logo

ޓެކްސީގެ މައްސަލަ ހައްލުވާނީ މީޓަރު ހަރުކުރުމުން، އެކަން ވަރަށް އަވަހަށް ކުރާނަން: ޓްރާންސްޕޯޓު

profile

އަހުމަދު ޒަލީފު - 16 މޭ 2024 - 16:04

މީހަކު ޓެކްސީއަކަށް އަރަނީ ..

މީހަކު ޓެކްސީއަކަށް އަރަނީ ..

ޓެކްސީތަކުން ރައްޔިތުންގެ އަތުން ބޮޑު އަގު ނަގަމުންދާތީ އެ މައްސަލަ ހައްލު ކުރުމަށް ޓެކްސީތަކުގައި މީޓަރު ހަރުކުރާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ މުހައްމަދު ރޭ ވިދާޅުވީ، ޓެކްސީތަކުގައި މީޓަރު ހަރުކުރަން އެންމެންވެސް ތާއީދުކުރާ ކަމަށާއި ވަރަށް އަވަހަށް އެ މަސައްކަތް ފަށާނެ ކަމަށެވެ. އަލީ މުހައްމަދު ވިދާޅުވި ގޮތުގައި، މިނިސްޓްރީން ބެލި ބެލުމުން އެނގުނީ އާންމުންވެސް އެކަމަށް ވަރަށް ބޮޑަށް ބޭނުންވެފައި ތިބިކަން ކަމަށެވެ.

އަލީ މުހައްމަދު ވިދާޅުވީ، އެ މަސައްކަތް ފެށުމަށްޓަކައި ދިރާސާތައް ހަދައި، އެ ދިރާސާތަކުގެ އަލީގައި ކަމާގުޅޭ ފަރާތްތަކާ ބައްދަލުކޮށް ހޯދުންތައް ހިއްސާކޮށްފައިވާނެ ކަމަށެވެ. އެގޮތުން، ޓެކްސީ ޑްރައިވަރުންނާއި ޓެކްސީ އެޕްތައް ގެންގުޅޭ ފަރާތްތަކާއި ޓެކްސީ ސެންޓަރުތަކާއެކު ބައްދަލުކޮށްފައިވާ ކަމަށާއި އެ ފަރާތްތަކުގެ އެއްބާރުލުން ވެސް އެކަމަށް ލިބެމުން އަންނަ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

"މީޓަރ ޓެކްސީ ތައާރަފްކުރުމަށްޓަކައި އަޅުގަނޑުމެން މިހާރު ވަނީ ދިރާސާއެއްވެސް ހަދާލެވިފައި އަޅުގަނޑުމެންނަށް. އެހެންވީމާ މި ދިރާސާގެ އަލިގައި ސްޓޭކްހޯލްޑާސް އެކީގައި ބައްދަލުވުންތައް ބާއްވައިފި. އަޅުގަނޑު ޤަބޫލުކުރަނީ މި މައްސަލައިގެ ޖުމްލަ ހައްލަކީ މި މީޓަރ ޓެކްސީ ތައާރަފް ކުރުން." އަލީ މުހައްމަދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެއީ ޑްރައިވަރުންގެ އިތުރުން އާންމުންނާއި ސަރުކާރުން ވެސް ވަރަށް ބޮޑަށް ބޭނުންވާ ކަމެއް ކަމަށާއި ޓެކްސީ ހިދުމަތަށް ދިމާވެފައިވާ މައްސަލައަށް މީޓަރު ހަރުކުރުމުުން ޖުމްލަ ހައްލެއް ލިބިގެން ދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އެހެންނަމަވެސް، އެ މަސައްކަތް ފެށިގެންދާނެ ވަކި ތާރީހެއް ހާމައެއް ނުކުރައްވައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނާގޮތުން މީގެކުރިން ޓެކްސީތައް ޤަވައިދަށް ފެއްތުމަށްޓަކައި އެކަށީގެންވާ ފިޔަވަޅުތައް އަޅާފައިނުވެއެވެ. އެހެންކަމުން ޓެކްސީ ޑްރައިވަރުން ބޭނުން އަގުތަކެއްގައި ދަތުރު ކުރަމުންދަނީ އެވެ.

ޓެކްސީތަކުގެ ޤަވައިދު ހިފެހެއްޓުމަށްޓަކައި ޓެކްސީގައި ހަރުކުރަން ޖެހޭ ހުރިހާ އާލާތްތައް ބަރާބަރަށް ހަރުކޮށްފައި ހުރޭތޯ މޮނީޓާރ ކުރުމުގެ މަސައްކަތްތަކެއް އެ މިނިސްޓްރީން މިހާރު ދަނީ ކުރަމުންނެވެ.

tel:+9607331319