ދިވެހިރާއްޖޭގައި ތަރައްޤީ ކުރަމުންދާ ބައިނަލްއަޤްވާމީ މާލީ މަރުކަޒަށް ޤަތަރުގެ ފައިނޭންޝަލް ސެންޓަރުން އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމައި، އިޤްތިސާދީ ތަރައްޤީއާއި ޤަތަރު ފައިނޭންޝަލް ސެންޓަރާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމާއެކު ރާއްޖޭގައި ބައިނަލްއަގުވާމީ މާލީ މަރުކަޒެއް ޤާއިމްކުރުމަށް ބޭނުންވާ ކެޕޭސިޓީ އާއި މައުލޫމާތު ބިނާކުރުމަށް މަގުފަހިވާނެ ކަމަށް އިޤްތިސާދީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ބުނެއެވެ.
އެ ވުޒާރާއިން ބުނީ، މި އެއްބަސްވުމުގެ ސަބަބުން ގިނަ ފައިދާތަކެއް ލިބޭނެ ކަމާއި މި ފައިދާތަކުގެ ތެރޭގައި ދުނިޔޭގައި ކުރިއަރާފައިވާ ގައުމުތަކުގައި ފައިނޭންޝަލް މެނޭޖްމަންޓާ ގުޅޭ ކަންކަން ކުރަމުން އަންނަ ގޮތާއި މިކަމާބެހޭ ގާނޫނީ އޮނިގަނޑާއި އޮޕަރޭޝަނަލް ސްޓްރެޓެޖީތަކާއި ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދެވޭނެ ކަމަށެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރާ އެއްގޮތަށް ބައިނަލްއަޤްވާމީ ފައިނޭންޝަލް ސެންޓަރެއް ޤާއިމުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށާއި ކިއުއެފްސީގެ ފަރާތުން މިކަމުގައި ބޮޑު އެހީތެރިކަމެއް ލިބޭނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށްވެސް މިއެއްބަސްވުމާ ގުޅޭގޮތުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ.
މާލޭ އަތޮޅު ފުނަދޫގައި އިޤްތިސާދީ ޚާއްސަ ސަރަހައްދެއް ތަރައްޤީކޮށް ބައިނަލްއަޤްވާމީ މާލީ މަރުކަޒެއް ޤާއިމްކުރެއްވުމަށް ނިންމަވައި މިއަހަރުގެ ކުރީކޮޅު ރައީސުލްޖުމްހޫރިއްޔާ ވަނީ އިއުލާން ކުރައްވާފައެވެ.