
ފަޅުރަށްރަށާއި ފަޅު ކުއްޔަށް ދޫކުރުމުގެ އައު އުސޫލުތައް ޤާނޫނަކަށް: ރައީސް ބިލު ތަޞްދީޤު ކުރައްވައިފި

އާމިނަތު ޝަޒްލާ - 31 އޯގަސްޓު 2026 - 11:56
ދިވެހިރާއްޖޭގެ ފަޅުރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަށް ކުއްޔަށް ދިނުމާއި، އެފަދަ ތަންތަން ބޭނުންކުރުމާ ގުޅޭ ހަރުދަނާ އުސޫލުތަކެއް ކަނޑައެޅުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި "ފަޅުރަށްރަށާއި ފަޅު ކުއްޔަށް ދިނުމާ ބެހޭ ބިލު" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަސްދީގު ކުރައްވައިފިއެވެ.
މި ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވާފައިވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މި ބިލަކީ ފަޅުރަށްރަށާއި ފަޅުތައް ކުއްޔަށް ދިނުމާއި ވަރުވާއަށް ލިޔެދިނުމުގެ އުސޫލުތައް ޒަމާނީކޮށް ހަރުދަނާކުރުމަށް ހުށަހެޅުނު މުހިންމު ބިލެކެވެ. މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މި ހިނގާ އޮގަސްޓް މަހުގެ 26 ވަނަ ދުވަހު އޮތް ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 47 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
މި ޤާނޫނުގެ ދަށުން، ކައުންސިލެއްގެ އިހްތިސާސްގައި ހިމެނޭ ފަޅުރަށެއް ފަތުރުވެރިކަމުގެ ބޭނުމަށް ނުވަތަ ސިނާއީ ރަށެއްގެ ގޮތުގައި ތަރައްގީ ކުރުމަށް އެކަށައަޅައިފިނަމަ، އެ ރަށެއް އެ ކައުންސިލެއްގެ އިހްތިސާސުން ވަކިކުރެވޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި ފަތުރުވެރިކަމާއި، ސިނާއީ، ދަނޑުވެރިކަން އަދި އިޖުތިމާއީ ފަދަ އެކި ބޭނުންތަކަށް ފަޅުރަށްރަށް އެކަށައެޅުމުގައި ރަށުގެ ޓޮޕޯގްރަފީއަށާއި ތިމާވެއްޓަށް ލިބޭނެ ގެއްލުންތަކަށް ފުރިހަމައަށް ރިއާޔަތްކުރަން ޖެހޭނެއެވެ.
މި ބިލުގައި ހިމެނޭ މުހިންމު ނުކުތާތަކަށް ބަލާއިރު، އާންމު އުސޫލުން ފަޅުރަށްރަށް ކުއްޔަށް ދޫކުރެވޭނީ 21 އަހަރުގެ މުއްދަތަކަށް ކަމުގައި ވިޔަސް، އެދިއްޖެ ހާލަތެއްގައި އެ މުއްދަތު ގިނަވެގެން 50 އަހަރާ ހަމައަށް އިތުރުކޮށްދިނުމުގެ އިޚްތިޔާރު ލިބިގެންވެއެވެ. އަދި އެކި ބޭނުންތަކަށް ދޫކުރާ މިފަދަ ރަށްރަށުގެ އިކުއިޒިޝަން ފީ މިނިސްޓްރީ އޮފް ފިނޭންސުން ކަނޑައަޅާއިރު، ވަކި ޚާއްޞަ ބޭނުމަކަށް ކަނޑައަޅާފައި ނުވާ ރަށްރަށް ވަރުވާއަށް ދޫކުރެވޭނީ އެންމެ ގިނަވެގެން 5 އަހަރުގެ މުއްދަތަކަށާއި، އަދި އިތުރުކުރެވޭނީވެސް ގިނަވެގެން 5 އަހަރަށެވެ. މީގެއިތުރުން، ޤާނޫނާ ޚިލާފުވާ ފަރާތްތަކަށް އަދަބު ކަނޑައެޅުމުގެ ގޮތުން، ވަރުވާއަށް ދޫކުރާ ރަށެއްގައި ޤާނޫނާ ޚިލާފު އަމަލެއް ހިންގައިފިނަމަ ފަސްލައްކަ ރުފިޔާއާ ހަމައަށް، އަދި އެހެނިހެން ބޭނުންތަކަށް ދޫކުރާ ފަޅުރަށްރަށާއި ފަޅުތަކުގައި ޤާނޫނާ ޚިލާފު ކަމެއް ކޮށްފިނަމަ އެއްމިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާކުރުމުގެ ބާރުވެސް މި ބިލުގެ ދަށުން ލިބިދެއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީގު ކުރެއްވުމާ ގުޅިގެން، މި ޤާނޫނު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށް، އަމަލުކުރަން ފަށާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ދައުލަތުގެ އާމްދަނީއަށް މަކަރުހަދަން ފުރުސަތެއް ނުދޭނަން: ރައީސް
16 ގަޑިއިރު ކުރިން

ނޭޕާލުގައި ކްލައިމެޓް ޖަސްޓިސް ގާއިމުކުރަންޖެހޭ: ރައީސް ނަޝީދު
17 ގަޑިއިރު ކުރިން

މެލޭޝިއާގެ މިނިވަނދުވަހުގެ މުނާސަބަތުގައި އެގައުމުގެ ރަސްގެފާނަށް ރައީސްގެ ތަހުނިޔާ
ދުވަހެއް ކުރިން

އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް ޖަމީލާ
ދުވަހެއް ކުރިން


