logo

ބޭނުންވަނީ ސަރުކާރާ ގުޅިގެން ކަންބޮޑުވުންތަކަށް ހައްލު ގެންނަން: ޑްރައިވަރުން

profile

އަހުމަދު ޒަލީފު - 15 މޭ 2024 - 18:07

--

--

ޓެކްސީކުރުމުގައި ހުރި މައްސަލަތަކަށް ސަރުކާރާ ގުޅިގެން ހައްލު ގެންނަން ބޭނުންވާ ކަމަށް ޓެކްސީ ޑްރައިވަރުން ބުނެފިއެވެ.

ޓެކްސީ ޑްރައިވަރުންގެ ފަރާތުން ކަންބޮޑުވާ ކަންތައްތަކެއް ހުރިކަން ފާހަގަކޮށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައި މިވަނީ ޓެކްސީ ކުރުމުގެ އަގުނަގާ އުޞޫލާއި ގުޅިގެން އާންމު ރައްޔިތުންގެ ހުރި ގިނަ ކަނބޮޑުވުންތަކަށް ޙައްލުގެނައުމަށް މާލެ ސަރަހައްދުގައި ޓެކްސީ ކުރުމުގެ އަގުތައް ދަތުރުފަތުރާ ބެހޭ ވުޒާރާއިން ކަނޑައެޅައި އާންމުކުރުމާ ގުޅިގެންނެވެ.

ޓެކްސީ ޑްރައިވަރުންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑްރައިވަރުންގެ ފަރާތުން ވާހަކަދެއްކި އިބްރާހިމް ޝަމީމް ބުނީ ރާއްޖޭގެ ޓެކްސީ ކުރުމުގައި ހުރި މައްސަލަތަކަށް ހައްލު ހޯދަން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒަރާއާއެކު މަޝްވަރާތަކެއް ކޮށްފައިވާ ކަމަށެވެ.

މާލެ ސަރަހައްދުގައި ޓެކްސީ ކުރުމުގައި ދިމާވާ ކަންކަމާ ގުޅޭގޮތުން ޝަމީމް ވަނީ އެއަރޕޯޓުގެ ޓެކްސީ ކިޔުގައި ފުލުހުން ހަރަކާތްތެރިވަމުންދާތީ ޓެކްސީ ކިޔުގައި ގިނަ އިރުތަކެއް ވަންދެން ތިބެންޖެހޭކަން ފާހަގަކޮށްފައެވެ. އަދި ކުރިން ކަން ހިނގަމުންދާ ގޮތަށް އެއަރޕޯޓުން ޓެކްސީ ޑްރައިވަރުން އަމިއްލައަށް ދަތުރުތައް ނަގާ ގޮތަށް ބަދަލުކޮށްދިނުމަށް އެދޭކަމަށް އެނާ ވަނީ ބުނެފައެވެ.

އެއަރޕޯޓު ސަރަހައްދުގައި ބައެއް ޓެކްސީ ޑްރައިވަރުން އަމަލުކުރާ ގޮތުން ތަފާތު މައްސަލަތައް ދިމާވާތީ ޢާންމުންގެ ހުރި ކަންބޮޑުވުންތައް ހުރުމުން އެ ސަރަހައްދުގެ ޓެކްސީ ކިޔު މިހާރު ބަލަހައްޓަމުންދަނީ ފުލުހުންނެވެ.

މީގެ އިތުރުން ޑްރައިވަރުން ވަނީ ދަތުރުފަތުރާ ބެހޭ ވުޒާރާއިން 7 ސީޓުގެ އުޅަނދުތަކަށް ނަގަންޖެނެ އަގުގެ ގޮތުގައި އަންގާރަ ދުވަހު އާންމުކުރި އަގުތައް ކުޑަކަމަށްބުނެ އެކަމާ ގުޅޭގޮތުންވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ.

7 ސީޓާއި 10 ސީޓާ ދެމެދުގެ އުޅަނދުތަކުގައިކުރާ ދަތުރުތަކުގެ އަގާ ގުޅޭގޮތުން ސަރުކާރުން ވިދާޅުވެފައިވަނީ އެފަދަ އުޅަނދުތަކަށް ކަނޑައެޅިގެން ވަކި އަގެއް މީގެ ކުރިން ހަމަޖައްސާފައިނުވާ ކަމަށެވެ. އަދި މިހާރުގެ ގަވައިދުގެ ތެރެއިން ވަކި އަގުތަކަށް ކަނޑައަޅާފައިވަނީ ދިމާވާ މައްސަލަތަކަށް ހައްލު ގެނައުމުގެ ގޮތުންކަމަށް ސަރުކާރުން ވިދާޅުވެއެވެ.

tel:+9607331319