logo

މުޖާހިދުންގެ ކުއްލި ހަމަލާތަކެއްގައި އިސްރާއީލު ސިފައިންގެ އެތައްބަޔަކު މަރާލައިފި

profile

ސައިފް އަޒުހަރު - 13 ޖެނުއަރީ 2025 - 18:32

ޣައްޒާއަށް އެއްގަމުމަގުން އަރައި، ބޮޑެތި ގަތުލުއާންމުތަކާއި، ލާއިންސާނީ ޖަރީމާތައް ހިންގަމުންގެންދާ އިސްތިއުމާރީ ސިފައިންނަށް ހަމާސްގެ މުޖާހިދުންގެ ވަރުގަދަ ހަމަލާތަކެއްދީ އެތައްބަޔަކު މަރާލައިފިއެވެ.

https://wamco.com.mv/

މުޖާހިދުން ފިލާތިބެ ދިން ކުއްލި ހަމަލާއެއްގައި ޣައްޒާގެ އުތުރުން އިސްތިއުމާރީ ސިފައިންގެ 5 މީހުން މިއަދު މަރާލާފައި ވެއެވެ. އިސްރާއީލުގެ އަސްކަރިއްޔާއިންވަނީ ޣައްޒާގެ އުތުރުން މަރުވި 5 ސިފައިންގެ ނަން ހާމަކޮށްފައެވެ.

މުޖާހިދުން، އެމީހުންނަށް ކުއްލި ހަމަލާތަކެއް ދިނީ، ޣައްޒާގެ އުތުރު އެއްކޮށް ހިސާރުކޮށް، ބަރުހަތިޔާރާއެކު މިހާރު އަލުން ހިންގަމުންގެންދާ އުދުވާނުގެ ތެރޭގައި އުޅެނިކޮށެވެ. މުޖާހިދުންގެ ހަމަލާތަކުގައި އިތުރު އެތައް ސިފައިން ޒަޚަމްވެސް ލިއެވެ.

އަނެއްކޮޅުން، ޣައްޒާގެ ދެކުނުގެ ރަފަޙްގައި ދުޝްމަން ސިފައިން ޖަގަހަ ހަދައިގެން ތިބި އިމާރާތެއް، މުޖާހިދު ރެއިޑްކޮށް ވަރުގަދަ ކުއްލި ހަމަލާތަކެއް ދީފައިވާ ކަމަށް، ހަމާސްގެ އަސްކަރީ ފިޔަ، ޤައްސާމް ބްރިގޭޑުން މިރޭ ބުނެފައި ވެއެވެ.

މި ހަމަލާގައި، އެ އިމާރާތުގެ ތެރޭގައި ތިބި ދުޝްމަނުންގެ 25 ސިފައިންގެ އެތައް ބަޔަކު މަރާލައި އަދި ޒަޚަމްކޮށްލާފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

މި ހަމަލާ ދިނުމަށް މުޖާހިދުން ތަފާތު ބާވަތްތަކުގެ ހަތިޔާރު ބޭނުންކުރި ކަމަށް ހަމާސްއިން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ. އަދި މުޖާހިދުންގެ ހަމަލާގެ ސަބަބުން އިމާރާތް އަދިވެސް އަނދަމުންދާ ކަމަށް ބުނެފައި ވެއެވެ.

އަދި އިމާރާތަށް ހަމަލާދިނުމުން ދުޝްމަން ސިފައިންގެ ހިމާޔަތަށް އެ ތަނަށް އައި އަސްކަރީ 2 ވެހިކަލެއްވެސް ގޮއްވާލެވުނު ކަމަށް ބަޔާނުގައި ވެއެވެ.

މި ހަމަލާއާ ބެހޭޣޮތުން އިސްރާއީލުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

އިސްތިއުމާރީ އިސްރާއީލުގެ ޓެރަރިސްޓުން ޣައްޒާގެ ހުރިހާ ހިސާބެއްގައި ހިންގަމުންގެންދާ "އޮޕަރޭޝަން" އިތުރަށް ފުޅާކޮށް އަނިޔާވެރިކަން ބޮޑުކޮށްފައިވާއިރު، މިއަދުގެ ހެނދުނުން ފެށިގެން ޣައްޒާގެ އެކި ހިސާބުތަކުން މިހާތަނަށް 45 މީހުން ޝަހީދު ކޮށްލާފައި ވެއެވެ.

މުޖާހިދުންވެސް ގެންދަނީ ރައްދު ހަމަލާތައްދީ، ދުޝްމަނުންނަށް ބޮޑެތި ގެއްލުންތައް ދެމުންނެވެ.

ނިމުނު ހަފްތާ ތެރޭގައި އެކަނިވެސް ދުޝްމަން ސިފައިންގެ 10 މީހުން މަރާލައި، އިތުރު އެތައްބަޔަކު ޒަޚަމްކޮށްލާފައި ވާއިރު، އިސްރާއީލުން މިހާރު މަސައްކަތް ކުރަނީ، ޣައްޒާގައި މިހާރު ކިރިޔާވެސް ހަރަކާތެއް ހިންގާ، ހަމާސްއަށް ނިސްބަތްވާ އެންމެން "ނައްތާލުމަށް" ކަމަށް ރިޕޯޓްތައް ބުނެއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay