logo

ޓެކްސީ ކުރެވޭނެ އަގުތައް އަލުން ކަނޑައަޅައިފި

profile

އަހުމަދު ޒަލީފު - 14 މޭ 2024 - 21:34

މީހަކު ޓެކްސީއަކަށް އަރަނީ ..

މީހަކު ޓެކްސީއަކަށް އަރަނީ ..

މާލޭ ސަރަހައްދުގައި ކުރާ ޓެކްސީ ދަތުރުތަކަށް ނެގޭނެ އަގުތައް ޓްރާންސްޕޯޓް މިނިސްޓްރީން އަލުން ކަނޑައަޅައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ހަތަރު ފުރޮޅުލީ އުޅަނދުގައި ޓެކްސީ ދަތުރު ކުރެވޭ އަގުތައް ކަނޑައަޅައި، އެ އަގުތަކަށް މި މަހުގެ 20 އިން ފެށިގެން އަމަލުކުރަންޖެހޭނެ ކަމަށެވެ.

ހަ ސީޓަށް ވުރެ މަދު އުޅަނދުތަކުގެ ޓެކްސީ އަގުތައް:

ޒޯނު އެތެރޭގެ ދަތުރުތައް (މާލެ، ހުޅުމާލެ، ހުޅުމާލެ 2 ގެ އެތެރޭގެ ދަތުރުތައް) – 30ރ.

މާލެ އިން ހުޅުމާލެ ފޭސް 1 އަށް: 85ރ،

މާލެ އިން ހުޅުމާލެ ފޭސް 2 އަށް: 100ރ،

މާލެ އިން އެއާޕޯޓަށް: 70ރ.

ހުޅުމާލެ 2 އިން މާލެ އަށް 100ރ.

ހުޅުމާލެ 2 އިން ހުޅުމާލެ 1 އަށް 40ރ.

ހުޅުމާލެ 2 އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް 85ރ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މާލެ އަށް 70ރ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހުޅުމާލެ 1 އަށް 80ރ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހުޅުމާލެ 2 އަށް 85ރ.

މާލެއިން ނުވަތަ ހުޅުމާލެއިން ވިޔަސް އެއާޕޯޓަށް ކުރާ ދަތުރުގައި ޑޮމެސްޓިކް ޓާމިނަލަށް ދާނަމަ މިހާރު ކަނޑައަޅާފައިވާ އަގުގެ އިތުރުން 10 ރުފިޔާ ނެގޭނެެ އެވެ. އަދި ޓެކްސީއަށް އަރުވާ ލަގޭޖްގެ އަދަދު ތިން ލަގެޖަށް ވުރެ އިތުރުވާނަމަ ކޮންމެ ލަގޭޖަކަށް 5 ރުފިޔާ ނެގުމުގެ ހުއްދަވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ޓެކްސީތަކަށް ދީފަ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ޓެކްސީ ކުރުމުގެ އަގުތައް ކަނޑައަޅާފައިވަނީ ދަތުރުކުރެވޭ ސަރަހައްދާއި ޕެޓްރޯލް ހަރަދާއި އެފަދަ ކަންކަމަށް ރިއާޔަތްކޮށް ޓެކްސީ ޑްރައިވަރުންނާއި ހިދުމަތް ލިބިގަންނަ އާންމު ފަރުދުންގެ މަސްލަހަތަށް ބުރޫނާރާނެ ފަދަ ވިސްނުމެއްގައި ކަމަށެވެ. އަދި ކަނޑައަޅާފައިވާ އާ އަގުތަކަށް ޓެކްސީގެ ހިދުމަތް ދޭ ފަރާތްތަކުން އަމަލު ކުރޭތޯ، ދިވެހި ފުލުހުންގެ ހިދުމަތާ ގުޅިގެން ވަރަށް ގާތުން ބަލަމުން ގެންދާނެކަމަށްވެސް އެ މިނިސްޓްރީން ބުނެ އެވެ.

tel:+9607331319