ނ. ހޮޅުދޫގައި ޒަހަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު އެރަށު މާރަނގަ ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގައި އެއްވެސް މީހެއްގެ ބައިވެރިވުމެއް ނެތް ކަމަށް ފުލުހުން ބުނެފިއެވެ.

މި މައްސަލާގައި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަރު ރިޕޯޓްކުރި ހިސާބުން ފެށިގެން ތަހުގީގުގައި މިހާތަނަށް ކުރެވުނު މަސައްކަތްތައް ވަނީ ހިއްސާކޮށްފައެވެ. ފުލުހުން ބުނީ ޒަކިއްޔާ މަރާލި ކަމަށް ކުރިން ތުހުމަތުކުރެވުނު ނަމަވެސް، ސުވާލު އުފެދޭ ކަމެއް ތަހުގީގުގެ މިހާތަނަށް ފާހަގަކުރެވިފައި ނުވާ ކަމަށެވެ.

ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހު ވިދާޅުވީ ޑޮކްޓަރުގެ ބަހުން ޒަކިއްޔާ މަރުވާން ދިމާވި ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ކަރަށް ލިބިފައިވާ ޒަޚަމްތަކުގެ ސަބަބުންކަން އެނގޭ ކަމަށެވެ. އެހެންނަމަވެސް މިހާތަނަށް އޭނާ މަރާލިކަމުގެ އެއްވެސް ހެއްކެއް ތަހުގީގަށް ފާހަގަކުރެވިފައި ނެތް ކަމަށެވެ.

ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު އޭނާ ދިރިއުޅޭ ގޭގެ ތެރެއިންނެވެ. ގާތްގަނޑަކަށް 1500 އަކަފޫޓުގެ އެ ގޭގެ ވަލު ދޮރާށީގެ ފަސް ވަރަކަށް ފޫޓު އެތެރޭގައި އަންހެން މީހާ އޮތް އިރު އޭނާގެ ހަށިގަނޑުން ފޭބި ލޭ އެ ސަރަހައްދުގައި ހުރި ކަމާއި، ކައިރީގައި ވަޅިއެއް އޮތްކަން ވެސް އެނގިފައިވެއެވެ.

ޒަކިއްޔާގެ މަރުގެ މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރީ ރަށު ކައުންސިލުންނެވެ. ކައުންސިލަށް އެ މައުލޫމާތު ދިނީ އާންމުންގެ ފަރާތުން ކަމާއި، އެއީ ހެނދުނު ގާތްގަނޑަކަށް 9:45 ހާއިރުކަން ވެސް އެނގިފައިވެއެވެ.

ކައުންސިލާއި ފުލުހުން އެތަނަށް ދިޔައިރު، އެ ސަރަހައްދަށް ވަރަށް ގިނަ މީހުން ވެސް އެއްވެފައި ތިއްބެވެ.

ޒަކިއްޔާ ފެނުނު ގޭގައި އޭނާގެ ދެމަފިރިންނާއި، އެ ދެމީހުންގެ ދަރިއަކާއި، ދަރިފުޅުގެ ފިރިމީހާ އަދި މާމަދަރިއެއްގެ އިތުރަށް އެ ރަށުގައި ކިޔަވަން ހުންނަ ކުއްޖެއް ވެސް ދިރިއުޅޭކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އާއިލާއަކީ އެ ރަށުގައި އެންމެ ތަނަވަސް އެއް އާއިލާއެވެ. އެގޮތުން އާއިލީ ވިޔަފާރިތައް ވެސް ހިންގަމުން އަންނަ އިރު، މުޅި އާއިލާ އަކީވެސް ރަށުގައި މީހުންނާ ވަރަށް ގުޅުން ބަދަހި އަދި އާއިލީ ގުޅުންވެސް ރަނގަޅު އާއިލާއެއްކަން އެނގިފައި ވެއެވެ.

މީގެ އިތުރަށް ޒަކިއްޔާއަކީ ދީންވެރި އަދި ނަމާދަށް ވެސް ފަރުވާތެރި މީހެއް ކަމަށާއި، މި ފަހަކަށް އައިސް ކޮންމެވެސް ވަރަކަށް ނަފްސާނީ މައްސަލަ ފާހަގަވެފައިވާ ކަމަށް އެރަށުން މައުލޫމާތު ދީފައިވެއެވެ.


https://wamco.com.mv/
tel:+9607331319