logo

އަހަރުގެ ފުރަތަމަ 9 ދުވަސްތެރޭ ޣައްޒާއިން 490 މީހުން ޝަހީދުކޮށްލައިފި

profile

ސައިފް އަޒުހަރު - 10 ޖެނުއަރީ 2025 - 08:36

2025 ވަނަ އަހަރު ފެށިގެން 10 ވަނަ ދުވަހަށް ލައިގަތްއިރު، ފުރަތަމަ 9 ދުވަހުގެ ތެރޭގައި، އިސްތިއުމާރީ އިސްރާއީލުގެ ޓެރަރިސްޓު ސިފައިންގެ ޖަމާއަތުން ޣައްޒާއިން 490 މީހުން ޝަހީދު ކޮށްލާފައިވާކަމަށް، ޣައްޒާގެ ހެލްތު މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފިއެވެ.

https://wamco.com.mv/

މިއީ، ހަމަލާތަކުގައި ޝަހީދުވެގެން ރަސްމީކޮށް ރިޕޯޓް ކޮށްފައިވާ އަދަދުތައް ކަމަށް ބުނެފައި ވެއެވެ.

އިސްތިއުމާރީ ޓެރަރިސްޓުން ޣައްޒާގެ ހުރިހާ ހިސާބުތަކަށް ބޮންއަޅައި، މިސައިލާއި ޑްރޯންއާއި ބޮޑުބަޑިން ހަމަލާދީ އެތައް ބަޔަކު ޝަހީދު ކުރަމުން ގެންދާއިރު، ބައެއް އާއިލާތަކުން މަރުތައް ރިޕޯޓްނުކޮށް، ގެ ކައިރީގައި ނުވަތަ އެހެން ހިސާބެއްގައި މަރުވާ މީހުން ވަޅުލަމުންގެންދާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ޣައްޒާއަށް މިއަދު އިރުއެރި ފަހުންވެސް މިހާތަނަށް 22 މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ފަލަސްތީނުން ލިބޭ ރިޕޯޓްތައް ބުނެއެވެ.

ޣައްޒާގެ ދެކުނުގެ ޚާން ޔޫނިސްއަށް ވަރުގަދަ ހަމަލާތަކެއް ދީ، އެތައް ގެއަކާއި އިމާރާތެއް ބިމާހަމަކޮށް، އެތައްބަޔަކު ޝަހީދު ކޮށްލާފައި ވެއެވެ. ޚާން ޔޫނިސްގައި، ހާލުގައި ޖެހިފައިވާ މީހުން ދިރިއުޅޭ ޓެންޓުތަކަށްވެސް ބޮންއަޅާފައި ވެއެވެ.

ގާޒާ ސިޓީގެ ޒައިތޫން އަވަށަށްވެސް ވަރުގަދަ ހަމަލާތަކެއް ދީފައިވާއިރު، ބައިތު ހާނޫނަށްވެސް ހަމަލާތައް ދީފައި ވެއެވެ. އަދި ޖަބަލިއާއާއި، ބައިތު ލާހިޔާއަށްވެސް ވަރުގަދަ ހަމަލާތަކެއް ދީފައިވާއިރު، ހާލުގައި ޖެހިފައިވާ އާންމުން ތިބި ސްކޫލަކަށްވެސް ހަމަލާދީފައި ވެއެވެ.

އިސްތިއުމާރީ ޓެރަރިސްޓުންގެ ބުލްޑޯޒަރުތަކުން ޣައްޒާގެ އުތުރުގައި ހުރި ގެތަކާއި އިމާރާތްތައް ވައްޓައި ބިމާހަމަކުރަމުންދާ ކަމަށް ޣައްޒާ މީޑިއާ އޮފިހުން ބުނެފައި ވެއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay