ސަރުކާރަށް ނުވަތަ އެހެން ފަރާތަކުން ފޯރުވާ ނުފޫޒަކަށް ނުގުޑާނެ ކަމަށާއި، މިނިވަންކަމާއި އެކު މަސައްކަތް ކުރުމުގެ ޖާގަ ގެއްލޭ ހިސާބުން މަގާމުން އިސްތިއުފާދެއްވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް ވިދާޅުވެއްޖެ އެވެ.
އައްބާސް މިގޮތަށް ވިދާޅުވީ، މަގާމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.
ޕީޖީކަމުގެ މަގާމާއި ހަވާލުވެވަޑައިގެންނެވުމުގެ ކުރިން އައްބާސް ހުންނެވީ ރައީސް އޮފީހުގެ ލީގަލް ސެކެޓްރީގެ މަގާމުގަ އެވެ. އެ މަގާމުގައި ހުންނެވުމަށްފަހު ޕީޖީ ކަމުގެ މަގާމާއި ހަވާލުވެވަޑައިގެންނެވުމާ އެކު ސަރުކާރުގެ އަދި އެއްވެސް އެހެން ފަރާތެއްގެ ނުފޫޒު އޮވެދާނެތޯ 'އަސްލު ޓީވީ' އިން ކުރި ސުވާލުގެ ޖަވާބުގައި އައްބާސް ވަނީ އޭނާގެ މައްޗަށް އެއްވެސް ނުފޫޒެއް ނުފޯރުވޭނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
"އަޅުގަނޑު ހަމަ 100% ޔަގީންކަމާއެކު މި ދަންނަވަނީ އެއްވެސް ބޭފުޅަކަށް އަޅުގަނޑަކަށް ނުފޫޒެއް ނުފޯރުވޭނޭ. އެއްވެސް ބޭފުޅަކަށް ބިރެއް ވެސް ނުދެއްކޭނޭ. " ޕީޖީ ވިދާޅުވި އެވެ.
އައްބާސް ވިދާޅުވީ ޕީޖީގެ މަގާމުގައި ހުންނަވަނިކޮށް، އެއްވެސް މީހެއްގެ ނުފޫޒެއްގެ ސަބަބުން ނިންމުމެއް ބަދަލު ކުރުމަށް މަޖުބޫރުވާ ހިސާބުން އެ މަގާމުން ވަގުތުން އިސްތިއުފާ ދެއްވާނެ ކަމަށެވެ. އަދި އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، މާދަމާ ވެސް މަގާމުން އިސްތިއުފާދެއްވާނެ ކަމަށް ވިދާޅުވި އެވެ.
" އެއްވެސް ބޭފުޅަކު ނޫނީ އެއްވެސް މުއައްސަސާއަކުން އަޅުގަނޑަށް ނުފޫޒު ފޯރުވައިގެން އަޅުގަނޑު ލައްވާ ނުފޒު ފޯރުވައިގެން މަސައްކަތްކޮށްގެން އަޅުގަނޑު ލައްވާ ޑިސިޝަނެއް ބަދަލުކުރަން އަޅުގަނޑަށް މަޖުބޫރުކުރާ ހިސާބަކީ އަޅުގަނޑު މި ގޮނޑިން ތެދުވާނެ ހިސާބު. އަޅުގަނޑު ޖެހިލުމެއް ނުވާނެ މާދަން ވެސް އިސްތިއުފާ ދީފަ ނުކުންނަން ޖެހިއްޖިއްޔާ ނުކުންނާނަން" ޕީޖީ ވިދާޅުވި އެވެ.
ޕީޖީކަމަށް އައްޔަނުކުރެއްވުމުގެ ކުރިން އައްބާސް ހުންނެވީ ރައީސް އޮފީހުގެ ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ލީގަލް އެންޑް ޕާލަމެންޓަރީ އެފެއާޒްގެ މަގާމުގައެވެ. އަދި މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝިއަލް ސާރވިސް އޮތޯރިޓީގެ ގަވަނިން ބޯޑުގެ މެންބަރުކަން ވެސް ކުރެއްވިއެވެ.
އައްބާސް
ޝަރީފް ހައި ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައިވަނީ 2011 ވަނަ އަހަރުއެވެ.
ފަނޑިޔާރަކަށް އައްޔަނުކުރެއްވުމުގެ ކުރިން އޭނާ މަޝްހޫރުވެފައިވަނީ ކުޅަދާނަ
ވަކީލެއްގެ ގޮތުގައެވެ. ރާއްޖޭގެ ހުރިހާ މަރުހަލާއެއްގެ ޝަރުއީ ކޯޓުތަކުގައި
ވަކަލާތު ކުރެއްވި އައްބާސް ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ
ވަކީލުކަން ވެސް ކުރައްވާފަ އެވެ.