
ރާއްޖެ އަންނަ ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނާ ދުރާލައި ހިއްސާކުރުން ލާޒިމުކޮށްފި

އާމިނަތު ޝަޒްލާ - 26 ސެޕްޓެމްބަރު 2026 - 12:18
ރާއްޖެއަށް އަންނަ އަދި ރާއްޖޭން ބޭރަށް ދަތުރުކުރާ ވައިގެ އުޅަނދުފަހަރާއި އެ އުޅަނދުތަކުން ދަތުރުކުރާ ފަސިންޖަރުންގެ ތަފްސީލީ މައުލޫމާތު، މޯލްޑިވްސް އިމިގްރޭޝަނާ ދުރާލައި ހިއްސާކުރުން ލާޒިމުވާ ގޮތަށް އާ ގަވާއިދެއް އެކުލަވާލައި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފިއެވެ.
ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނާއި ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރުގެ މުއާހަދާތަކުގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ މި ގަވާއިދުގެ މައިގަނޑު މަގުސަދަކީ، ރާއްޖޭގެ ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން އެންމެ މަތީ ދަރަޖައަކަށް ކަށަވަރުކުރުމެވެ. މީގެ އިތުރުން، ނުރައްކާތެރި އަދި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކުގައި ބައިވެރިވާ މީހުންނާއި، ޓެރަރިސްޓް ޖަމާއަތްތަކާ ގުޅުން އޮންނަ ފަރާތްތައް ދިވެހިރާއްޖެއަށް އެތެރެވުމުގެ ކުރިން ދުރާލައި ދެނެގަތުމަކީ ވެސް މި ގަވާއިދު ތަންފީޒުކުރުމުގެ މުހިންމު ބޭނުމެކެވެ.
މި ގަވާއިދު ހިންގުމަށް ހަމަޖެހިފައިވަނީ ރާއްޖެއަށް އަންނަ އަދި ރާއްޖޭން ފުރާ ވައިގެ އުޅަނދުފަހަރުގެ ވެރިފަރާތްތަކާއި، ޗާޓަރު ކުރާ ފަރާތްތައް، އެއާލައިން އޭޖެންޓުން އަދި ކެޕްޓަނުން ހިމެނޭހެން އުޅަނދާ މެދު ޒިންމާވާ އެންމެހައި ފަރާތްތަކުގެ މައްޗަށެވެ.
މި ގަވާއިދުގެ ދަށުން އެއާލައިންތަކުން އިމިގްރޭޝަނަށް ފޯރުކޮށްދޭން ޖެހޭ މައުލޫމާތުތަކުގެ ތެރޭގައި:
- ފްލައިޓުގެ ތަފްސީލާއި، ފުރާ އަދި ޖައްސާ ވަގުތު
- ދަތުރުވެރިންގެ ފުރިހަމަ ނަމާއި، ޖިންސު އަދި ގައުމު
- ޕާސްޕޯޓް ނަންބަރާއި ވިސާގެ މައުލޫމާތު
- ބޯޑިންގ އަދި ސީޓު ނަންބަރު
- ދާގީނާގެ (ލަގެޖް) ތަފްސީލު
- ދަތުރުވެރިޔާގެ ދާއިމީ އެޑްރެހާއި ރާއްޖޭގައި ހުންނަ މަންޒިލްގެ އެޑްރެސް ހިމެނެއެވެ.
ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގައި، އެއާލައިންތަކުން ފޯރުކޮށްދޭ މި މައުލޫމާތުތަކުގެ ސިއްރު ހިފެހެއްޓުމަކީ އިމިގްރޭޝަންގެ މައްޗަށް ލާޒިމު ކަމެކެވެ. އަދި މި މައުލޫމާތުތައް ހިއްސާކުރެވޭނީ ހަމައެކަނި މޯލްޑިވްސް ކަސްޓަމްސް ސާވިސް އާއި ގައުމީ ސަލާމަތާ ގުޅުންހުރި ދައުލަތުގެ އިންޓެލިޖެންސް އިދާރާތަކާ އެކަނި ކަމަށް ވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
މި އާ އުސޫލާ ހިލާފުވާ، ނުވަތަ މައުލޫމާތު ފޯރުކޮށްދިނުމުގައި އިހުމާލުވާ ފަރާތްތައް 2،000 ދިވެހި ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް އެ ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޓެރަރިޒަމާއި، އިންސާނީ ވަގުފާރި އަދި މަސްތުވާތަކެތީގެ ވަގުވިޔަފާރި ފަދަ ބޮޑެތި ކުށްތައް ހުއްޓުވުމަށްޓަކައި "އެޑްވާންސް ޕެސެންޖަރ އިންފޮމޭޝަން" (އޭޕީއައި) ނިޒާމު ބޭނުންކުރުމަކީ ބައިނަލްއަގުވާމީ ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އާއި އދ. ގެ ސަލާމަތީ މަޖިލީހުން ވެސް ގައުމުތަކަށް ބާރުއަޅަމުން އަންނަ ކަމެކެވެ. މިފަދަ ނިޒާމެއް ރާއްޖޭގައި ރަސްމީކޮށް ތަންފީޒުކުރަން ފެށުމަކީ ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގެ ނިޒާމު ޒަމާނީ ފެންވަރަކަށް ތަރައްގީވެ، ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްހަމަވެގެންދާނެ ކަމެކެވެ. މީގެ ސަބަބުން ގައުމީ ސަލާމަތަށް ހުރި ނުރައްކާތައް ދުރާލައި ވަޒަންކޮށް، ދިވެހިރާއްޖެއަކީ ދަތުރުވެރިންނަށާއި ރައްޔިތުންނަށް ރައްކާތެރި އަމާން މާހައުލެއްގެ ގޮތުގައި ދެމެހެއްޓުމަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ.
ގުޅުން ހުރި ޙަބަރުތައް

ހައުސިން މިނިސްޓްރީގެ ލޮކަރުތަކެއް އުސޫލާ ޚިލާފަށް ހުޅުވި މައްސަލައެއް ފުލުހަށް!
9 ގަޑިއިރު ކުރިން

ތިން ވަޒީރަކާ ސުވާލުކުރެވޭ ގޮތަށް "އަހާ" ފޯރަމް މާދަމާރޭ ބާއްވަނީ
9 ގަޑިއިރު ކުރިން

ރަސްމާލެއިން ބޭރު ބަޔަކަށް ބިން ދިނުމަކީ ގައުމަށް ވެވޭ ބޮޑު ހިޔާނާތެއް: މޭޔަރު އާޒިމް
9 ގަޑިއިރު ކުރިން

ބެންކޮކަށް ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާއާ ގުޅިގެން މާލޭގެ މޭޔަރު ހަމްދަރުދީ ފޮނުއްވައިފި
10 ގަޑިއިރު ކުރިން


