logo

މިއަހަރުގެ އެއް މިލިއަންވަނަ ފަތުރުވެރިޔާއަށް އެމް.އޭ.ސީ.އެލް އިން ވީއައިއޭއިން މަރުހަބާ ކިޔައިފި

profile

އާމިނަތު ޝަޒްލާ - 20 ޖޫން 2026 - 15:56

ރާއްޖޭގެ ފަތުރުވެރިކަމާއި ވައިގެ ދަތުރުފަތުރުގެ ސިނާއަތަށް ލިބުނު ފާހަގަކޮށްލެވޭ ކުރިއެރުމެއްގެ ގޮތުން، މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ކިޔައިފިއެވެ.

https://wamco.com.mv/

މި ޝަރަފުވެރި ފަތުރުވެރިޔާއަކީ ދޯހާ އިން ފުރައިގެން ގަތަރް އެއާވޭސް އިން ރާއްޖެއަށް ދަތުރުކުރި ސްޕެއިން އަށް ނިސްބަތްވާ ފަސިންޖަރެކެވެ. މި މުހިންމު ލަނޑުދަނޑި ފާހަގަކުރުމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

މި ހަފްލާގައި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން، އޮނަރަބަލް މުޙައްމަދު އަމީން، މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުން، އެމް.އޭ.ސީ.އެލްގެ ޗީފް ކޮމާޝަލް އޮފިސަރ މުޙައްމަދު މިހާދު، ޗީފް އިމަރޖެންސީ ސަރވިސް އޮފިސަރ ޢަބްދުﷲ ވަޙީދު، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން (ރިޓަޔަރޑް) އަޙްމަދު ފަޞީޙް، ވިޒިޓް މޯލްޑިވްސްގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީ، ވިޒިޓް މޯލްޑިވްސްގެ ބޯޑު މެންބަރުން، ފަތުރުވެރިކަމުގެ ދާއިރާގެ ހިއްސާދާރުން އަދި އެއަރލައިން ޕާޓްނަރުން ބައިވެރިވިއެވެ.

މި ހާއްސަ މުނާސަބަތުގައި އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް އެމް.އޭ.ސީ.އެލް އާއި ދާއިރާގެ ބައިވެރިންގެ ފަރާތުން ހަނދާނީ ހަދިޔާތަކެއް އެރުވުނެވެ. މިއީ ދިވެހިންގެ މެހެމާންދާރީގެ ފުރިހަމަކަމާއި، ވައިގެ ދަތުރުފަތުރާއި ފަތުރުވެރިކަމާ ދެމެދު އޮތް ބަދަހި ގުޅުން ރަމްޒުކޮށްދޭ ކަމެކެވެ.

ރާއްޖޭގެ މައި ދޮރާށީގެ ގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަދާކުރާ ދައުރު ފާހަގަކުރަމުން، އެމް.އޭ.ސީ.އެލް އިން ބުނީ އެއާޕޯޓުގެ ހިދުމަތްތައް އިތުރަށް ތަރައްގީކޮށް، ފަސިންޖަރުންނަށް ފޯރުކޮށްދޭ ތަޖުރިބާ ރަނގަޅުކުރުމަށް އަބަދުވެސް މަސައްކަތްކުރާނެ ކަމަށެވެ.

މި ކާމިޔާބީ ހާސިލުކުރުމުގައި އެހީތެރިވި ޓޫރިޒަމް މިނިސްޓްރީއާއި، ވިޒިޓް މޯލްޑިވްސް އާއި، އެއާލައިންތަކާއި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ އިތުރުން ރިސޯޓްތަކާއި އެއާޕޯޓުގެ ހުރިހާ ހިއްސާދާރުންނަށް އެމް.އޭ.ސީ.އެލް އިން ވަނީ ޝުކުރު އަދާކޮށްފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk